ލައިފްސްޓައިލް

ޒާންއަކީ ކަލިނަރީގެ ކުރި ހޯދާނެ ޒުވާނާ!

ބޮލީވުޑްގެ މަޝްހޫރު ފިލްމް "ތްރީ އިޑިއަޓްސް" ނުބަލާ ދިވެއްސަކު ވަރަށް މަދުވާނެ އެވެ. އެ ފިލްމުން ބުނެދޭ ގޮތުގައި އިންޑިއާގައި އަންހެންކުއްޖެއް ވިހާ ފޫޅުކެޑުމުން އޭނާ ބޮޑުވެގެން ވާންޖެހެނީ ޑޮކްޓަރަކަށެވެ. ފިރިހެން ކުއްޖެއް ނަމަ ވާންޖެހެނީ އިންޖިނޭރަކަށެވެ. އެހެން ނޫނީ ޕައިލަޓަަކަށެވެ. މިއީ އެންމެ "ކާމިޔާބު" އަދި އެންމެ "ގަދަރު" ހުރި ވަޒީފާތައް ގޮތުގައި އިންޑިއާގެ މުޖްތަމައުން ތައްގަނޑު ޖަހާފައިވާ ވަޒީފާތަކެވެ. އާމްދަނީއެއް ލިބޭ އެހެން ހުރިހާ ކަމެއްވެސް ބޭކަރެވެ.

މި ސަގާފަތް އިންޑިއާގައި އޮންނަހެން ރާއްޖޭގައި މިކަހަލަ ގޮތްގަނޑެއް އޮވެ އެވެ. ރާއްޖޭގައި ވާގޮތަކީ ވަކި މަސައްކަތަކީ "ހަޑި" ނޫނީ "ދެރަ" މަސައްކަތެއް ކަމަށް ނިންމަނީ އެވެ. ރަނގަޅު އާމްދަނީއެއް ލިބޭއިރު ވެސް އެ މަސައްކަތްތައް ކުރާނެ މީހުނެއް ނުވެއެވެ. ތިލޭރުކަމުން ފެށިގެން ކެފޭއެއްގެ ހެޑް ޝެފުންނާ ހަމައަށެވެ. ފަހަރުގައި ހިސާބަށްވުރެ ކަންނެތީ ކަމަށް ވެސް ވެދާނެ އެވެ. އެއީ އެހެން ވާހަކަ އެވެ.

ފަހަކަށް އައިސް ކިރިޔާ ބިހެއް ކައްކާލާ މީހާ ވެސް އިންސްޓަގްރާމްގައި "އިންސްޓަކެފޭ" އެއް ހުޅުވާލައި ސަތޭކައިން އޯޑަރު ނަގާ ހާހުން ހާހުން ބޭންކް އެކައުންޓަށްވެސް އެބަ ފައިސާ ޖަމާކޮށްލަ އެވެ. ކޮވިޑް ލޮކްޑައުންގައި މިކަން އޮތީ ވަރަށް އަރައިގެން ގޮސް ވަރަށް މަތީގަ އެވެ. އާމްދަނީ ލިބޭނެ ގޮތެއް ނެތި ބައެއް މީހުންނަށް އެކަމާ އުޅޭން މަޖުބޫރު ވެސް ވިއެވެ.
އަލަށް ކޭކެއް ފިހެލި މީހާއިން ފެށިގެން ކޭކް އަޅާ ފުންނާބުއުސް މީހާ އާއި މި ކަމަށް ކިޔަވައިގެން ނުކުތް ޕްރޮފެޝަނަލް ޒުވާނުން ވެސް ފެނުނެވެ. އަދި "މޮޅަށް ހިންގާ" ކެފޭތަކުން އެކަމާއި ދެކޮޅަށް ވެސް ނުކުތެވެ. މިއީ ވެސް އެހެން ވާހަކައެކެވެ.

