މިއަހަރުގެ ރޯދަމަސް ނިމި ކުޑައީދު ނިމުމަކަށް އައިއިރު މި އީދަކީ އެހެން އަހަރުތަކާއި ބަލައި ވަރަށް ފަޅު އީދެކެވެ. އީދުގެ ހިނިތުންވުމެއް ނެތެެވެ. ފުރަތަމަ ކަމަކަށް ޔަހޫދީ އިޒްރޭލުން ގާޒާއަށް މިހާރު ދެމުން އަންނަ ހަމަލާތަކެވެ. ބައިނަލްއަގުވާމީ މީޑިއާއިން އެ މަންޒަރު ފޮރުވައިގެން އުޅުނަސް އަނިޔާގެ ހައްދެއް ނެތް އެ މަންޒަރުތައް ވަރަށް ސާފެވެ.
މުސްލިމުން ހާސް ކަމާއި ބޮޑު ބިރުވެރި ކަމެއްގައި އުޅޭއިރު އަދި އިޒްރޭލުން ފަލަސްތީނުގެ އިމާރާތްތައް ބިމާ ހަަމަކޮށް އެތައް ބައެއް ފުރާނަ ދުއްވާލާ މަންޒަރުތައް ވަރަށް ގާތުން ސޯޝަލް މީޑިއާ އިން ފެނެއެވެ. ގާޒާއަށް ދޭ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 136 އަށް އަރައިފި އެވެ. ކިތަންމެ ވަރަކަށް އީދުގެ ރޫހު ގެންނަން ބޭނުންވި ނަމަވެސް އެ މަންޒަރުތައް ލޯކުރިމަތިން ކެހިގެނެއް ނުދެ އެވެ. އެހެންވެ މި އީދުގައި މާ ބޮޑު އުފަލެއް ނެތެވެ.
މިއީ ރާއްޖެ ކޮވިޑް-19 އާއެކު ކުރިމަތިލި ދެވަނަ ކުޑަ އީދެވެ. މިއުޅެނީ ކޮވިޑް-19 އިގެ ހަތަރު ވަނަ ރާޅު ހޮޅީގެ ތެރޭގަ އެވެ. ވެރިރަށް މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމެއް ނެތެވެ. އަދި ވިއްސާރައާއެކު އީދު ފެނަށް ވެފައި އޮތުމާއެކު އީދު މޫޑެއް ނެތެވެ. ކޮވިޑް އިން ރައްކާތެރި ވާން އަޅާފައިވަ ފިޔަވަޅެއްގެ ގޮތުގައި ހަވީރު 4:00 އިން ފެށިގެން ފަށަނީ ކާފިއުއެކެވެ. އީދު ހަވީރަށް ނަލަހެދިލައިގެން މިފަހަރު ވެސް ގޭގަ އެވެ.
އަތޮޅުތަކުގައި ފޯރިގަދަކޮށް އީދު ފާހަގަކުރުން އަބަދު ވެސް އޮވެއެވެ. މާލެއިން ގިނަ ބަަޔަކު އަތޮޅުތަކަށް ދަތުރު ހަދައިގެން ދެއެވެ. ރާއްޖޭގެ ގިނަ އަތޮޅުތަކުގެ ގިނަ ރަށްތަކެއް އޮތީ މޮނިޓަރިންގަ އެވެ. ކޮވިޑް ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ފިޔަވަޅުތައް އަޅާފަ އެވެ. ދަތުރުފަތުރުގައި ހުރި ހުރަސްތަކާއެކު އީދު ފޯރިއެއް ނެތެވެ.
މެދު އަތޮޅުތަކުގައި ހިމެނޭ ދ. ރިނބުދޫން ބުނާ ގޮތުގައި މިފަހަރު އީދަށް އެ ރަށުގައި މާ ބޮޑު ކަމެއް ނެތެވެ. ރިނބުދޫ ކައުންސިލްގެ ފަރާތުން ރޭވި ހުރިހާ ހަރަކާތެއް ކެންސަލްކޮށްލީ އަތޮޅުގެ ތެރޭގައި ކޮވިޑް އޮތުމުންނެވެ. އީދު އޮޑިގޭގައި ބާއްވާ ރަސްމީ އެއްވެސް ކަމެއް ނެތެވެ.
ދެކުނަށް ބަލާއިރު ދެކުނުގެ ދެ ސިޓީ، އައްޑޫ އާއި ފުވައްމުލަކަށް އީދުވިލޭރޭއިން ފެށިގެން ދިޔައީ ވަރަށް ބޯކޮށް ވާރޭ ވެހުމުންނެވެ. ބައެއް ގޭގެއަށް ފެނުގެ އަސަރު ކޮށްފައިވާ އިރު ރައްޔިތުން އަވަދިނެތި ބިޒީކޮށް އުޅުނީ ފެން ހިންދުމުގަ އެވެ. އީދެއް ނެތެވެ. ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އައްޑޫގެ ގިނަ ރަށްތަކަށް ބޯކޮށްވާރޭވެހި ވަނީ ގެއްލުންވެފަ އެވެ.