ހަބަރު

ދެކުނުގެ 13 ރަށަކަށް އެމްބިއުލެންސް ފޮނުވައިފި

Oct 23, 2015
1

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއާ ހަވާލުކޮށްގެން ހެލްތް މިނިސްޓްރީ އިން ގެނެސްފައިވާ އިތުރު 13 ޕެރެމެޑިކް އެމްބިއުލޭންސް ރަށްރަށަށް ފޮނުވަން ފަށައިފި އެވެ.

އެސްޓީއޯ މެޑިކަލްސް އިން ބުނީ މިފަހަރު ގެނެސްފައިވާ އެމްބިއުލެންސްތައް ފޮނުވަނީ ދެކުނުގެ 13 ރަށަކަށް ކަމަށެވެ. އެއީލ އަތޮޅުގެ ތިން ރަށަކަށާއި މ އަތޮޅުގެ ދެ ރަށަކަށާއި ގދ އަތޮޅުގެ ހަތަރު ރަށަކަށާއި ވ، ތ، އއ އަދި އދ މިއިން އަތޮޅުން ކޮންމެ އަތޮޅަކުން ރަށަކަށެވެ.

އެމްބިއުލެންސް ފޮނުވާ ރަށްތަކަކީ؛

  • ގދ. ނަޑެއްލާ، ފިޔޮރީ، ވާދޫ، ގައްދޫ
  • ލ. އިސްދޫ، ދަނބިދޫ، މާވަށް
  • މ. މުލި، މަޑުއްވަރީ
  • ވ. ކެޔޮދޫ
  • އއ. މާޅޮސް
  • އދ. މާމިގިލި
  • ތ. ގުރައިދޫ

އެސްޓީއޯ އިން ބުނީ އެ ރަށްތަކަށް އެމްބިއުލަންސްތައް ފޮނުވުމަށް މިހާރު ބޯޓަކަށް އެތަކެތި ބަރުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް މި އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމްބިއުލެންސްތައް އެ ރަށްތަކަށް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ ކުރިން ވެސް އެކި ފަހަރުގެ މަތިން އެމްބިއުލަންސްތައް ގެނެސް ރަށްތަކަށް ފޮނުވާފައިވެ އެވެ. ސަރުކާރުން އެސްޓީއޯއާ ހަވާލުކޮށްފައި ވަނީ ޖުމްލަ 54 އެމްބިއުލެންސް ގެނެސް ރަށްތަކަށް ފޯރުކޮށްދިނުމަށެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް 2.5 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޖޫން މަހުގެ ކުރިން މީހުން އުޅޭ ހުރިހާ ރަށެއްގައި އެމްބިއުލެންސްގެ ހިދުމަތް ގާއިމް ކުރުމެވެ.