އަސްލު ވާހަކަ މި އަންނަނީ އެވެ؛ އުމުރުން 18 އަަހަރުގެ އިސްމާއިލް ޒާން ހަބީބަކީ ގައުމީ ޔުނިވާސިޓީއިން ޓުއަރިޒަމް އިންޑަސްޓްރީއަށް މީހުން ބިނާކުރަން އުފައްދާފައުޗާ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފްއެޗްޓީއެސް) އިން އެޑްވާންސް ސެޓްފިކެޓް އިން ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް ފުރިހަމަކޮށް އިންޑަސްޓްރީ އަށް ނުކުތް ޒުވާނެކެވެ. ކިޔެވި ދާއިރާއިން ޒާން އޭނާ އާއި ގުޅޭ ވަޒީފާއެއް ވެސް ހޯދާލި އެވެ. އޭނާއަށް ވަޒީފާއެއް ލިބުމުން "ލަކްސް ނޯތް މާލޭ" ގައި ޕޭސްޓްރީ ޝެފް އިންޓާން މަސައްކަތަށް ނުކުތެވެ.

"ލަކްސް އަށް ވަޒީފާއަށް ނިކުމެ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކޮވިޑް ޕެންޑެމިކް އާއި ގުޅިގެން މާލެއަށް އަންނަން ޖެހުނީ،" ޒާން ބުންޏެވެ.

އެކަމާ އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން ޒާން މާލެ އައީ އެވެ. ދެން އޭނާ މަސައްކަތް ފެށީ އަމިއްލަ އިންސްޓަގްރާމް ޕޭޖެއް ދަކޮކޯނަޓް.އެމްވީ ހަދައިގެނެވެ. އޭނާގެ ޕޭޖަށް ކޮކޯނަޓް ކިޔަން ނިންމީ އެއީ ކޮކޯ ޕައުޑަރަކީ ޒާން ތައްޔާރު ކުރާ ހުރިހާ ބޭކް ގުޑްސްގައި ވަރަށް ގިނަިއން ބޭނުން ކުރާ އިންގްރީޑިއެންޓަކަށްވާތީ އެވެ.

ޒާންގެ ކޮކޯނަޓް.އެމްވީގައި އޭނާ ހަދާ ތަފާތު އެކި އެކި ޑެޒާޓްތައް ހުރެއެވެ. އެއީ އޭނާ ތަފާތު ރަހަތަކާއި ޓެކްސްޗާ ހަދާފައި ހުންނަ އެކި އެކި ފޮނިކާ އެއްޗެހި ވިއްކަން ހުޅުވާފައިވާ ޕޭޖެކެވެ.

"ވަރަށް އުފާވޭ ދުވަހަކު ނުދެކޭ މީހަކުވެސް ދިމާ ނުވާ މީހަކުވެސް އަހަރެން ހަދާ ގްލޭޒް މޫސް ކޭކްތައް މީރޭ ބުނެގެން ކޮމެންޓް ކުރީމަ. އަަހަރެން ބޭނުން ވަނީ ކްލެސިކް ފްލޭވާ ތަކަށް އަމިއްލަ ޓުވިސްޓްތަކެއް ގެންނަން. މިހާރު އެންމެ ކަމުދަނީ ޑާކް ޗޮކުލެޓާއި ޕެޝަން ފުރުޓް" އަވަސް އަށް ދިން އިންޓަވިއުއެއްގައި ޒާން ބުނެލި އެވެ.

މި އައި ވާހަކަ އަކީ ޒުވާން ޒާންގެ ވަރަށް ކުޑަ ވާހަކަކޮޅެކެވެ. ޒާންގެ ތަފާތެވެ. އެ އުމުރު ފުރައިގެ އެހެން ގިނަ ޒުވާނުނަށް ވަރަށް ބޮޑަށް އޮންނަނީ ޖީސީއީ އޯލެވެލް ނިންމާލާ ސްޓްރީމް ނެގި މާއްދާއިން ޖީސީއީ އޭލެވެލް ހެދުމަށް ފާޑަކަށް މަޖުބޫރުވެފަ އެވެ. އޭލެވެލް ނަހަދާ މަސައްކަތުގެ މައިދާނަށް ނުނިކުމޭވޭނެ ކަހަލަ ވިސްނުމެކެވެ. އަދި އޭލެވެލް އަށް ނުދާނީ "މޮޅު" ނޫން ކުދިން ކަމަށް ދެކެ އެވެ. މި ހަމަ އަދިވެސް އޮންނަ ކަމެކެވެ.

