ހަބަރު

ޓީޗަރުންގެ އިނގިރޭސި ފެންވަރު ރަނގަޅު ކުރާ ޕްރޮގްރާމެއް ފަށަނީ

ޓީޗަރުންގެ އިނގިރޭސި ބަހުގެ ފެންވަރު މަތި ކުރަން އެޑިޔުކޭޝަން މިނިސްޓްރީ އާއި އެޑިޔުކޭޝަން ފަސްޓް (އީއެފް) ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ފަށަން މިއަދު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.

ހޮޓެލް ޖެން ގައި މިއަދު ބޭއްވި ހަފުލާއެއްގައި އެޑިއުކޭޝަނުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. އީއެފް ގެ ފަރާތުން ސޮއި ކުރެއްވީ އީއެފް ގަވާމަންޓް ސޮލިއުޝަންގެ ޕްރިޒިޑެންޓް، ކުލެޔަސް ސެޑާ އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ތިން އަހަރަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ގައި 6،000 ޓީޗަރުން ތަމްރީނު ކުރާނެ އެވެ. ފުރަތަމަ ބުރު މި މަހު ފަށާއިރު ދެވަނަ ބުރު ކުރިޔަށް ގެންދާނީ އަންނަ އަހަރު އެވެ.

މިނިސްޓަރު އައިޝަތު ޝިހާމް މިއަދު ވިދާޅުވީ މި ޕްރޮގްރާމް ގެ ސަބަބުން ޓީޗަރުންގެ އިނގިރޭސި ކިޔަވާ ދިނުމުގެ ފެންވަރު ރަނގަޅުވެ ޓިޗަރުންނާއި ދަރިވަރުންގެ ދެމެދުގަ އޮންނަ ގުޅުން ހަރުދަނާ ވެގެން ދާނެ ކަމަށެވެ. އަދި ދަރިވަރުންނަށާއި ޓީޗަރުންނަށް އިތުރު ފުރުސަތު ތަކެއް ހުޅުވިގެން ދާނެ ކަމަށެވެ.

"މިހާރުގެ ކުދިންނަކީ ޓީވީ އާ ޔޫޓިއުބް ބަލައިގެން އިނގިރޭސިން މޮޅަށް ވާކަހަ ދައްކާ ކުދިން. އެކުދިންގެ އެ ފެންވަރަށް ޓީޗަރުން ތައްޔާރު ކުރުމަކީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އީއެފް އަކީ އެޑިޔުކޭޝަން ދާއިރާއިން ދުނިޔޭގެ ފެންވަރުގަ ބަހާ، ސަގާފަތާ، އެކަޑެމިކް ސުކޫލު ތައް ހިންގަމުން އަންނަ ބައެކެވެ. އީއެފް ގެ 500 އަށް ވުރެ ގިނަ ސުކޫލުތައް ދުނިޔޭގެ އެކި ސަރަހައްދު ތަކުގަ ގާއިމްވެފައި ވެއެވެ. އީއެފް ވުޖޫދަށް އައީ 1965 އަހަރެވެ.