ގިނަ ހަރަކާތްތަކަކާއެކު އުރީދޫ ކަލަ ރަން އަންނަ މަހު ކުރިއަށް ގެންދަން ނިންމައިފި އެވެ.
އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި ކަލަ ރަން އޮންނާނީ އަންނަ މަހުގެ 29 އަދި 30 އެ ދެދުވަހު އެވެ. ހަފުތާ ބަންދާ ދިމާކޮށް ބާއްވާ އެ ހަރަކާތުގައި ގިނަ ކުޅިވަރުތަކެއްވެސް ހިމަނާފައިވާނެ އެވެ.
މި ހަރަކާތްތައް ރާވާފައިވަނީ އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ފުރުސަތު ލިބޭ ގޮތަކަށެވެ.
އުރީދޫ މޫދު މަޖާ: 29 ގައި
އުރީދޫ ކަލަ ރަންއަށް ހާއްސަކޮށްގެން ތައާރަފު ކުރާ "މޫދު މަޖާ" އަކީ، އާއިލާއާ ރައްޓެހިންނާއެކު މޫދަށްގޮސް ވަރަށް ތަފާތު މޫދު ކުޅިވަރުތަކާއި މުބާރާތްތައް ހިމަނާފައިވާ އިވެންޓެކެވެ. އުރީދޫގެ ކެފޭ ޕާޓްނަރުންގެ ސްޓޯލްތަކުގައި ތަފާތު ކާތަކެތީގެ އިތުރުން ޒަމާނުއްސުރެ ދަތުރުގޮސް ދިވެހިން ކައިއުޅޭ އަނބު މަޖަލާއި މަސްކާށި ވެސް ލިބެން ހުންނާނެ އެވެ. މި އިވެންޓު އޮންނާނީ 29 ވަނަ ދުވަހު ހެނދުނު 8.00 އިން 10.30 އަށެވެ.
އުރީދޫ ކައިޓް ފެސްޓިވަލް: 29 ގައި
އުރީދޫ ގުޑި މަހާސަމާގައި މަޑި އެރުވުން މަޑި ހެދުމުގެ ވޯކްޝޮޕްތައް ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް އަދި ޕާޓްނަރުންގެ ހާއްސަ ސްޓޯލެއް ހުންނާނެ އެވެ. އެ މުބާރާތްތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓަރީ ވާކަށް ނުޖެހޭނެ އެވެ.
އުރީދޫ ކަލަ ރަން: 30 ގައި
ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވާން މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރެއްގެ ދުވެ ނިމުމުން، ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި ވެސް ޖޮގްކޮށްފައި ނުވަތަ ދުވެފައ ވެސް އަދި ނަށަމުން ނިންމިދާނެ އެވެ. އުރީދޫ ކަލަ ރަންގައި ބައިވެރިވެ މެޑަލް ލިބޭނީ ދާނީ ރަޖިސްޓަރީ ވެގެން ދުވާ ދުވުންތެރިންނަށެވެ. ނަމަވެސް މި ދުވުމުގެ ފޯރީގައި ބައިވެރިވުމަށް ބޭނުންވާ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ.
ކަލަ ރަން މިއުޒިކް ފެސްޓިވަލް 30 ގައި
ކަލަ ރަން ނިމުމަށްފަހު، ހޮނިހިރު ދުވަހުގެ ރޭގަނޑު ރާއްޖޭގެ މިއުޒިކީ ތަރިންނާއެކު ބާއްވާ މިއުޒިކް ޝޯއެއް އޮންނާނެ އެވެ. ޝޯގައި ހަބޭސް ބޮޑުބެރާއި މޫޝާން އާއި އަދި ޒަކިއްޓެ ފަދަ މަގްބޫލު އާޓިސްޓުން ފެންނާނެ އެވެ.
މޫދު މަޖާ އާއި ގުޑި މަހާސަމާ އަދި ކަލަ ރަންގެ އިތުރުން މިއުޒިކް ފެސްޓިވަލާބެހޭ އިތުރު މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކާއި ވެބްސައިޓުން ލިބެ އެވެ.