ޒާން ބުނާ ގޮތުގައި އެފްއެޗްޓީއެސްގައި އޭނާގެ ތަޖުރިބާ ވަރަށް ވަރަށް ސަޅިއެވެ. އޭނާގެ ކެރިއާ ޕާތެއް ކޮށައި ބޮންތިއަށް އަރަން ހަދަންވާ ގޮތް ޒާންއަށް ވަރަށް ބޮޑަށް ސާފުވި އެވެ.

"އެފްއެޗްޓީއެސް އަކީ ދަސްކުރަން ވަރަށް ރަނގަޅު މާހައުލެއް. ލެކްޗަރާ އިންނަކީ ޓުއަރިޒަމް އިންޑަސްޓްރީގެ އެކްސްޕީރިއަންސް ތިބި މީހުން. ޕްރެކްޓިކަލް ކްލާސްތަކާއެކު ދަސްކުރަން ހޭންޑްސް އޯން އެކްސީްޕީރިއެނެސެއް އެއީ. ރެސްޓޯރަންޓް އިންޑަސްޓްރީ އަސްލު މަސައްކަތް ކުރާ ގޮތަށް ޓައިމް މެނޭޖްކޮށް ޕްރެޝަރުގައި ޓީމްވޯކެއް ކުރަން ދަސްވޭ. އަދި އިކުިއޕްމަންޓްގެ ގޮތުންވެސް"

ޒާންގެ އާއިލާއަކީ ވަރަށް ބޮޑު އާއިލާއެކެވެ. އަދި ކެއްކުމަށް ވަރަށް ބޮޑު ފޯރިއެއް އޮންނަ ވެސް އާއިލާއެކެވެ. ކާނާގެ ރޮނގު ޒާންއަށް ހިޔާރު ކުރެވުނީ ކެއްކުމާއި އާޓަށް ވަރަށް ވޝައުގުވެރިވާތީ އެވެ.

"މި ޒަމާނުގެ ކޫޒީން ހުންނަ ގޮތުން ކެއްކުމާއި ޑިޝްތަކަކީ ވެސް އާޓެއް. އާއިލާގެ އެއްބާރުލުން ވަރަސް ބޮޑަށް ލިބުނު ކެރިއާ ޕާތެއް ހޯދުމުގައި. ވަރަށް ނަސޭހަތްދި ން. އަދި ފީޑްބެކްވީ ކަންކަން ދަސްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ލިބުނު ހިއްވަރަކަށް... ފުރަތަމަ ކެއްކި އެއްޗެއް ހަނދާނެއް ނެތް މިހާރަކު،" އޭނާ ބުންޏެވެ.

ގްރޭޑް އަށަކާއި ހިސާބުން ޒާންގެ ކެރިއާ ޕާތް ކޮށާ ސާފު ކުރަންވީ ގޮތް އެނާ ދެނެގަތެވެ. ޒާ ބުނި ގޮތުގައި ގްރޭޑް އަށެއްގައި ވެސް ކުރިޔަށް ދާނީ ކަލްލިނަރީ ފީލްޑުންކަން ދެނެގަނެވުނެވެ.

