އަގުތައް މައްޗަށް، މަގުތައް ފުރިއްޖެ!

މާލޭގައި މިހާރު ބާޒާރު މައްޗެއް، ފިހާރަ ދޮށެއް ކިޔާނެކަމެއް ނެވެ. މުޅި ހިސާބު މިއޮތީ ފުރި ތޮއްޖެހިފަ އެވެ. ރޯދަ އަށް ބާޒާރު ކުރަން ގިނަ ބަޔަކު ނުކުމެ މަގުމަތީގައި ހޭބޯނާރާ އުޅޭއިރު މާލެ ތެރެއިން ފެންނީ ހަމަބޮލި ކަމެވެ. ސައިކަލްގައި މީހަކު ފެނިއްޖެނަމަ ފަހަތުގައި އިންނަ މީހާގެ ފައިމަތީގައި އަވަނެއް އިންނާނެ އެވެ. ހުސް ޕިކަޕެއް ލިބުމަކީ މިހާރު ވާނެ ކަމެއްނޫނެވެ. ފިޔާ ނޫނީ އަލުވި ބަސްތާއެއް ނޫނީ ބިސް ކޭހެއް ނެތް އުޅަނދެއް ނުފެނެ އެވެ. މަގުތައް މިވަރަށް ފުރިފައި އޮތްއިރު، ބާޒާރުގައި އަގުތައް ވެސް މިހާރު ހުރީ ވަރަށް މަތީގަ އެވެ.

"ފުރަތަމަ ހަފުތާގައި ވާނީ ހަމަ މިހެން. އަގުތައް ވާނީ މަތި. ދެވަނަ ހަފުތާ އިން ފެށިގެން އަގުތައް ތިރިވާނީ" އަގު ބޮޑުކަމަށް ބުނުމާއެކު، ގޮޅީގައި ހުރި މީހާ ދިނީ ރުންކުރު ޖަވާބެކެވެ.

މިއީ ހަމަ އާދެ އެވެ. މިއީހަމައެކަނި މި ރޯދަ މަހަށް ހާއްސަ ކަމެއް ވެސް ނޫނެވެ. ނަމަވެސް މި އަހަރު އެހެން އަހަރުތަކާ ތަފާތެއް އެބަހުއްޓެވެ. އެ ތަފާތަކީ މި އަހަރު މިރުހުގެ އަގު އިންތިހާއަށް މަތިވެފައިވުމެވެ. މިދިޔަ އަހަރު މުލަ ރޯދައިގެ ކުރީ ދުވަހު މިރުސް ކިލޯއެއް ހުރީ 500ރ. އަށެވެ. ނަމަވެސް ކުޅި ގަދަ މީރު ކަނޑޫދޫ މިރުހުގެ އަގު ހުރީ ރަނުގަ އެވެ.

މާރުކޭޓު ގޮޅީގައި ހުރި މީހަކު ބުނި ގޮތުގައި މިރުހުގު އަގު ބޮޑު ވެގެން އުޅެނީ ހޫނު ގަދަވުމުގެ ސަބަބުން މިރުސް ދަނޑުތަކަށް ގެއްލުންވެގެންނެވެ.

"މިހާރު މިރުސް ކިލޯއެއް މި ހުރީ 1100ރ. އަށް. މިއީ މީގެ ހަފުތާއެއްގެ ކުރިން 800ރ. އާއި 500ރ. އަށް ލިބެން ހުރި އެއްޗެއް. އަގު ބޮޑު ވަނީ ހަމަ ނުލިބޭތީ،" މާރުކޭޓު ގޮޅީގައި ހުރި މީހަކު މިއަދު ބުންޏެވެ.

އެހެން ބާވަތްތަކުގެ ތެރެއިން ކަރާ ކިލޯއެއް ހުރީ 30ރ. އާއި 35ރ. އާ ދެމެދުގަ އެވެ. ނަމަވެސް ފިޔާ، އަލުވި އަދި ބިހުގެ އަގު އަދި ހުރީ އެއްވަރެއްގަ އެވެ.

ބޮޑެތި ފިހާރަތަކަށް މިލިއަނުން ވިޔަފާރި!

ބޮޑެތި ފިހާރަތަކުގެ ފައިސާ ވަތްގަނޑުތައް ކައިރީގައި ތިބޭ ކޭޝިއަކުން މިހާރު ފެންނަނީ ބިޒީކޮށެވެ. ސަބަބަކީ ވިޔަފާރި ކުރަން ބޮޑެތި ފިހާރަ ތަކަށް ގޮސްތިބި މީހުންނާއެކު، ބިޒީ ވެގެން ގޮސްފައިވާތީ އެވެ.

"މިއަދާއި އިއްޔެ ވިޔަފާރި ވަރަށް ރަނގަޅު. އެންމެ ގިނައިން ވިކެނީ މައިކްރޯ. ބަދިގެ ސާމާނު. މިހާރު ވިކެނީ ކެއިން ބުއިމަށް ބޭނުންވާ ސާމާނު،" މާލޭގެ އެންމެ ބޮޑު އެއް ފިހާރަ ކަމަށްވާ ރެޑްވޭވް އިން ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.

ރެޑްވޭވްގެ އިތުރުން އެސްޓީއޯ ސުޕަމާޓާއި ވީބީ ފަދަ ބޮޑެތި ފިހާރަތައް ވެސް މިހާރު އޮތީ ފުރިފަ އެވެ.

މުލަ ރޯދަ ދުވަހުގެ ވިޔަފާރިއާއެކު، މާލެ މިވަނީ ހަމަބޮލިވެފަ އެވެ. މިހަލަބޮލިކަމުގައި އަގުތައް ވެސް ހުރީ މަތީގަ އެވެ.