ރިޕޯޓް

އުމްރާއަށް ދަނީތަ؟ މިކަން ކަމަށް ސަމާލުވާތި!

ރޯދަ މަހެއްގައި އުމްރާއެއް ކުރުމުގެ ނަސީބު ﷲ ސުބުހާނަހޫ ވަތަޢާލާ އަހަންނަށް މިންވަރު ކުރެއްވެވި އެވެ. އެ ދަތުރަކީ ހަޔާތުގައި ކުރެވުނު އެންމެ ބަރަކާތްތެރި، އެންމެ ހިތްހަމަޖެހޭ ތަޖުރިބާ އެވެ. ފެނުނު ކަންކަމާއި ކުރެވުނު ތަޖުރިބާގެ މައްޗަށް ބިނާކޮށް، ބާއްޖަވެރި ދަތުރު އިތުރަށް ފުރިހަމަ ކުރެވިދާނެ ގޮތްތަކެއްގެ މައްޗަށް ބަލައިލާނަމެވެ.

1
 

މާލެއިން މައްކާއަށް ކުރާ ދިގު ދަރުތު

އިހްރާމް އަޅައިގެން މާލެއިން މައްކާއަށް ދިޔުމަށް ކުރާ ދަތުރު މިއީ ކުރު ދަތުރެއް ނޫނެވެ. ރޯދަ މަހު އުމްރާއަށް ދިޔުމަށް އާއްމުކޮށް ފުރާނީ ހެނދުނުގެ ވަތުގެއްގަ އެވެ. އަދި ސީދާ ޖިއްދާ އެއާޕޯޓަށް ދިޔުމުގެ ބަދަލުގައި ގިނަ ފްލައިޓް ލަންކާގައި ޓްރާންސިޓް ކުރެއެވެ. އެއާޕޯޓުގައި ހޭދަވީ ވަގުތު ހިމަނައިގެން މާލެއިން ޖިއްދާއަށް ފޯރުމަށް ގާތްގަނޑަކަށް ވިއްސަކަށް ގަޑިއިރު ދަތުރުގައި ހޭދަވިއެވެ. ހެނދުނު 7:00 ޖެހިއިރު އެއާޕޯޓަށް ދިޔަ ގޮތަށް ހޮޓަލަށް ދެވުނީ މައްކާ ގަޑިިން އެރޭ ދަންވަރު 1:00 ޖެހި ފަހުންނެވެ. ދަތުރުވެރިންނަށް ރޯދަހިފުމުގައި ލުއިތަކެއް ހުރިކަމުގައި ވިޔަސް ހުރިހާ އުމްރާވެރިންހެން ތިބޭނީ ރޯދައަށެވެ. އެހެންކަމުން ދިގު ދަތުރު ފަސޭހަކޮށްލުމަށް މިކަންކަން ކޮށްލެވިދާނެ އެވެ.

  • ދަތުރުމަތީގައި ވީހާވެސް ބޮޑަށް އަރާމުކުރުން
  • ބޯޓު އަދި ބަސް ދަތުރުތަކުގައި ޓްރެވަލް ޕިލޯއެއްގެ ބޭނުން ހިފުން
  • ބޯޓުން ފޭބުމުގެ ކުރިން ވުޟޫ ކޮށްލުމުން އެއާޕޯޓުގައި މަޢްރިބު ނަމާދުކޮށްލަން ފަސޭހަވާނެ
  • ރޯދަވިއްލުމަށްފަހު ދަތުރުކުރާއިރު ވަރުޖައްސާލަން ކަދުރު، ނަޓްސް ފަދަ ލުއި އެއްޗެއް ގެންގުޅުން
2
 

އުމްރާވުން

ހެނދުނު ފުރައިފިނަމަ މައްކާއަށް ދެވޭއިރު ހުންނާނީ ގާތްގަނޑަކަށް މެންދަމުން އަލިވެ 1:00 ޖަހާފަ އެވެ. އަވަސް ގޮތަކަށް ހާރުކާލައިގެން ދެން ދާނީ ހަރަމަށެވެ. ހާރު ކާ ގަޑީގައި ބަނޑަށް ވާންވާ ވަރަށް ކެއުމުގެ ބަދަލުގައި ލުއި ގޮތަކަށް ނިންމާލާށެވެ. އުމްރާގެ ބުރަކަން އޭރަށް ކޮންމެވެސް ވަރަކަށް ލުއިވާނެ އެވެ. މި ގަޑީގައި މާގިނައިން ފެން ނުބުއިމަށް ސަމާލުވުން މުހިއްމެވެ.

