ހަބަރު

24 ގަޑިއިރު ފިހާރަތައް ހުޅުވަން އާންމުންގެ ހިޔާލަށް ހުޅުވާލައިފި

24 ގަޑި އިރު ވިޔަފާރިތަކާއި ސައިހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވާފައި ބެހެއްޓުމަށް އާމުންގެ ހިޔާލު ހޯދަން އިކޮނޮމިކް މިނިސްޓްރީއިން ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދާއި ސައިހޮޓާ އަދި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި ކެންޓީނު ހިންގުމުގެ ގަވާއިދުގެ ދަށުން، 24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި، އެމިނިސްޓްރީން އެކުލަވާލާފައިވާ "24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ އުސޫލު" ޢާންމުންގެ ޚިޔާލަށް ހުޅުވާލައިފި ކަމަށެވެ.

އަދި އެ އުސޫލަށް އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންވާ ނަމަ 29 ނޮވެމްބަރ 2018 ގެ މެންދުރު 2:00 ގެ ކުރިން އެ މިނިސްޓްރީ އަށް މެއިލް ކުރުމަށް އެދޭކަމަށާއި، ލިޔުމުން ހިޔާލު ހުށަހަޅާ ކަމަށްވާނަމަ އެ މިނިސްޓްރީގެ ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަނަށް އެޑްރެސް ކުރުމަށް އެއިއުލާނުގައި ވަނީ އެދިފަ އެވެ.

މީގެ ކުރިންވެސް 24 ގަޑި އިރު ވިޔަފާރިތަށް ހުޅުވާފައި ބެހެއްޓިއެވެ. އެހެން ނަމަވެސް އެ އުސޫލު ބަދަލުކޮށް، ހަމަ އެކަނި ވަކި ގަޑިތަކެއްގައި ވިޔަފާރި ކުރެވޭގޮޮތަށް ބަދަލު ކުރަަން ރައީސް ޔާމީންގެ ސަރުކާރުން ނިންމީ މާލޭގައި ގޭންގް ކުށްތަށް އިތުރުވާކަމަށް ބުނެއެވެ.

24 ގަޑި އިރު ވިޔާފާރިތަށް ހުޅުވާފައި ބެހެއްޓުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.