ރާ އްޖޭގެ ގާނޫނީ ހުކޫމަތާއި ވެރިކަމުގެ އިންތަކާއި ބާރާއި ސިޔާސީ އަދި ގައުމީ ހަޔާތުގެ ދަތުރު ފަށަލަތަކުގެ ތެރެއިން އެންމެ މުހިންމު ފަށަލަތައް އުފެދި ވުޖޫދުވެގެން އައީ މީގެ 88 އަހަރު ކުރިން މި ދުވަސް، ޑިސެމްބަރު 22، 1932 ގައެވެ. ގާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން ބަލާއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އެއް ދުވަހެއްގައި އެންމެ ބޮޑު ރިވޮލިއުޝަނަރީ ބަދަލުތަކެއް އަދި ދުވަހަކީ މިއީ އެވެ. މިއީ ރާއްޖޭގެ ގާނޫނު އަސާސީ ދުވަސްވެސް މެއެވެ.
ގާނޫނީ ސީޔާސީ އަދި ގައުމީ ހަޔާތުގެ އެންމެ ބޮޑު ބަދަލަކީ ރާއްޖޭގައި އޮތް ރަސްކަމުގެ ވެރިކަން ލިޔެވިފައިވާ ގާނޫނު އަސާސީއެއްގެ ހިޔަލަށް ނުވަތަ ގާނޫޫނީ ހުކޫމަތެއްގެ ތެރެއަށް ވަދެ ހަމެޖިގެން ދިއުމެވެ. ދިވެހި ރާއްޖޭގެ ދައުލަތާއި ވެރިކަން ގާނޫނު އަސާސީއެއްގެ ދަށުން ހިންގާ ވެރިކަމަކަށް ބަދަލުވީ ޑިސެމްބަރު 22، 1932 ގަ އެވެ.
ދެ ވަނަ ކަމަކަށް އެދުވަހަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާނޫނު ހަދާ މަޖިލީހެއް ނުވަތަ ރައްޔިތުންގެ މަޖިލީީހެއް އަތޮޅުތަކުގެ ކަމުވޮށިގެންވާ ބޭކަލުންގެ މަޖިލީހާއެކު އުފެދުނު ދުވަހެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖޭގައި އެގެޒެކްޓިވް ބާރު ހިންގުމަށް ކެބިނެޓެއް އެކުލަވައިލާ އިއުލާން ކުރި ދުވަހަކީ ވެސް ޑިސެމްބަރު 22، 1932 އެވެ.
ގާނޫނު އަސާސީއަކާއެކު ރާއްޖޭގެ ރަސްކަމުގެ ވެރިކަން ހިންގާން އެއްބަސްވެވި އެ ގާނޫނު އަސާސީ އެކުލަވާލައި ޑިސެމްބަރު 22، 1932 ގައި ރަސްމީކޮށް އިއުލާންކޮށް ގާނޫނީ ހުކޫމަތް ހިނގައިިގަތީ އޭރު ދިވެހި ދައުލަތުގެ އިސްވެރިންގެ މެދުގައި އޮތް ފިނި އަދި އާއިލީ ޕޮލިޓިކްސްގައި ހުޅު ހިފައި އެކަން ބޮޑު ކަންތައްގަނޑަކަށްވެ ގާތްގަނޑަކަށް ރާއްޖެ ހުއްޓުމަކާ ހިސާބަށް ދާނެ ދަތުރެއް ފެށުމުން ޒާތެއްގެ މަޖުބޫރެއް ވެގެނެވެ.
ގާނޫނު އަސާސީގެ ހަޔާތަށް ބަލާއިރު ފުރަތަމަ ގާނޫނު އަސާސީއާ ހަމައިން ފެހި ގާނޫނު އަސާސީއާ ހަމައަށް އަމަލު ކުރަމުން މިދަނީ ނުވަ ވަނަ ގާނޫނު އަސާސީ އެވެ.
ލިޔެފައިވާ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތް ދުވަސްވަރެއްގައި ގާނޫނު އަސާސީއެއް ލިޔަން ކަނޑައެޅި އިރު އެފަދަ ގާނޫނީ އަސާސީއެއް ލިޔާނެ ނަމޫނާއެއް ވެސް ނެތެވެ. ރަދުން މުހައްމަދު ޝަމްސުއްދީނަށް ޖެހިވަޑައިގަތީ އެކަމަށް ދެ ކޮމެޓީއެއް އުފައްދަވާށެވެ. ފުރަތަމަ ކޮމެޓީގެ މަސައްކަތަކަށްވީ އިނގިރޭސީ ބަހުން ހުރި ލިޔުންތައް ތަރުޖަމާ ކުރުމެވެ. އަނެއް ކޮމެޓީން ރާއްޖޭގެ މުސްކުޅި އާދަކާދަތައް އެކުލަވައިލީ އެވެ. އެކަން ކުރީ އިނގިރޭސީންގެ އެހީއާއެކު އެވެ.
