ކާށިދޫ ހަމައަކަށް އަޅުވައިދިން ޒިންދަގީ!

ކާށިދޫން: މޫސާ ރަޝީދު

ކާށިދޫގެ މިތާ ބަނދަރުމަތީގައި އިންނަ އިރު އަރައިގެން އަންނަ ވައިރޯޅި ބީހުނަސް ކައިރި ޖޯލިފައްޗެއްގައި ތިބި ބަޔަކު ކުރަމުން ދިޔަ ޒުވާބެއް ކަންފަތު ހިނދުރި އަށް އެޅެމުން ދިޔައީ ހޫނުކޮށެވެ. ޖޯލިފައްޗަށް ފެތުރިފައި އޮތީ "ކާށިދޫއަށް އަޅައިނުލާ" ކަމުގެ ޝަކުވާ ބޮނޑިއެކެވެ. މެންދުރުގެ ގަދަ އަވި ނިއްވާލާފައި އޮތަސް ޝަކުވާތައް ވަރަށް ހޫނެވެ. ދޭތެރެއަކުން ކޮންމެވެސް "ޒިންދަގީ" އެއްގެ ވާހަކަ ވެސް އެބަ އާދެ އެވެ. އެއީ ކޮން ޒިންދަގީއެއް ކަމެއް ސާފެއް ނުވި އެވެ. އެހާ ހޫނު ބަހުސެއް ތެރެއަށް ފުންމާލައި ސުވާލެއް ކުރުމަށް ވުރެ ބުއްދިވެރީ ޒިންދަގީގެ ވާހަކަ ހޯދަން ރަށުތެރެއަށް ހިނގައިގަތުމެވެ.

މި ރަށުގެ ދެތިން މީހެއްގެ ގާތުގައި "ޒިންދަގީ" ގެ ވާހަަ އަހާލެވިއްޖެ އެވެ. މި އެންމެން ބުނާ ގޮތުގައި އެއީ ކާށިދޫގައި ތަންކޮޅެއް ކުރިން އުޅުނު މީހަކަށް އެ ރަށުގައި ދީފައި އޮތް ހާއްސަ ނަމެކެވެ. މިރަށުގެ މީހުންނަށް އެނގިފައި އޮންނަ ގޮތުން އެ މީހާގެ އަސްލު ނަމަކީ ވެސް ހަމަ ޒިންދަގީ އެވެ. -- ޒިންދަގީ އަކީ ހިނދީ ބަހުން ހަޔާތެވެ. ނުވަތަ ދިރިއުޅުމެވެ. ދިވެހި ބަހުގައި ވެސް ޒިންދަގީ ބޭނުން ކުރަނީ ދިރިއުޅުމުގެ މާނައިގަ އެވެ. --

މި މީހާއަކީ ކާށިދޫގެ ޒިންދަގީއޭ ކިޔާ އަޑު އެބަ އިވެ އެވެ. އަދި އެއީ ކާށިދޫ އެންމެނަށް އެނގޭ ގަދަރުވެރި މަޝްހޫރު ނަމެއް ވެސް މެ އެވެ. ނަމަވެސް އޭނާއާ ބެހޭ އެހެން އެއްވެސް ވާހަކައެއް އޮޅުމެއް ނުފިލަ އެވެ. މިދެން ކޮން ޒިންދަގީއެއް ހެއްޔެވެ؟

ކާށިދޫ ޒިންދަގީ ހޯދަން ކުރި މަސައްކަތް ކޮޅެއްގައި ޖެހުނީ މި ރަށުގެ ދުވަސްވީ މީހުނާއި ބައްދަލުވެ ވާހަކަ ދައްކާލުމުންނެވެ. ކާށިދޫގެ ޒިންދަގީއަކީ ކާކުކަމާއި ކާށިދޫގައި އެ ނަން މިހާ މަޝްހޫރީ ކީއްވެކަން ފުރަތަމަ މިރަށުން އޮޅުން ފިލުވައި ދިނީ މިހާރު އުމުރުން 80 އަހަރުވެސް ވެފައިވާ އިބްރާހިމް އަހުމަދެވެ. ޒިންދަގީގެ ވާހަކަ ކިޔައިދޭން އޭނާ ދިޔައީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއަށެވެ.

