ހަބަރު

24 ގަޑިއިރު ހުޅުވާފައި ހުންނާނީ ސްޓެލްކޯ ކައިރީ ހުންނަ ޝެޑް

ޕެޓްރޯލް ޝެޑްތައް 24 ގަޑިއިރަށް ހުޅުވާފައި ބެހެއްޓުމަށް ސަރުކާރުން ނިންމަވާފައިވާތީ، މިއަދުން ފެށިގެން ސްޓެލްކޯ ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑް 24 ގަޑިއިރު ހުޅުވިފައި ހުންނާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ބުނެފި އެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދާށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން، މިއަދުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑި އިރަށް ހުޅުވާފައި ބެހެއްޓިދާނެ އެވެ.

އެ އިސްލާހު މިއަދު ގެޒެތްކޮށްފައިވާތީ، މިއަދުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފަށާނެ އެވެ. ޕެޓްރޯލް ޝެޑްތައް މިހާރު ހުޅުވަނީ، ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށެވެ. އަދި ހުކުރު ދުވަސްދުވަހު ހެނދުނު ވަގުތުތަކުގައި އެތަންތަން ހުންނަނީ ބަންދުކޮށްފަ އެވެ.

އެފްއެސްއެމް އިން ބުނީ، ރައްޔިތުންނަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިމްތިޒާމް ހަމަޖެއްސުމުގެ ގޮތުން މިއަދުން ފެށިގެން އެފްއެސްއެމްގެ އީޒީފިލް ޝެޑް އެކެއް 24 ގަޑިއިރަށް އެސްޓީއޯގެ އިރުޝާދުގެ ދަށުން ހުޅުވާފައި ހުންނާނެ ކަމަށެވެ.

ވިޔަފާރީގެ ހިދުމަތްދޭ ތަންތަން 24 ގަޑިއިރަށް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އަމާޒްތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. ޕެޓްރޯލް ޝެޑުން ހިދުމަތްދޭ ވަގުތުތައް ކުޑަވެ، ޕެޓްރޯލް އެޅުމަށް ދިގު ކިޔުތަކެއް އޮންނަ މައްސަލައިގައި އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.