މީހުން

އާޓިސްޓުންގެ ތަހުތުގައި އަފޫ

އަމިއްލައަށް ހުނަރު ތަރައްގީ ކޮށްލައިގެން އުޅޭ އާޓިސްޓުން ރާއްޖޭގައި ގިނަ އެވެ. ދާއިރާއިން މަތީ ތައުލީމު ހާސިލް ކޮށްގެން ހުނަރާއި ތަޖުރިބާ އާއި އެއްވަރަށް މަތީ ދަރަޖައިގެ ފާހާއެކު އުޅޭ އާޓިސްޓުން ތަންކޮޅެއް މަދެވެ. ރާއްޖޭގެ އާޓިސްޓުންގެ ފަންނުގެ އެންމެ އުހަށް އަރައި ހުރި އެކަކަށް އަފްޒަލް ޝާފިއު (އަފޫ) ވާނެ އެވެ. އޭނާ ވަނީ ފަައިން އާޓްސްގެ ދާއިރާ އިން މާސްޓާސް ޑިގްރީއެއް އިނިގިރޭސިވިލާތުގައި ފުރިހަމަ ކޮށްފަ އެވެ. ކިޔެވި ޔުނިވާސިޓީއިން އޭނާއަށް އާޓް ރެސިޑެންސީ ޕްރޮގްރާމެއްގައި މަސައްކަތް ކުރާނެ ފުރުސަތު ލިބި އޭނާ ދަނީ އެ މަސައްކަތް ކުރަމުންނެވެ.

އަފޫ ބުނާ ގޮތުގައި އޭނާއަކީ ސުކޫލުން ފެށިގެން އާޓަށް ޝުހަގުވެރިވި މީހެކެވެ. އޭނާ އެންމެ ފުރަތަމަ އަދާ ކުރި ވަޒީފާއަކީވެސް އާޓާއި ފަންނާއި ގުޅިފައިވާ މަސައްކަތެކެވެ. މޯލްޑިވްސް ޕޯސްޓް ގައި ޕޯސްޓް ސްޓޭމްޕް ޑިޒައިނަރެއްގެ ގޮތުގައި އޭނާ 13 އަހަރު މަސައްކަތް ކުރި އެވެ. އާޓިސްޓެއްގެ ގޮތުގައި ގްރެފިކްސް ޑިޒައިން މަސައްކަތާއި އިޝްތިހާރު ހެދުމުގެ މަސައްކަތާއެކު ހުނަރު އިތުރަށް ފުޅާ ކުރަން ފައިން އާޓްސް އިން ކިޔަވަން 2010 ގައި އޭނާ ނިންމި އެވެ.

"އާޓިސްޓެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ކަންކަން އަޅުގަނޑު ބަލާ އޮބްޒާވް ކުރަން. ބޮލުތެރޭގެ ހުންނަ ހިޔާލުތަކާއި އަދި ވަަށައިގެންވާ މާހައުލުގައިވާ ކަންކަން ވަރަށް ރަނގަޅަށް އޮބްޒާވްކުރަން. އެއިން ލިބޭ އިންސްޕިރޭޝަން އެއީ ކްރިއޭޓިިވިޓީއަށް ލިބޭ ބޫސްޓެއް"

އަފޫގެ އާޓް މަސައްކަތް ތަކުގެ ތެރެއިން އޭނާ ބޮޑު މަޝްހޫރުކަމެއް ހޯދީ ސޭންޑް އާޓް އިން އޭނާ ގެނެސްދޭ ޕާފޯމަންސެވެ. މާލޭގައި އަދި ރިސޯޓްތަކުގައި އޭނާގެ އެ ހުނަރު ލައިވްކޮށް ދައްކާލާފައިވާ އިރު މިއީ ދިވެހިންނަށް ވަރަށް އާވެސް ކަމެކެވެ. އަދި މިއީ ދިވެހި އާޓް ސީނަށް އަފޫ ގެނައި ކުޑަ އިންގިލާބެކޭ ވެސް ބުނެވިދާނެ އެވެ.

