ހަބަރު

އެސްޓީއޯއިން ވިއްކާ ފުށެއްގައި ނުބައި ވަހާއި ރަހައެއް އެކުލެވޭތީ އެކަން ބަލަނީ

އެސްޓީއޯއިން ވިއްކާ ފުށެއްގައި ނުބައި ވަހަކާއި ރަހައެއް އެކުލެވޭތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އިން ބަލަން ފަށައިފި އެވެ.

އެމްއެފްޑީއޭ އިން ބުނީ، އެސްޓީއޯއިން ވިއްކާ ފުށުގެ ބެޗް ނަމްބަރު 17016853ގައި ނުބައި ވަހަކާއި ރަހައެއް އެކުލެވޭތީ އެކަން ބަލަމުންދާ ކަމަށާއި އެހެން ކަމުން ގަންނަ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. ނަމަވެސް އެހެން ބެޗް ތަކުގެ ފުށުގައި މައްސަލައެއް ނެތް ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

މިކަމާ ގުޅިގެން އެސްޓީއޯގެ ބަހެއް ލިބޭ ގޮތް ނުވުމުން މިހާތަނަށް އެސްޓީއޯއިން ވިއްކާފައިވަނީ މި ބެޗްގެ ކިހާ އަދަދެއްގެ ބަސްތާއެއް ކަމެއް ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.

އެސްޓީއޯއިން ރާއްޖެއަށް ފުށް އެތެރެ ކުރާ ގައުމަކީ އިންޑިއާ އެވެ. އެސްޓީއޯ އަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކާޑުގެ ބާވަތްތައް ވިއްކާ ކުންފުންޏެކެވެ.