ވިޔަފާރި

ސިވިލްސާވަންޓުން މަސައްކަތަށް އުރިދޫން ހިލޭ ކަނެކްޓިވިޓީ

Apr 2, 2020

ސަރުކާރު އޮފީސްތައް ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާތީ، ސިވިލް ސާވިސް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން އުރިދޫން ހިލޭ އިންޓަނެޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅިގެން، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ސަރުކާރު މުވައްޒަފުންނަށް ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ހިލޭ ވަދެވި، އޮންލައިންކޮށް ބާއްވަން ޖެހޭ މަޝްވަރާ ބައްދަލުވުންތަ އްވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މި އިންތިޒާމް އާއި ގުޅޭ އިތުރު މައުލޫމާތު ސަރުކާރު މުވައްޒަފުންނަށް ކަމާ ގުޅުންހުރި މިނިސްޓްރީތައް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ އެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އިންޓަނެޓް ގެ ހިދުމަތް ވަނީ މުޅި މުޖުތަމައު އާއި ވަކި ވަކި ފަރުދުންނަށް އިހުނަށް ވުރެ ބޮޑަށް ބޭނުންކުރަންޖެހިފައިވާ ކަމަށެވެ.

"ގައުމަށް ދިމާވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން އިސްނަންގަވައިގެން އަޅުގަނޑުމެންގެ މުޖުތަމައު އަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން. ހަމަމިއާއިއެކު، އުރީދޫ ނެޓްވޯކް މެދުވެރިކޮށް ރައްކާތެރިކަމާއެކު ސަރުކާރުގެ ޕޯޓަލްތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އަވަސް ހިދުމަތެއް ފޯރުކޮށްދީފައިވާތީ، އުރީދޫ މޯލްޑިވްސްއަށް ޚާއްސަ ޝުކުރެއް އަދާ ކުރަން،" މަލީހު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރ،ު ނަޖީބް ހާން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށެވެ.

"ކުންފުނިތަކުގެ މަސައްކަތާއި، ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައް ވެސް ވަނީ މުޅިންހެން އިންޓަނެޓް މެދުވެރިކޮށް ކުރަންޖެހިފަ. މުޅި ދުނިޔެ އަށް އައިސްފައިވާ މި ބޮޑު ބަދަލާ ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމައަށް ދިމާވާ ދަތިތައް ޑިޖިޓަލް ޒަރިއްޔާތައް ބޭނުންކޮށްގެން ލުއި ފަސޭހަކޮށްދީ، ސަރުކާރާއި އަދި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް މިފަދަ ކަންކަމުގައި އުރީދޫއިން އެއްބާރުލުން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން. އެގޮތުގެ މަތިން ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނަޖީބު ވިދާޅުވި އެވެ.