ހަރަމަށް ދިޔުމަށް ފަހު ހާއްސަކޮށް އަންހެނުންނަށް ފާހާނާ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އަހަރެންގެ ދަތުރުގައި ތަވާފްކޮށް ނިންމާލުމަށްފަހު ސަފާ އާއި މަރްވާ އާއި ދޭތެރޭ ހިނގުމުގެ ކުރިން ފާހަނާ ބޭނުން ކޮށްލަން ޖެހުނެވެ. ފާހަނާ ހޯދަން ގިނަ ވަގުތުތަކެއް ނެގުމުން އުމްރާގެ ކަންކަން ނިންމަން ނެގި ވަގުތު ވެސް ދިގުވެގެން ދިޔަ އެވެ. އަންހެނުންގެ ފާހަނާ ހޯދުމަކީ އަހަރެންނަށް ފަސޭހަކަމަކަށް ނުވިއެވެ. ހޯދާ ހޯދާ ވަރުބަލިވި ފަހުން ފެނުނު ފާހަނާ ބަރި ހުރީ މިސްކިތާއި ތަންކޮޅެއް ދުރުގައި، ބިމަށްވުރެ ދެތިން ބުރި އަޑީގަ އެވެ. އެހެން ކަމުން ސަމާލުވާންވީ ބައެއް ކަންކަން ލިސްޓް ކޮށްދޭނަމެވެ.

  • ހަރަމަށް ވަންނަމުން މައި ގޭޓާއި ނަން ފާހަގަކޮށްލުން، އޭރުން އެކުގައި ދަތުރުކުރާ ގުރޫޕާ ވަކިވިއަސް ގެއްލުމުގެ ފުރުސަތު ކުޑަވާނެ
  • މިސްކިތަށް ވަންނާނީ ފައިވާނަށް ނާރަ އެވެ. ގެންގުޅޭ ދަބަހަކީ ފައިވާންލެވޭ ދަބަހަކަށްވުން މުހިއްމެވެ. ފައިވާން ލާނެ ކޮތަޅެއް ގެންގުޅޭށެވެ.
  • އުމްރާގެ އަޅުކަމުގެ ބޮޑު ބަޔަކީ ހިނގުމެވެ. ފައިގެ ފުންނާބަށް ތަދުވުން އެކަށީގެންވެެއެވެ. ބޯ އިސްޓާކީނަކަށް އަރާށެވެ.
  • ސަފާ އާއި މަރުވާ އާއި ދެމެދު ހަތް ބުރުޖެހުމަށްފަހު ފިރިހެނުން ދާނީ ބޯ ކޮށުމާއި ބޭލުމަށް ހާއްސަ ތަންތަނަށެވެ. އަންހެނުން ބޮލުން އިސްތަށިކޮޅެއް ބުރިކޮށްލުމަށް ކުޑަ ކަތުރެއް އަތްދަބަހުގައި ބާއްވާށެވެ.
  • ރޯދަ މަހު މޫސުން ހުންނަ ގޮތުން އާއްމުކޮށް ވަރަށް ހޫނުވާނެ އެވެ. ކުޑަ ސްޕްރޭ ފުޅިއަކަށް ފެން އަޅައި، ތަވާފް ކުރާގަޑީ ހޫނުކަން އިޚްސާސްކުރެވުމުން މޫނަށާއި ބޮލަށް ފެންބުރުވާލާށެވެ.
3
 

ތަރާވީހާއި ދަމު ނަމާދު

މަޣުރިބު ނަމާދަށް ގޮވުމުގެ ކުރިން މިސްކިތަށް ގޮސްގެން ނޫނީ މިސްކިތުގެ ތިރީ ބުރިތަކުން ޖާގަ ލިބުން ދަތިވާނެ އެވެ. ދެވަނަ ބުރީގައި އޭސީ ބަައެއް ހުންނާނެ އެވެ. ލަހުން ދެވިއްޖެނަމަ ޖާގަ ލިބޭނީ ޓެރަހުންނެވެ. ކުރިއާ ދުރާލާ ހަރަމަށް ނުދެވޭ ނަމަ އިށީނދެގެން ނަމާދުކުރާ މީހުނަށް ގޮނޑިއެއް ހޯދަން އުނގަދުވެދާނެ އެވެ. ގޮނޑިއެއް ގަނެލެވޭނަމަ ގަނެލައިގެން ދަތުރު ނިމެންދެން ހަރަމަށް ގެންދާށެވެ. މިކަމުގައި އެކުގައި އުޅޭ ގުރޫޕު މީހުންގެ އެހީތެރިކަން ހޯދާށެވެ. ފުރަމުން ގޮނޑި މިސްކިތަށް ވަގުފު ކޮށްލާނީ އެވެ.