އެ ގާނޫނު އަސާސީ ލިޔަން ޝަމްސުއްދީނު ރަދުން ހަވާލު ކުރެއްވީ ބޮޑުންގެ ކޮމެޓީއަކާ އެވެ. ފުރަތަމަ 12 މެންބަރުން އަދި ފަހުން 14 މެންބަރުން ހިމެނުނު އެ ކޮމެޓީން މަސައްކަތް ފެށީ މާޗު 22، 1931 ގަ އެވެ. ކޮމެޓީގެ ރައީސަކީ އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ނައިބު ރައީސަކީ އަލްއަމީރު ކުޑަ ރަންނަބަނޑޭރި ކިލެގެފާނެވެ.
ގާނޫނު އަސާސީ ލިޔުމުގެ ގަރާރެއް ޝަމްސުއްދީނު ރަދުން ނެރުއްވެވި އެވެ.
ކޮމެޓީން މަސައްކަތް ނިންމައި ރަދުންނަށް އެރުވީ ޖޫން 16، 1931 ގަ އެވެ. އެ ރަސްމިއްޔާތު އޮތީ ގަނޑުވަރުގެ މަތިގޭގަ އެވެ. އޭގެ ފަހުން ގިނަ އިސްލާހުތަކާއެކު ފުރަތަމަ ގާނޫނު އަސާސީ ރަދުން ތަސްދީގުކޮށް އިއުލާނު ކުރެއްވީ ހާއްސަ ދަރުބާރެއްގަ އެވެ. އެ ދަރުބާރު އޮތީ މިހާރު އިސްލާމީ މަރުކަޒު އެހުރި ތަނުގައި ހުރި ދެ ދޮރާށި ދޭތެރޭ ގައެވެ. ރަސްމިއްޔާތުގައި ރަދުން އިއްވެވި ހުތުބަތުލް އަރުޝިއަށް ރައްޔިތުންގެ ފަރާތުން ވެސް ޖަވާބުދާރީވި އެވެ.
ރަދުންގެ ހުތުބަތުލް އަރުސިއަށް ރައްޔިތުންގެ ފަރާތުން ޖަވާބުދާރީވެ ވަޑައިަގަތީ އަހުމަދު ކާމިލްދީދީ އެވެ.
ފުރަތަމަ ރައްޔިތުންގެ މަޖިލިސް
ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ބަލާއިރު އޭރުން ފެށިގެން މިހާ ހިސާބަށް އައިރު މިހާރު ހިނގަމުން މިދަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހެވެ. މި ނަމްބަރާ މެދު ހިލާފު އުފައްދާ ބޭފުޅުން ވެސް އުޅެ އެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިހާރު 87 ކޮންސިޓްއެންސީއަކުން މެންބަރުން ތަމްސީލު ކުރި ނަމަވެސް ފުރަތަމަ ރައްޔިތުންގެ މަޖިލީހުގައިި ހިމެނުނީ 28 މެންބަރުންނެވެ. އެއީ ރަދުންގެ ހަތް މެންބަރުންނާއި މާލޭގެ ހަތަރު މެންބަރުންނާއި އިންތިހާބު ކުރާ 17 މެންބަރުންނެވެ. އެ 17 މެންބަރުންނަކީ އަތޮޅުތަކުގެ ކަމުވޮށިގެންވާ ބޭފުޅުންގެ މަޖިލިސްގެ ނަމުގައި ތިއްބަވާ މެންބަރުންނެވެ.
ފުރަތަމަ ކެބިނެޓް
ރާއްޖޭގެ ފުރަތަމަ ކެބިނެޓް އައީ ބޮޑުބަނޑޭރިގޭ އުސޫލުން ދައުލަތުގެ އެގްޒެކެޓިވް ޕަވާ ހިނގަހިނގާ އޮއްވަ އެވެ. އަދި އެއީ ފުރަތަމަ ގާނޫނު އަސާސީ ދިވެހި ދައުލަތަށާއި ވެރި ކަމުގެ ނިޒާމުގެ ތެރެއަށް ގެނައި ސިޔާސީ އަދި ވަރަށް ބޮޑު އިނގިލާބީ ބަދަލެކެވެ. ކެބިނެޓެއްގެ ގޮތުގައި މި ބަދަލު އައި ނަމަވެސް ރާއްޖޭގައި އޭރުވެސް ޒަމާންވީ ވަޒީރުންގެ ތާރީހެއް އޮތެވެ. އެ ތާރީހު ރާއްޖެ އިސްލާމްވުމުގެ ކުރިޔަށް ދަތުރު ކުރާ ކަމަށް ތާރީހުގެ ގިނަ އިލްުމުވެރިން ވިދާޅުވެ އެވެ.
