ރިނބުދޫ

ރިނބުދޫ ފޮނި ރޮށިގަނޑަކީ އެހެން ލެވެލެއް!

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އީދަށް ހާއްސަ ކަންކަމާއި ހަރަކާތް އޮވެ އެވެ. ގިނަ ރަށްރަށުގައި ވަރަށް ތަފާތު ކަންކަން ކުރެއެވެ. ވަރަށް ތަފާތު ވައްތަރުގެ ކާބޯތަކެތި ވެސް އެކި ރަށްރަށުގައި ތައްޔާރު ކުރެ އެވެ. އީދަށް ހާއްސަ ފޮނި ރޮށިގަނޑަކީ ބައެއް ރަށްރަށުގައި ހިންގާ ރޮށިގަނޑަކަށް ވެއެވެ. ދ. ރިނބުދޫގައި އީދަށް ހަދާ ފޮށި ރޮށިގަނޑު އެއީ ވަރަށް ހާއްސަ ރޮއްޓެކެވެ. ރިނބުދޫ ރޮށިގަނޑުގައި ރަހަ ތަފާތު ވުމުގެ އިތުރުން ރޮށިގަނޑު އޮންނަ ގޮތް ވެސް ވަރަށް ތަފާތުވައި ފެންވަރު މައްޗެވެ.

ރިނބޫއަށް ނިސްބަތްވާ ބައެއް މީހުން ބުނެ ދޭ ގޮތުގައި އެހެން ރަށްރަށުގެ ރޮށިގަނޑު ފަދައިން ރިނބުދޫ ފޮނި ރޮށިގަނޑު ވެސް ހަދަނީ ގޮދަން ފުށުގަ އެވެ. ފުރަތަމަ ފުށަށް ފެން އަޅައިގެން ދިޔައިކޮށް ގިރާލައި ކުރައްފަތަކަށް އަޅައި ކެކި ކެކި ހުރި ހޫނު ފެންގަނޑަކަށް ލަނީ އެވެ. ރަނގަޅަށް ފުއްގަނޑު ކެކެންދެން އެގޮތަށް ފުއްގަނޑު މަޑުކުރާނެ އެވެ.

އެ ރަށު މީހުން ބުނާ ގޮތުގައި ފުށް ގަނޑު ރަނގަޅަށް ކެކުނުކަން ދެނެގަންނާނީ ފުއްގަނޑަށް ދޭފަތް ކޮއްޕާ ފުއްގަނޑުގެ ހަރު މަޑުކަން ބަލާ މިންގަނޑަކުންނެވެ. ބޭނުންވާ ފެންވަރުގައި ފުށްގަނޑު ހަރުއަރާފައި ވާނަމަ ރޮށިގަނޑު ހަދާ ފުއްގަނޑު ކެކުނީ އެވެ. ހަރުވެފައިވާ ފުށްގަނޑު ފެނުން ނަގައި ހިހޫ ކޮށްލުމަށް ފަހު އެ ފުށްގަނޑު ހިމުންކޮށް ފުނޑު ކުރުމާއެކު ފުށްގަނޑުން ގޮށްވިރުވާން ޖެހެ އެވެ.

ބޭނުންވާ ފެންވަރުގައި ފުށްގަނޑުން ގޮށް ފިލުވައި ތައްުޔާރުކޮށް ނިމުމުން ތައްުޔާރު ކުރަން ޖެހެނީ ހާއްސަ ހަކުރު ގަނޑެކެވެ. އެ ހަކުރު ތައްޔާރު ކުރަނީ ވެސް އާދައިގެ ދޯބުރާލި ހަކުރެވެ. ފެންވަރަށް ބަދަލެއް ގެނެސް މޮޅު ކޮށްލުމަށް ބައެއް ފަހަރު ދޮންކެޔޮ ވެސް ބޭނުން ކުރެ އެވެ. ހާއްސަ ގޮތަކަށް ތައްޔާރުކޮށް ދިޔައި ކުރާ ރަތްކުލައިގެ ހަކުރާއެކު ފުށްގަނޑު މޮޑޭން ޖެހެ އެވެ. ވަރަށް ގަދައަށް މޮޑެން ޖެހެ އެވެ.

މިއީ ވަރަށް ރަނގަޅަށް ވަރަށް ގަދައަށް މޮޑެންޖެހޭ ފުށްގަނޑެކެވެ. ރަނގަޅު ފެންވަރުގައި ފުށްގަނޑު މޮޑިވެއްޖެނަމަ ހުންނާނީ ރަތް އޮފްކުލައެއްގަ އެވެ. އަނގައަށް ވިރޭނެ އެވެ.

ރޮށިގަނޑު ތައްުޔާރު ކުރުމަށް ރޮށި ދަމާއެތީގައި ފުށްގުޅަ ދަމާނީ ތެޔޮ ލައިގެނެވެ. ރޮށިގަނޑު އެއް އިންޗީގެ ބޯ މިނަކަށް ރޮށި ދެމުމަށް ފަހުގައި ފިޔަން ނުވަތަ ވަޅި އަކުން ރޮށިގަނޑުގައި ޑިޒައިންތައް ކުރަހަނީ އެވެ. ފޮނި ރޮށި ޑިޒައިން ކުރަން ހާއްސަ ވަޅިއާއި ތެޔޮލީ ބޮލި ވެސް ގެންގުޅެ އެވެ.

ރީތިހާ ގޮތްގޮތަށް ޑިޒައިން ކުރުމަށް ފަހުގައި ތަވަޔަކަށް ތެޔޮ އެޅުމަށް ފަހު ރޮށި ހިއްކާނީ -- ތެއްލާނީ-- އެވެ. ތަވަޔަށް ތޮޔޮ އަޅާނީ ރޮށީގެ މައްޗަށް އަރާވަރަށެވެ. ތަވާފައި ރޮށިގަނޑު ބާއްވާނީ ޑިޒައިން ކޮށްފައިވާ ބައި އަޑިޔަށްވާ ގޮތަށެވެ. ރަނގަޅަށް ހަރުވެލައި ތެޔޮ ހިކެންދެން މަޑުކުރާނީ އެވެ. ދެ ފުށްވެސް ތެލުން ހިއްކާނީ އެހެނެވެ. އޭރުން ފޮނިރޮށިގަނޑު ނިމުނީ އެވެ.

އީދަށް އެހެން ރަށްރަށުގައި ވެސް ފޮނި ރޮށިގަނޑު ހަދައެވެ. އެކަމަކު ރިނބުދޫގައި ފޮނި ރޮށިގަނޑުގަކީ ތަފާތު ރަހައެއް ތަފާތު ފެންވަރެކެވެ. ތައްޔާރު ކުރާތާ ދެތިން ދުވަސް ފަހުން މި ރޮށިގަނޑު އިތުރަށް މީރުވެ އެވެ.