ވިޔަފާރި

އުރީދޫ އަސާސީ ގަވާއިދު އިސްލާހުކޮށް އީޖީއެމް ބާއްވައިފި

Dec 16, 2019

އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް ބާއްވައި، އުރީދޫ މޯލްޑިވްސްގެ އަސާސީ ގަވާއިދަށް އިސްލާހު ތަކެއް ގެނެސްފި އެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި އެ ކުންފުނީގެ ފުރަތަމަ އީޖީއެމް ނުވަތަ ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާގައި 91 ހިއްސާދާރުން ބައިވެރިވެ، އެ ކުންފުނީގެ 1.36 މިލިއަން ހިއްސާ ތަމްސީލް ކޮށްފައިވެ އެވެ.

އީޖީއެމްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން، ޑޭމިއަން ފިލިޕް ޗެޕަލް ވިދާޅުވީ އެ ކުންފުނިން ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ އަށް އާ ހިދުމަތްތައް ތައާރަފު ކުރާނެ ކަމަށެވެ.

އުރީދޫގެ އީޖީއެމްގައި އެ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ބޭންކިން އާއި ފައިނޭންޝަލް ސާވިސަސް އަދި ރީބްރޯޑްކާސްޓް ކުރުމާއި އިންޝުއަރެންސްގެ ބައި އަސާސީ ގަވާއިދަށް އިތުރު ކުރުން ހިމެނެ އެވެ. މީގެ އިތުރުން ވެސް ބައެއް މާއްދާ ތަކަށް ކުދިކުދި ބަދަލުތައް ގެނެސްފައިވެ އެވެ.

އުރީދޫން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރި ފަހުން ބޭއްވި ފުރަތަމަ އީޖީއެމްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަޖީބު ހާން ވިދާޅުވީ އެ ކުންފުނިން ރާއްޖެ އަށް ޑިޖިޓަލް ގިނަ ހިދުމަތް ތަކެއް ތައާރަފު ކޮށްދެވިފައިވާ ކަމަށެވެ.

އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ފައިދާގެ ގޮތުގައި 425 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ މި އަހަރުގެ މާޗު މަހު އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 544 މިލިއަން ރުފިޔާ ލިބުނު އިރު ހިއްސާދާރުންނަށް 3.22ރ. ގެ މަގުން ފައިދާ ބަހާފައިވެ އެވެ.