ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް - ރަޝިޔާ ތަހުގީގުން އެޓާނީ ޖެނެރަލް ވަކިވެއްޖެ

Mar 3, 2017

އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި ކަމަށް ބެލެވޭތީ ކުރާ ތަހުގީގުން އެ ގައުމުގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ވަކިވެވަޑައިގެންފި އެވެ.

އޭނާ އެ ތަހުގީގުން ވަކިވެވަޑައިގެންނެވީ އޭނާއަކީ ކެމްޕޭން ދުވަސްވަރު ރަޝިޔާގެ އޮފިޝަލުންނާ މުއާމަލާތް ކުރެއްވި ބޭފުޅެއް ކަން ފަޅާއަރާފައި ވާތީ އެކަން ތަހުގީގު ކުރުމުގެ މަސައްކަތުން ދުރުވުމަށް އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާތީ އެވެ.

ކުއްލިއަކަށް ބޭއްވެވި ނޫސްކޮންފަރެންސެއްގައި ސެޝަންސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ކެމްޕޭނާބެހޭ ގޮތުން ކުރިމަގުގައި ކުރާ އެއްވެސް ތަހުގީގެއްގައި އޭނާ ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.

ސެޝަންސް އެމެރިކާގެ އެޓާނީ ޖެނެރަލް އަކަށް ހަމަޖެއްސުމަށް ޓަކައި ރުހުން ދިނުމުގެ ކުރިން އެގައުމުގެ ޕާލަމެންޓްގައި ރަޝިޔާއާބެހޭ ގޮތުން އޭނާއާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ އިތުރުފުޅު ހެއްދެވިކަން މިހާރު ވަނީ ފަޅާ އަރާފަ އެވެ. އޭރު އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވެފައި ވަނީ ރަޝިޔާގެ އޮފިޝަލުންނާ އޭނާ އެއްވެސް މުއާމަލާތެއް ނުކުރާ ކަމަށެވެ.

ނަމަވެސް އެމެރިކާގައި ހުންނަވާ ރަޝިޔާ ސަފީރު ސެޝަންސްގެ އޮފީހަށް ވަޑައިގެން އޭނާއާ ބައްދަލު ކުރެއްވި ކަން މިހާރު ވަނީ ފަޅާ އަރާފައެވެ. އެކަމުގެ ދިފާއުގައި ސެޝަންސް ވިދާޅުވެފައި ވަނީ ސަފީރާ ބައްދަލު ކުރެއްވީ ޓްރަމްޕަށް ކެމްޕޭން ކޮށްދެއްވާ ބޭފުޅެއްގެ ހައިސިއްޔަތުން ނޫން ކަމަށެވެ. -- ބީބީސީ