އެކި ބޭނުންތަކަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ފޮނުވުން ލަސްވަމުން ދާތީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށާއި އެމަނިކުފާނުގެ ކެތްތެރިކަން ހިފެހެއްޓޭނީ ވަކި މިންވަރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއެކު މާލޭގެ މަގުމަތީގައި މީހުން ނޫޅެވޭ ގޮތަށް ލޮކްޑައުންކޮށް އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތަށް މުޅި ރާއްޖެ ލޮކްޑައުން ކުރި އެވެ. އޭގެ ސަބަބުން މާލެއަށް ބޭސްފަރުވާއަށާއި އެކި ބޭނުންތަކަށް އައިސް ތިބި ރަށްރަށުގެ ގިނަ ބަޔަކު މާލޭގައި ތާށިވި އެވެ.
މާލޭގައި ތާށިވެފައި ތިބި މީހުނާއި ރަށަށް ބަދަލު ވާން ބޭނުންވެގެން ކަމާ ބެހޭ އިދާރާތަކަށް 5،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރި އެވެ. އޭގެ ތެރެއިން ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު ހުރި 500 ޖާގައަށް ފޮނުވޭނެ މީހުންގެ ލިސްޓެއް ވެސް އާންމު ކުރި އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެ މީހުންނަށް ދެވޭނެ ގޮތެއް ހަމަޖެހިފައެއް ނުވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މާލެއަށް އެކި ބޭނުންތަކަށް އައިސް ރަށަށް ނުދެވި ތާށިވެފައި ތިބި ގިނަ މީހުން އުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށެވެ. އެ މީހުން ރަށަށް ފޮނުވުމުގެ ކަންކަމަކީ މުހިއްމު ކަމަށް ނުފެންނަ ސަބަބެއް ނުވިސްނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް އެބަ ފެނޭ މަޖިލީހުގެ މެންބަރުންގެ ކެތްތެރިކަން މި ކަމުގައި ކޮޅުން ލައިގެން ދާ ތަން، އަޅުގަނޑުގެ ކެތްތެރިކަން ވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް،" ރަށްރަށަށް ދާން ބޭނުންވާ މީހުން ނުފޮނުވޭތީ ކަންބޮޑުވުން ފާޅު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެންބަރުން ފާޅުކުރައްވާ ކަންބޮޑުވުންތަކާއި ފާހަގަ ކުރައްވާ މައްސަލަތަކަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފިޔަވަޅުތައް ނާޅާ ލަސްވާން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އެ މައްސަލަތައް ހައްލު ކުރަން ނޫޅުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ދެރަވާ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހޭ، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހޭ، މާލޭގައި އެތައް ބަޔަކު މިހެން ތާށިވެފައި ތިބުމަކީ އެތައް އާއިލާއަކަށް ލިބެމުންދާ ވަރަށް ބޮޑު ގެއްލުމެއް ކަން،" ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ މެންބަރުން ފާހަގަކުރައްވާ މައްސަލަތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ހައްލު ކުރަން އެއްވެސް މަސައްކަތް ނުކުރެވޭނަމަ އެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ނިންމައި މަގާމުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހުގެ މެންބަރުންނަށް އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެއީ އެންމެ ބޭނުންވާ ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ބާރު އޮންނާނެ. މެންބަރުން ފާހަގަ ކުރައްވާ މައްސަލައަށް އަމަލު ނުކުރެވޭނަމަ އިތުބާރު ނެތް ކަމަށް ވެސް ނިންމޭނެ، އެހެންވިޔަސް އަޅުގަނޑުމެން ދާން ބޭނުންވާ އަމާޒެއް ނޫން އެއީއެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ރޯގާއަކީ ފުރާނައަށް ބޮޑު ގެއްލުމެއް އަންނަ މިންވަރުގެ ރޯގާއެއް ނޫން ކަމަށާއި ރޯގާއަށް ވެކްސިނެއް ނެތި ވެސް މިހާތަނަށް ގިނަ ބަޔަކު ފަރުވާދެވި ރަނގަޅު ކުރެވިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ރޯގާގެ ކަންކަން އޮޅުވާލައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ވެސް ނަޝީދު ވިދާޅުވެފައި ވަނީ އާންމު ސިއްހަތުގެ ގާނޫނު ބުނާ ގޮތުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އަމަލު ކުރަން ޖެހޭނީ ލާމަރުކަޒީ އުސޫލުން ކަމަށެވެ. އެ ދުވަހުގެ ޖަލްސާގައި ވެސް ރަށަށްރަށަށް މީހުން ނުފޮނުވޭތީ ނުރުހުން ފާޅުކުރެއްވި އެވެ.
ރައީސް ނަޝީދު ފާހަގަ ކުރެއްވީ އެ ގާނޫނުގެ ފަސްވަނަ މާއްދާ އެވެ. އޭގައި ބުނާ ގޮތުން ކައުންސިލްތަކުގެ އިހްތިސޯސްތަކުގެ ސަރަހައްދުގައި ހިނގާ ކަންކަން ކުރުމަށް މިނިސްޓްރީން ކައުންސިލްތަކާ އެ މަސްއޫލިއްޔަތުތައް ހަވާލުކޮށް، އެ ކަމާ އުސޫލެއް އާންމު ކުރަން ޖެހޭނެ އެވެ.