* ހަރަމަށް ދާ މަގުމަތީ ލެނގެވޭ ގޮތަށް ހުންނަ މުސައްލަ ވިއްކަން ހުންނާނެ އެވެ. މިސްކިތުގައި ކިޔަވާލަން އިންނައިރު ހައްޓަށް ލުއިކޮށްލަން، ހާއްސަކޮށް ބުރަކަށީގައި ރިއްސާ މީހުނަށް މިއީ ވަރަށް ބޭނުންތެރި އެއްޗެކެވެ.
* ތަރާވީސް ނަމާދުގައި ހަތިމް ކުރާއިރު ސަޖިދަ ވަޅުތަކަށް ސަމާލުވާށެވެ. އެ ރެއަކު ކިޔަވަން އޮންނަ ފޮތެއް މަތިމަތިން ބަލާލުމުން ފާހަގަކޮށްލަން ފަސޭހަވާނެ އެވެ. އަދި އެ ފޮތުގެ ތަރުޖަމާ ބަލައިލަގެން ދިޔުމަކީ އިތުރަށް ނަމާދުގައި ޚުޝޫވަތްތެރި ވެވޭނޭ ކަމެކެވެ.
* ތަރާވީހާއި ދަމުނަމާދާއި ދޭތެރޭ ކާލާނޭ ކޮންމެވެސް އެއްޗެއް މިސްކިތަށް ދާއިރު ގެންދާށެވެ. ހޮޓަލަށް ގޮސްފައި އަނބުރާ އަންނަހާ ވަގުތު ނުލިބިދާނެ އެވެ. އެންމެ ރަނގަޅީ މޭވާ ކަހަލަ ލުއި އެއްޗެއް ކާލުމެވެ.
* އޮނަހިރި ރޭރޭ، ހާއްްސަކޮށް ހަތާވިސް ވިލޭރޭ ހަރަމަށް ވަރަށް ބާރުބޮޑުވާނެ އެވެ. މިކަން ވިސްނައިގެން ޖާގަ ލިބޭހާ ވަގުތު އޮއްވާ މިސްކިތަށް ދާށެވެ.
* ޢީދު ވިލޭރޭ ފަތިސް ނަމާދުގެ ކުރިން މިސްކިތަށް ގޮސްގެން ނޫނީ ޢީދު ނަމާދަށް ޖަމާޢަތުން ޖާގަ ލިބުމުގެ ފުރުސަތު ކުޑަ އެވެ.

4
 

ބާޒާރު ކުރުން

* ރޯދަ މަހުގެ މި ހާއްސަ ދުވަސްކޮޅު ބާޒާރު ކުރުމާއި ދުރުވެލާ، އަޅުކަމައިގެން އަހުލުވެރި ވާށެވެ. ގިނަ ގުރޫޕުތަކުން ފުރުން ހަމަޖައްސަނީ ހަ ރޯދައިގެ ތެރޭގަ އެވެ. ރޯދަ ނިމޭގޮތަށް ފުރަންޖެހޭނަމަ ފަހު ދިހައެއް ފެށުމުގެ ކުރިން ބާޒާރުކޮށްލުން ބުއްދިވެރި އެވެ.

* އެއް ރިޔާލައަކީ ގާތްގަނޑަކަށް މާލޭގެ ހަތަރު ރުފިޔާ އެވެ. އެހެންކަމަށްވާނަމަ 10، 50، 100 ރިޔާލައަށް ދިވެހި ރުފިޔާއިން ވާނީ 40، 200، 400 ކަން ހަނދާންކޮށްލަނިކޮށް މާބޮޑު ހިސާބެއް ނުހަދާ އެއްޗެހީގެ އަގު ރުފިޔާއިން އަންދާޒާ ކޮށްލަން ފަސޭހަވާނެ އެވެ.

