ވިޔަފާރި

މަސް ރޭހުގެ އެއްވަނަ އަށް ދިޔަ ފަރާތް އިނާމާ ހަވާލު ނުވޭ

May 4, 2019

އުރީދޫގެ ސްޕޮންސާއެކު މިދިޔަ އަހަރުގެ ރޯދަ މަހު ބޭއްވި މަސް ރޭހުގެ އެއްވަނަ އަށް ދިޔަ ފަރާތަށް އިނާމު ނުދެވި ލަސްވަނީ އިނާމާ ހަވާލު ނުވާތީ ކަމަށް، މަސް ރޭސް އިންތިޒާމު ކުރި ފީލް އިންވެސްޓްމަންޓުން ބުނެފި އެވެ.

މިދިޔަ އަހަރު ބޭއްވި މަސް ރޭހުގެ އިނާމު ހަވާލު ނުކުރާ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން، ފީލް އިންވެސްޓްމަންޓުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ މިދިޔަ އަހަރު މަސް ރޭސް އިންތިޒާމު ކުރީ އެ ކުންފުނިން ކަމަށާ، މަސް ރޭސް ސްޕޮންސާ ކުރީ އުރީދޫއިން ކަމަށެވެ. އަދި މަސް ރޭހުގެ އެއްވަނަ ދިޔަ "މަލަހިނި" ޓީމަށް އިނާމު ހަވާލު ނުކުރެވެނީ އިނާމާ ހަވާލު ނުވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އިނާމަށް ދޭން އޮތީ މަސް ލޯންޗަކާއި އައުޑްބޯޑް އިންޖީނެއް. މުބާރާތް ނިމުމުން އިނާމު ހަވާލު ކުރަން އުޅެނިކޮށް އެ ޓީމުން ބޭނުންވީ ލޯންޗް މޮޑިފައި ކުރަން. އެހެންވެ ހަވާލު ނުވެ އޮތީ. އިނާމު ދިން ތަނަނަށް 60 ހޮސްޕަވަރުގެ އިންޖީނު ވެސް ގެންދިޔަ. އެކަމަކު އެ ފަރާތުން ހަވާލު ނުވެ އޮތީ،" އޮފިޝަލް ވިދާޅުވި އެވެ.

ފީލް އިންވެސްޓްމަންޓުން ބުނި ގޮތުގައި ޑީޓެކް ކުންފުނިން ސްޕޮންސާ ކުރި 60 ހޮސްޕަވަރުގެ އިންޖީނާއި ޖީޓީ ކްރާފްޓުން ސްޕޮންސާ ކުރި މަސް ލޯންޗު މިހާރު ވެސް ބަލައި ގޮސްފިނަމަ ލިބޭނެ ކަމަށެވެ.

"އެހެންވެވީމަ އިނާމު ނުދެއެކޭ ނުބުނެވޭނެ. އިނާމާ ހަވާލު ވާން ނާންނަނީ. އިނާމާ ހަވާލު ނުވަނީ. މޮޑިފިނޭޝަން ކަންތަކުގައި ގޮތެއް ނިންމާއިރަށް ލޯންޗް ވެސް ހަވާލު ކުރެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.