ހަބަރު

ކުރީގެ ސްޓޭޓް މިނިސްޓަރަކަށް ކޮރޮޕްޝަންގެ ދައުވާ ކުރަނީ

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ޗާޕް ކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރުމުން، ފޮތްތައް ހަމައަށް ނުލިބުމާއި ޗާޕު ކުރި ފޮތްތަކުގައި ކުށް ހުރެގެން ދައުލަތަށް ލިބުނު ގެއްލުމާގުޅޭ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރަކަށް ދައުވާ ކުރުމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފި އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން މިއަދު އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ 150000 ފޮތް ޗާޕްކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް، އެކުންފުންޏާއި ފިނޭންސް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އެގޮތުން ތަރުޖަމާގެ ހުރިހާ ހުރިހާ ފޮތެއް ޗާޕްކޮށް ހަވާލުކުރުމުން މަސައްކަތުގެ ޖުމުލަ އަގުގެ ފަހު 15 ޕަސެންޓް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ނަމަވެސް ފައިސާ ދެއްކުމަށްޓަކައި އެ މަސައްކަތް ނިމުނުކަން ޔަގީން ކުރުމަށް ފިނޭންސް މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވި ސިޓީ ފޮނުވުމުން ޗާޕްކުރި ފޮތްތަކުގެ ތެރެއިން 98160 ފޮތް ހަވާލު ނުކުރާ ކަމަށް އެ އޮފީހުން އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް ފޮތްތައް ހަމަޔަށް ނުލިބޭ ކަމަށް ބުނާ އެ ސިޓީއާ ހަވާލާދީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ސޮއިކޮށްފައިވާ އިންޓާނަލް މެމޯގައި ހުރިހާ ފޮތްތަކެއް ލިބިފައިވާކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެ މެމޯގައި ސޮއި ކުރީ އޭނާ ކަަމަށް އެއްބަސްވެފައިވާ ކަމަށެވެ.

ޤުރުއާނުގެ ތަރުޖަމާ ޗާޕު ކުރަން ދިން ފޮތްތައް ހަމައަށް ލިބުނު ކަމަށް ބަޔާންކޮށް އިންޓާނަލް މެމޯއެއް ތައްޔާރުކޮށް ފައިސާ ދޫކުރުމަށް ފިނޭންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު އެންގި އެންގުމަކީ ނުލިބޭ މުދަލަކަށް ފައިސާ ދޫކުރުމަށް އެންގުންކަން އެނގެން ކަމަށާއި އެއީ ވަކި ފަރާތަކަށް ނާޖައިޒް ފައިދާއެއް ހޯދައިދިނުމަށް ހިންގާފައިވާ އަމަލެއްކަން ވެސް ތަހުގީގަށް އެނގެން އޮތް ކަމަށް އޭސީސީން ބުންޏެވެ. އެހެންކަމުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެކުށުގެ ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އޭގެ އިތުރުން ފޮތްތައް ޗާޕު ކުރި ކުންފުންޏާއި ފިނޭންސް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 30,801,000 ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށާއި ނަމަވެސް ޤުރުއާން ތަރުޖަމާގެ 150،000 ކޮޕީ ޗާޕު ކުރަން ހަވާލު ކުރި އިރު ދައުލަތަށް ފޯރުކޮށްދީފައި ވަނީ 18405 ކޮޕީ ކަމަަށް އޭސީސީން ބުންޏެވެ. އަދި އެ ފޮތްތަކުގައި ވެސް ކުށް ހުރުމާއި ޕްރިންޓު ކުރުމުގައި މައްސަލަތައް ހުރުމުން އެއީ ބޭނުން ކުރެވޭ ގޮތަކަށް ހުރި ފޮތްތަކެއް ނުވުމުން ދައުލަތުން އެ ކުންފުންޏަށް ދިން 30,801,000 ރުފިޔާ އަނބުރާ ހޯދުމަށް ފިނޭންސް މިނިސްޓްރީ އާއި އޭޖީ އޮފީހަށް އަނގާފައިވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.