"އޯލެވެލް ނިންމާ އޭލެވެލްއަށް ދާން ޕްލޭން ކުރީ. މި ސޮސައިޓީގައި އޭލެވެލް ނެހުދުން ވާނީ ޓެބޫ ކަމަކަށް. އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ލިބުނު. އަދި އޯލެވެލް ނަތީޖާ ރަނގަޅުވުމުން އޭލެވެލްގައި ނަތީޖާ ރަނގަޅު ކުރުމަށް އަހަންނަށް ޕްރެޝާ އެއްވެސް އޮތް. އެކަމަކު އެނގޭ އޭލެވެލް އަހަންނަށް މުހިއްމު ނުވާނެކަން. ކަލްލިނަރީ ދާއިރާގެ ކޯހެއްކަން އަހަންނާއި ގުޅޭނީ. އެފްއެޗްޓީއެސް ހިޔާރުކޮށް އެއީ އަހަރެންގެ ކެރިއަ ފަށާ ހިސާބުކަމަށް ނިންމީ،"

ޒާން ބުނި ގޮތުގައި ޑޮކްޓަރުކަން ކިޔަވަން ބައެއް މީހުން އޭނާއަށް ބާރު އެޅި އެވެ. އަދި އޭނާގެ ހިޔާރު ކުރި ދާއިރާއާ މެދު ބައެއް ޓީޗަރުން ހައިރާންވި އެވެ. އެކަމަކު މިހާރު އެ އެންމެންވެސް ވަރަށް ހިތްވަރު ދެއެވެ.

މިވީ ދުވަސްތަކުގައި ޒާން އަށް އެންމެ ބޮޑު ތަޖުރިބާއެއް ކުރެވުނީ ލަކްސްގައި ހޭދަ ކުރި ކުޑަ ދުވަސްކޮޅެވެ. އެއީ ހަމަ ވަރަށް ކުޑަ ދުވަސްކޮޅެކެވެ. އެކަމަކު ވަރަށް ގިނަ ވަރަށް ބޮޑެތި ކަންތައް ދަސްވި ދުވަސްކޮޅެކެވެ.

"މިދިޔަ އަހަރު ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބައިވެރިވުމަކީ ވެސް ވަރަށް ސަޅި އެކްސީޕީރިއެންސެއް. މިއަދާއި ހަމައަށް އައި އިރުވެސް ޕްރޮފެޝަނަލް ޝެފުންނަކީ ގަދަރުވެެރި ވަޒީފާއެއް ކަމުގައި މުޖުތަމައު ނުދެކުމަކީ ދެރަކަމެއް. އަދިވެސް މީހުން ބޭނުންވަނީ އެމީހުންގެ ދަރިން ޑޮކްޓަރުންނަށް ލޯޔަރުންނަށް ވާން. މިއީ ވަރަށް ގިނަ ބަޔަކު މި ދާއިރާ ނުކުތުމަށް އޮތް ހުރަހަކަށް ވެދާނެ،" ޒާން ބުންޏެވެ. " އަހަރެން ބުނާނީ ކުޑަ އިންޓްރެސްޓެއް ހުރިޔަސް ކުރު ކޯހެއް ނަމަވެސް ހަދާށޭ. ކަމުދޭތޯ ބަލައިލަން މީހަކު ބުނާ އެއްޗެއްކަށް ބަލާނެ ކަމެއް ނެތޭ."

ޒާން މިހާރު ހުރި ހިތުއަޅައިގެން ހުރީ މި ދާއިރާއިން އިތުރަށް ކުރިއަށް ދާން ޑިގްރީ އާއި މާސްޓާސް ހަދާށެވެ. އަދި ޒާން އަކީ ރާއްޖޭގެ ރެެސްޓޯރަންޓް، ކެފޭ އިންޑަސްޓްރީގައި ބޮޑު ނަމަކަށް ވާނެކަން އޭނާ ވާހަކަދައްކާލި ކުޑަ ވަގުތުކޮޅުން ވެސް އެނގެ އެވެ. އެއް ހަރުފަތް ގިރާކޮށް އަނެއް ހަރުފަތަށް ގޮސް ޒުވާން ޒާންގެ ނަން އެންމެ އުހަށް ގެންދާނެ އެވެ. އެކަކު ޝައަކެއް ނެެތެވެ.