ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ފަށައިފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރި ފަހުން މަޖިލީހުގެ ޖަލްސާތައް ބޭއްވީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.
ނަމަވެސް މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުމަށް ނިންމައި މިއަދުގެ ޖަލްސާ ފެށީ ތަޅުމަށް މެންބަރުން އެއްވެ އެވެ. މިއަދުގެ ޖަލްސާ ފެށިއިރު ތަޅުމުގައި 47 މެންބަރުން ހާޒިރުވެ ތިއްބެވި އެވެ. އޭގެ ތެރެއިން 42 މެންބަރުން ތިއްބެވީ މޭޒު ކައިރީގަ އެވެ. ދެން ތިއްބެވީ ވަކިން ގޮނޑިއެއް ކައިރިގަ އެވެ.
މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފަސް މެންބަރަކު އުޅުއްވާ ގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ އެ މެންބަރުންނަށް ޖަލްސާއަށް ވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ފަސް މެންބަރަކު ސަލާމުގައި ތިއްބެވި ކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް އަލުން މާލަމުގައި ބާއްވަން ފަށާއިރު ޖަލްސާތައް ބާއްވާނީ ގައިދުރުމިން ހިމެނޭ ގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެ ގޮތުން މާލަމުގެ އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާނެ އެވެ. އަދި މާލަމުގައި އެއް ވަގުތެއްގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށް ވަނީ ހަމަޖައްސައިފަ އެވެ.
އެ ނިންމުމާ ގުޅިގެން އެޗްޕީއޭގެ ހުއްދަ ނެތި މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވަން ބައެއް މެންބަރުން ދެކޮޅު ހެއްދެވި އެވެ. ފަހުން ވަނީ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އެޅުމުގެ ޝަރުތާއެކު މަޖިލީހުގެ ޖަލްސާ ބާއްވަން އެޗްޕީއޭއިން ހުއްދަ ދީފަ އެވެ.
އެޗްޕީއޭގެ އިރުޝާދުތައް
- ޖަލްސާއަށް ވަނުމުގެ ކުރިން ޓެމްޕަރޭޗާ ބަލައި، ހުން ނެތްކަން ކަށަވަރު ކުރުން
- އަލާމާތް ހުރި އެއްވެސް މީގަކު ޖަލްސާއަށް ނުވެއްދުން
- އެކަކު އަނެއްކަކާ ދެމެދު ތިން ފޫޓްގެ ދުރުމިން ބެހެއްޓުން
- ސައިބޯނި ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުން
- މޭޒުމަތި، ތަޅު، ކީބޮޑު، މައުސް ފަދަ ތަކެތި ޑިސްއިންފެކްޓް ކުރުން
- ކޮވިޑުން ރައްކާތެރިވުމުގެ އާންމު އިރުޝާތުތަކާ އެއްގޮތަށް އަމަލު ކުރުން
- މީހުން އެއްވެ އެއްތަނަކަށް ބާއްވަންޖެހޭ ޖަލްސާއެއް ނޫނީ މި ދުވަސްވަރު ނުބޭއްވުން
މިހާރު މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން އަންނަ ބުރާސްފަތި ދުވަހު ހަމަވާއިރު ލޮކްޑައުން އިތުރު ކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދޭނެ ލުއިތަކުގެ މާ ބޮޑު ތަފުސީލުތަކެއް އަދި އާންމެއް ނުކުރެ އެވެ.