ވިޔަފާރި

ދޯނި ލޮކޭޓިން ޑިވައިސް ހަރުކުރަން އުރީދޫއަށް

Sep 16, 2019
1

މަސް ދޯނި ފަހަރުގައި "ވެސަލް ލޮކޭޓިން ޑިވައިސް" ހަރު ކުރަން އުރީދޫ މޯލްޑިވްސްއާ ހަވާލު ކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޒަހާ ވަހީދެވެ. އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބު ހާނެވެ.

އުރީދޫއާއެކުވި އެއްބަސްވުމުގެ ދަށުން، ވެސަލް ލޮކޭޓިން ޑިވައިސްތައް އެކްސްޕޯޓްކޮށް މަސްވެރިކަން ކުރަން އެ މިނިސްޓްރީން ލައިސަންސް ދީފައިވާ އުޅަނދު ފަހަރުގައި ހަރުކޮށް ދޭނެ އެވެ.

ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި ލައިސަންސް ދީގެން މަސްވެރިކަން ކުރާ އުޅަނދު ފަހަރުގައި ހަރުކުރަން 700 ވެސަލް ލޮކޭޓިން ޑިވައިސް އުރީދޫ އިން ސަޕްލައި ކޮށްދޭނެ އެވެ. މި ގޮތުން އުޅަނދު ފަހަރުގައި ހަރުކުރާ ވެސަލް ލޮކޭޓިންގް ޑިވައިސްތަކަކީ، ޒަމާނީ ޓެކްނޮލޮޖީއާއެކު ތައާރަފުކުރާ ވަސީލަތް ތަކެކެވެ.

ރޭންޖު ނުލިބުނަސް އޮޑި އޮންނަތަން ފެންނާނެ

މިނިސްޓްރީން ބުނި ގޮތުގައި މި ޑިވައިސްގެ އެހީގައި އުޅަނދުފަހަރު އޮތް ސަރަހައްދު ގަޑިއަކު އެއްފަހަރު، މޮނިޓަރިން ސްޓޭޝަންތަކަށް ލިބި، އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަށް ވެސް އެ ފަރާތްތަކުގެ އުޅަނދުގެ ހަރަކާތްތައް ކޮންމެ ވަގުތެއްގައި ބެލޭނެ އެވެ. އަދި އުޅަނދެއް ހާލުގައި ޖެހިއްޖެނަމަ އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ކަމުގެ ސިގްނަލް ސެޓުލައިޓް މެދުވެރިކޮށް އުޅަނދު އޮތް ސަރަޙައްދުގެ މައުލޫމާތާއެކު ކޮންމެ ފަސް މިނެޓަކުން މޮނިޓަރިން ސްޓޭޝަންސް ތަކަށް ފޮނުވައި ދެވޭނެ އެވެ.

"... މިކަމުގެ ސަބަބުން، ހާލުގައި ޖެހޭ އުޅަނދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނަގާ ވަގުތު ކުޑަވެ، ދުރު ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ އެވެ. އަދި މީގެ އިތުރުން، މި ޑިވައިސްއަކީ އުޅަނދު މޯބައިލް ރޭންޖް އިން ބޭރުގައިވާ ވަގުތުތަކުގައި ވެސް ސެޓަލައިޓް މެދުވެރިކޮށް އުޅަނދަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިގެންވާ އާލާތެކެވެ،" ފިޝަރީޒް މިނިސްޓްރީގެ ލިޔުމެއްގައި ބުނެފައިވެ އެވެ.

ހިލޭ ދޫކޮށް ހަރު ކޮށްދޭނެ

ވެސަލް ލޮކޭޓިންގް ޑިވައިސްތައް އުޅަނދު ފަހަރަށް ހިލޭ ދޫކޮށް ހަރުކޮށް ދިނުމުގެ އިންތިޒާމްތައް އުރީދޫއާއެކު މިނިސްޓްރީން ކުރިއަށް ގެންދާނެ އެވެ. އަދި މިކަމާބެހޭ މައުލޫމާތު ކުރިއަތް އޮތް ދުވަސްތަކުގައި މަސްވެރި އުޅަނދުފަހަރަށް މިނިސްޓްރީން އަންގަމުންދާނެ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހަރުކުރާ ވެސަލް ލޮކޭޓިން ޑިވައިސްތަކުގެ މަހުފީގެ ގޮތުގައި އުރީދޫން ދޫކުރާ ބޭސިކް ޕެކޭޖަށް ނަގާނީ 617 ރުފިޔާ އެވެ.