އަފޫގެ ސޭންޑް އާޓް ވީޑިއޯ ކްލިޕެއް

މިފަހުން، އަފޫގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ސީރީޒް އަކީ "އޯޝަން ޖަންކް" އެވެ. އޭނާ 2019 ވަނަ އަހަރު ފެށި މި މަސައްކަތުން ދައްކާލަނީ މަސްތަކެކެވެ. މި މަސްތައް އޭނާ ކުރަހާފައި ވަނީ މޫދުން ފެންނަ އެކި އެކި ކުނި ބޭނުން ކޮށްގެން މަސްތަކުގެ އަސްލު ހުންނަ ގޮތަށެވެ.

"މިއީ ރާއްޖޭގައި މޫދައި ފަޅު ސާފު ކުރުމުގެ ހަރަކާތްތަކުން އެއް ކުރާ ކުނިން އިންސްޕިރޭޝަން ލިބިގެން އުފައްދާފައިވާ ސީރީޒެއް. މީގައި ދައްކާލަން ބޭނުންވީ ބޭނުންކޮށްފައި އެއްލާލާ ތަކެތީގެ އެންޑްއަޕް ވަނީ ކަނޑުގައިކަން. އާއްމު ދިރިއުޅުމުގައި ވަރަށް ލޯބިން ގެންގުޅޭ އެކި އެކި ސާމަނު މިސާލަކަށް ކުޅޭ ސާމާނާއި، ބޫޓު އަދި ދަބަސް ނުވަތަ ގިޓާ ފަދަ ތަކެތި ބޭނުންކޮށް ނިމިގެން އެއްލާލާއިރު މިތަކެތި ދެން ފެންނަނީ މޫދާއި ގޮނޑުދޮށަށް ލައްގާފައި ހުންނަތަން." މި ސީރީޒް އާއި ގުޅޭގޮތުން އަފޫ ބުންޏެވެ.

"އުކާލާ ކުނިން ހަޔާތުގެ ވާހަކަތައް ބުނެދޭ. އެކަމަކު ޒިންމާދާރުކޮށް ކުނި މެނޭޖް ކުރުމަަަކީ ކުރެވޭނެ ކަމެއް! މިކަމުގައި ފަރުދީ ޒިންމާވެސް އެބައޮތް. ކުނި މަދުކުރުމަށް އަހަރެން ބޭނުންވީ އާޓުން މީހުން ހޭލުންތެރިކުރުމަށް. އެގޮތުން ފެށި ސީރީޒެއް މިއީ. ކުރެހީ އެކި ބާވަތްތަކުގެ މަސް ތަފާތު ގޮތަކަށް. އުކާލާ ކުނިން އޭގެ އަސްލު ސިފަ ހުންނާނެ ގޮތަށް މަސްތައް ކުރެހީ އިންކް، އެކްރިލިކް ، ވޯޓާ ކަލާ އަދި ފަންސޫރުން ކޮށްފައިވާ މަސައްކަތައް އެއީ. އަސްލު އެ މަހެއްގެ ހުންނަ ސިފަ ގެންނަން މިގޮތަށް ކުރަހާލަން ގިނަ ވަގުތުތަކެއް ހޭދަ ކުރަންޖެހޭ. ގާތްގަނޑަކަށް ފަސް ދުވަސް ވަރު ނަގާ މަހެއް ކުރަހާ ނިންމާލަން،

އަފޫގެ މި މަސައްކަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. މިހާރު ބީބީސީ ވައިލްޑް ލައިފް މެގަޒިން އާއި ޑޭވިޑްޝެޕާޑް ވައިލްޑް ލައިފް ފައުންޑޭޝަނާ ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ އެގްޒިބިޝަނެއްގައި އަފޫއަށް ވަނީ ބައިވެރިވުމުގެ ފުރުސަތު ލިބިފަ އެވެ. އަފޫ ބުނާ ގޮތުގައި މިއީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

"2000 އަށް ވުރެ ގިން އެންޓްރީސްގެ ތެރެއިން އަޅުގަނޑުގެ މަސައްކަތެއް 'ބައިކް ހޭންޑްލް ސްލިންގްޖޯ ރެސް؛ މި އެގްޒިބިޝަންގައި ބައިވެރި ކުރުމަށް ލިބުނު ފުރުސަތަކީ ވަރަށް އުފާވި ކަމެއް" އޭނާ ބުންޏެވެ.