- ކެބިނެޓްގެ ރައީސް ނުވަތަ ވަޒީރުލް އައުޒަމް (ޕްރައިމިނިސްޓަރު): އަލް އަމީރުމުހައްމަދު ފަރީދު މަނިއްޕުޅު
- ވަޒީރުލް އަސްކަރިއްޔާ (ޑިފެންސް މިނިސްޓަރު): އަލް އަމީރުމުހައްމަދު ފަރީދު މަނިއްޕުޅު
- ވަޒީރުލް ޚާރިޖިއްޔާ (ފޮރިން މިނިސްޓަރު): އަލް އަމީރު ހަސަން ފަރީދު
- ވަޒީރުލް މާލިއްޔާ (ފިނޭންސް މިނިސްޓަރު): އަލްއަމީރު ހަސަންފަރީދު
- ވަޒީރުއް ދާހިލިއްޔާ (ހޯމް މިނިސްޓަރު): އަހުމަދު ކާމިލް ދީދީ
- ވަޒީރުލް މައާރިފު (އެޑިޔުކޭޝަން މިނިސްޓަރު): އަހުމަދު ކާމިލު ދީދީ
- ވަޒީރުއް ސިއްހާ (ހެލްތު މިނިސްޓަރު): އިބްރާހިމް އަލިދީދީ / އިބްރާހިމް ފާމްލަދޭރި ކިލެގެފާނު
- ވަޒީރުލް އައުގާފު (ޕަބްލިކް އެންޑޯމަންޓް މިނިސްޓަރު): އިބްރާހިމް އަލިދީދީ / އިބްރާހިމް ފާމްލަދޭރި ކިލެގެފާނު
- ވަޒީރުލް ހައްގާނިއްޔާ (ޖަސްޓިސް މިނިސްޓަރު): ހުސައިން ސަލާހުއްދީން
- ވަޒީރުއް ތިޖާރާ (ޓްރޭޑް މިނިސްޓަރު): މުހައްމަދު އަމީނު
- ވަޒީރުއް ޒިރާއާ (އެގްރިކަލްޗަރު މިނިސްޓަރު): ގަލޮޅުގޭ މުހައްމަދު ދީދީ
- ވަޒީރުލް އަސްޣާލު (ޕަބްލިކް ވާކްސް މިނިސްޓަރު): ގަލޮޅުގޭ މުހައްމަދު ދީދީ
- ބަންޑާރަނައިބު (އެޓާނީ ޖެނެރަލް): ޝައިޚް އިބްރާހިމް ރުޝްދީ
މި ކެބިނެޓަށް ބަލާއިރު އެންމެ ހަގު މިނިސްޓަރަކީ ފަހުން ރައީސް ކަން ކުރެއްވެވި އަދި އޭރު އުމުރުފުޅުން 22 އަހަރުގެ މުހައްމަދު އަމީނެވެ. އެންމެ ދޮށީީ ބޭފުޅަކީ އުމުރުފުޅުން އޭރު 51 އަހަރުގެ ހުސައިން ސޮލާހުއްދީނެވެ. އަމީންގެ އަނބި ކަނބަލުންގެ ބައްޕާފުޅަކީ ސޮލާހުއްދީނަށް ވުމުން ކެބިނެޓްގައި އެއީ ބާރުގަދަ ކެވެއްޔެކެވެ. ނަމަވެސް މުޅި ކެބިނެޓްގައި އެންމެ ބާރުގަދަ ދެ ވަޒީރުންނަކީ މުހައްމަދު ފަރީދާއި ހަސަން ފަރީދުގެ ދެބެއިންނެވެ.
އެންމެ ހަގު މިނިސްޓަރަށް ވެ ވަޑައިގަތުމުގެ އިތުރުން އެއްފަހަރާ އެންމެ ގިނަ މިނިސްޓްރީ ހިންގެވި މިނިސްޓަރު ކަމުގެ ރެކޯޑު ވެސް ވަނީ މުހައްމަދު އަމީނަށެވެ. އެމަނިކުފާނު ޑިސެމްބަރު 22، 1952 ގައި އުފެދުނު ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގައި ބޮޑުވަޒީރުކަމުގެ އިތުރަށް، ހޯމް މިނިސްޓރު ކަމާއި ފޮރިން މިނިސްޓަރު ކަމާއި ފިނޭންސް މިނިސްޓަރު ކަމާއި ޑިފެންސް މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އެއްފަހަރާ ކުރެއްވި އެވެ. އަދި އެކިފަހަރުމަތިން އެހެނިހެން އެކި މިނިސްޓްރީތަކުގެ މިނިސްޓަރުކަން ކުރެއްވި އެވެ.
ކެބިނެޓްގެ ތާރީހުގައި އެންމެ ފުރަތަމަ މިނިސްޓަރުކަން ލިބިވަޑައިގެންނެވި އަންހެން ބޭފުޅަކީ ޖެނުއަރީ 6، 1977 ހެލްތު މިނިސްޓަރު ކަމަށް ޢައްޔަން ކުރެއްވި މުއުމިނާ ހަލީމެވެ. އޭގެ ކުރިން، ދައުލަތުގެ ވަޒީރުކަން ފާތިމަތު އިބްރާހީމްދީދީ އާއި އާމިނަތު ހުސައިން، ޑިސެމްބަރު 22، 1952 އިން އޯގަސްޓް 12، 1953 އަށް ކުރައްވާފައިވެ އެވެ.