"ޒިންދަގީ އައީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު. އެއީ ވަރަށް ދަތި ދުވަސްވަރެއް، ދިވެހި ތާރީހުގައި ވެސް އެ ދުވަސްވަރު ސިފަކޮށްފައި ވަނީ ބޮޑު ތަދުގެ ދުވަސްވަރު ގޮތުގައި، ކާބޯތަކެތި ލިބުމުގެ ދަތިކަން މުޅި ދުނިޔެއަށް އޮތް އިރު ހަނގުރާމައާއެކު އައި ދަތިކަމުގެ އަސަރު ރާއްޖެއަށް ވެސް އޮތީ ވަރަށް ބޮޑަށް ކޮށްފައި. އެހެންވެ މައި ސަރުކާރުން ވަރަށް ބޮޑަށް ބާރު އަޅަމުން ދިޔައީ ހުރިހާ ރަށެއްގައި ވެސް ކާބޯތަކެއްޗާއި ދަނޑުތައް ބޮޑަށް ކޮންޓްރޯލް ކޮށްގެން ގެންގުޅެން. އެއީ މި ރަށަށް ޒިންދަގީއެއްގެ ބޭނުން ޖެހުނު ދުވަސް،"

ކާށިދޫ ކައިރިން ވެރިރށް މާލޭގައި އޮންނަ މައި ސަރުކާރުން ހެދި އުސޫލަކީ އެއްވެސް ކާބޯތަކެއްޗެއް ނުވަތަ މުދަލެއް ވެސް ބޭނުން މިންވަރަކަށް ބޭނުން ކުރަން ދޫކޮށެއް ނުލެވޭނެ އުސޫލެކެވެ. ސަރުކާރުގެ ނުވަތަ އަމިއްލަ ދަނޑަކުން ވިޔަސް ބޭނުން އިރެއްގައި އެއްޗެހި އަޅައި، ކަނޑައިގެން ބޭނުމެއް ނުކުރެވޭނެ އެވެ. ހުރިހާ ތަކެއްޗެއް ލިމިޓްކޮށް ކޮންޓްރޯލް ކުރީ އެވެ.

އެކަމަކު އެންމެ ކުރީއްސުރެއް ކާށިދޫއަކީ ދަނޑުވެރިކަމުގެ ގޮތުން ވަރަށް މުއްސަނނދި ރަށެކެވެ. ރަށުގައި ހުރިހާ ބާވަތެއްގެ ކާބޯތަކެއްޗެއް ގިނަ އަދަދަކަށް ރަށުގައި އޭރު ވެސް ހުއްޓެވެ. ތަދުގެ ދުވަސްވަރުގައި ވެސް ކާށިދޫގެ ދަނޑުތައް ތަނަވަހެވެ.

"އެކަމާ ގުޅިގެން ރަށުގައި އަމިއްލަ ނިޒާމެއް އުފެއްދީ. ތަދުން ކާށިދޫ ސަލާމަތް ކުރަން ވެގެން މައި ސަރުކަރުންް އެނގި ގޮތަށް ބޯލަނބައި އެގޮތަށް އަމަލު ކުރާނެ ނިޒާމެއް އެކުލަވައިލީ. އެ ނިޒާމުގެ ދަށުން ކޮންމެ މީހަކު ކިތަންމެ ބޮޑު ބޭނުމެއް ޖެހުނަސް އަމިއްލަ މުދާ ވިޔަސް ކާއްޓެއް ހޮވަން ވިޔަސް ކަށިކެޔޮގަނޑެއް ބޭނުން ވިޔަސް ވަކި ހާއްސަ މޭޒަކަށް ރިޕޯޓު ކުރާނެ ނިޒާމެއް ގެނައީ. ކާށިދޫގެ އެ މޭޒުގެ އަންގާ ގޮތަށް ލިމިޓްކޮށްގެން އެއްޗެހި ބޭނުން ކުރެވޭނީ،" އިބްރާހިމްބެ ބުންޏެވެ.