އަފޫ ވަނީ 2014 ވަނަ އަހަރު ވިޝުއަލް އާޓްސް އިން ގައުމީ އިނާމު ހާސިލްކޮށްފަ އެވެ. އޭނާގެ އިތުރު ކާމިޔާބީތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލް އާޓް މުބާރާތުގައި އޭނާގެ "މާލެ" އަށް އެއްވަނަ ލިބުނެވެ.

އަފޫގެ ދިގު އާޓް ކެރިއަރުން އޭނާއަށް ފާހަގަކޮށްލެވުނު އެއް ކާމިޔާބީ އަކީ "އާޓިސްޓެއްގެ ހައިސިއްޔަތުން ވަރަށް އުފާވި ދުވަހެއް އެއީ އަޅުގަނޑުގެ ޕެއިންޓިންގ އެއް ޗައިނާގައި ޕޯސްޓޭގް ސްޓޭމްޕަކަށްވުމަކީ" އޭނާ ބުންޏެވެ.



ބައެއް އާޓިސްޓުންނަށް އާޓަކީ ވަރަށް ޒާތީ އެއްޗެކެވެ. އެ އާޓިސްޓެއްގެ މުޅި ދިރުއުޅުން އާޓައި ގުޅުވާލައެވެ. "ޑްރީމްސް" މި ނަންދީ އަފޫ އޭނާގެ ފިހިން ކުލަޖައްސާލީ ސީރީސް އަކީ އޭނާގެ ހުވަފެންތަކެވެ. "މިއީ މަގުބޫލު ސީރީސް އެއް. ހުވަފެނަކީ އަސްލު ބުނާނަމަ ވިންޑޯ ޓު އަންސް އޯން ސެލްފް. މިގޮތަށް ޕެއިންޓް ކުރުމަކީ އަމިއްލަ މީހާ ވަރަށް ބޮޑަށް ދަސްވާކަމެއްހެން ހީވޭ"


ރާއްޖެ އާއި ދުނިޔޭގެ އެހެން ގައުމުތައް ހިމަނައިގެން އޭނާގެ 40 އެގްޒިބިޝަނެއް މިހާރު ވަނީ ބާއްވާފައެވެ. މިގޮތުން އޭނާގެ ހުނަރު ދިވެހި މި ފަސްގަނޑާއި ތޮށިގަނޑުން ބޭރުވެ އިނގިރޭސި ވިލާތު، ޖަރުމަން، ޖަޕާނު، ޗައިނާ، ޓެންޒޭނިއާ، މޮރިޝަސް، ސްރީލަންކާ އިންޑިއާ ގައި ވަނީ ދައްކާލާފައެވެ.

"މިއަހަރު އަދި ކުރިއަށް އެބަ އޮތް ތިން އެގްޒިބިޝަނެއް އިނގިރޭސި ވިލާތުގައި. މިހާރު މި ދަނީ އޭގެ މަސައްކަތްތަކަށް ތައްޔާރުވަމުން" ކަމުގައި އަފޫ ބުންޏެވެ. އަފޫ ބުނާ ގޮތުގައި މޮޅު އާޓިސްޓަކަށް ވުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރަންޖެހެއެވެ. ފަންނުގައި ކުރިއަރާނީ ކޮންމެ ދުވަހަކުވަސް ކްރިއޭޓިވް މަސައްކަތް ކުރުމަށް ވަގުތު ހޭދަަކޮށްގެންނެވެ. އޭނާގެ ހުނަރު ތަރައްގީ ކުރުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރާތާ މިހާރު 30 އަހަރު ވީއެވެ. އެއީ އޭނާ އާޓިސްޓުންގެ ތަހުތުގައި އިށީނދެލުމުގެ ސިއްރެވެ.