* ހަރަމާއި ކައިރި ހިސާބުތަކުން ބާާޒާރުގައި އެއްޗެހި އަގު ބޮޑުކަމަށް ފާހަގަ ކުރެވުނެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނެޓުން ދެވޭ "އަޒީޒިއްޔާ" ކިޔާ ސަރަހައްދުން އަގު ހެޔޮކޮށް ހަދިޔާ ގަންނަން ލިބެއެވެ. "މުޖައްމައުލް އާއިލާތު" އަދި "ޓޮޕް ޓެން"، މި ދެފިހާރަަ ބާޒާރު ކޮށްލަން ވަރަށް ރަނގަޅެވެ.

* ބާޒާރުކު ރާއިރުގަ އާއި ދަތުރުކުރާއިރު މަކަރު ހަދާ ވިޔަފާރަވެރިންނަށް ސަމާލުވާށެވެ.

* ރަން ގަތުމަށާއު ބަދަލު ކުރަން ދާއިރު ތަންތަނާއި، އަގުތަކާއި މުއާލަލާތު އެނގޭ މީހެއްގެ އެހީ ހޯދާށެވެ.

5
 

ސަމާލުވާންވީ އެހެނިހެން ކަންކަން

* ކޮންމެ ނަމާދަކަށްފަހުހެން ކަށުނަމާދެއް އަބަދުވެސް އޮވެ އެވެ. މި ނަމާދަކީ ވަރަށް ގިނަ ސަވާބާއި ދަރުމަ ލިބޭ ނަމާދެކެވެ. މި ފުރުސަތު ދޫކޮށްނުލާށެވެ.

* ދުވާލު ތަވާފަށް ދިޔުން ބުއްދިވެރީ ޓެކްސީގަ އެވެ. ހޫނު ގަދަކަމުގެ ސަބަބުން ހަރަމާއި ހަމައަށް ހިނގާފަ ދާން ތަވާފަކަށް ވާވަރަށް އަހަރެން ވަރުބަލިވިއެވެ.

* ޕަވާ ބޭންކަކާއި ހުންނަ ހޮޓަލުގެ ކާޑެއް އަބަދުވެސް އަތުގައި ބާއްވާށެވެ.

* ހޮޓަލުގެ ނަމާއި މަގު ދަސްކޮށްލާ، ކާޑު ދެއްކުމުގެ ބަދަލުގައި ޓެކްސީއަށް އަރަމުން ސީދާ ހޮޓަލުގެ ނަމާއި މަގު ބުނުމުން އާދަޔާ ހިލާފަށް ބޮޑު އަގު ކިޔުމަށް ޑްރައިވަރުން ފަސްޖެހޭކަން ފާހަގަ ކުރެވުނެވެ.

* ޒަމްޒަމް ފެން އަޅާނޭ ފުޅިއެއް ދަބަހުގައި ގެންގުޅޭށެވެ. މި ހާއްސަ ފެނުގެ ބޭނުން ހިފައި ގިނަގިނައިން ދުއާ ކުރާށެވެ.

* ތަވާފު ކުރަން ދިޔުމުގެ ކުރިން ހަރަމުގައި މީހުން މަދު ގަޑިތައް ޓީވީއިން މައްކާ ޗެނަލް އަޅުވާލާ ޗެކް ކޮށްލެވިދާނެ އެވެ. ރާއްޖޭގައިހުރި އެކުވެރިއަކު ލައްވާ ވެސް ޗެކްކޮށްލެވިދާނެ އެެވެ. ޗެނަލް ނަމްބަރަކީ 150 އެވެ.

* ހަރަމުގައި ހޭދަ ކުރާ ވަގުތު ސެލްފީއާއި ފޮޓޯނެގުމުން ދުރުވެލާ، މިވަގުތު އަޅުކަމުގައި މަސްއޫލުވެވޭތޯ ބަލާށެވެ.

އަހަންނަކީ އުމްރާގެ މިކަންކަމާއި ބެހޭގޮތުން މާބޮޑު އިލްމެއް ލިބިފައިހުރި މީހެއް ނޫނެވެ. ނަމަވެސް ދަތުރުގެ ތަޖުރިބާއިން އެހެން މީހުންގެ ދަތުރަށް ލުއިފަސޭހަ ލިބިދާނެތީ ހިއްސާކޮށްލީ އެވެ.