ކާށިދޫގައި ބެހެއްޓި އެ މޭޒަށް އޭރު އިއްތިފާގަކުން އެންމެނަށް ކިޔުނު ނަމަކީ "ޒިންދަގީ" އެވެ. އެއީ ކާށިދޫގައި ހުރި ކާބޯތަކެތި ހިފަހައްޓާއި ފަހަށް ރައްކާތެރިކޮށްދޭ މޭޒެވެ. ނުވަތަ ތަދުގެ ދުވަސްވަރު ކާށިދޫގެ ދިރިއުޅުން އޮތީ އެ މޭޒަށް ބަރޯސާ ވެފަ އެވެ. އަދި އެ މޭޒު ބަލަހައްޓައި އެ މޭޒުގައި ތަކެތި މެނޭޖު ކުރަން މުޅި ކާށިދޫން ކަނޑައެޅި މީހަކީ މި ރަށު އަހުމަަދު ޖަލީލެވެ. ކާށިދޫގައި ކާބޯތަކެއްޗާއި މުދާ ބެލެހެއްޓުމާއި ހުރިހާ ދިމާއަކުން ރަށް ބެލެހެއްޓުމުގެ ޒިންމާ އުފުލުން މި ރަށުގެ ރައްޔިތުން ހަވާލު ކުރީ އޭނާއާ އެވެ. ކާބޯތަކެތި ދޫކުރަނީ ޖަލީލުގެ ހުއްދައައެކީ އޭނާގެ ބެލުމުގެ ދަށުން އޭނާ އިންނަ މޭޒަކުންނެވެ.

"އެގޮތުގައި ދުވަސްތައް ގުނެމުން ގޮސް މޭޒަށް ދެވުނު 'ޒިންދަގީ' އެ ނަން ބަދަލުވީ ޖަލީލުގެ ނަމަކަށް، އެއީ ކާށިދޫ ޒިންދަގީ،" އިބްރާހިމް ބުންޏެވެ. "އޭނާއާމެދު ބެލެވެނީ ބަތޮލެއްގެ ގޮތުގައި އެއީ ކާށިދޫގެ ޒިންދަގީ ބަރުބާދުވެގެން ދިޔަ ނުދީ ހިފެހެއްޓި މީހާގެ ގޮތުގައި، އެހެން ގޮސް ފަހުން އައިސް އޭނާގެ އަސްލު ނަން ވެސް ހަނދާން ނެތި މުޅީން ޒިންދަގީއަށް ބަދަލުވީ،"

ކާށިދޫގެ މިހާރުގެ ޖީލާ ހަމައަށް ވެސް ޖަލީލުގެ ނަން އައިސްފައި ވަނީ ޒިންދަގީގެ ގޮތުގަ އެވެ. އެކަމަކު ގިނަ މީހުނަކަށް އެއީ ސީދާ ކާކު ކަމާއި އޭނާގެ މަސައްކަތް އެނގިފައެއް ނޯވެ އެވެ. މި ރަށުގެ ގިނަ މީހުނަށް އެނގޭވަރަކީ ރަށުގެ ކަންކަން ގޯހަށް ބަދަލުވީމާ ކުރިން ވެސް "ޒިންދަގީ" ނުކުމެ އެކަން ކަން ހަމައަކަށް އަޅުވައިދިން ކަމެވެ. މިހާރު މިރަށުގައި ހުރި މައްސަލަތަކަށް ވެސް ޒިންދަގީއެއް ބޭނުންވެފައިވާ ކަމެވެ.