އަ އްޑިހައިގެ ކުރީކޮޅެވެ؛ ސްވިޒަލޭންޑުގެ އުމުރުން 24 އަހަރުގެ މި ޒުވާނާ، ސަބީނާ އާސެލާ މަނިކް މައިޑާ، އުފަން ގައުމުގެ ފެހި ފެހި ވާދީތައް ދޫކޮށް ފޮށިތަންމަތި ބަނދެގެން "ޖަޒީރާ ދިވެހިރާއްޖެ" އަށް ބަދަލުވި އެވެ. އޭނާގެ ބަހުން ނަމަ "ކަންޓްރީ އޮފް ބުލޫސް" އަށް އޭނާ އައީ ޔުނިވާސިޓީ ތައުލީމަށް ފަހު ކޮކޯއައިލޭންޑްގައި ހުހަށް އޮތް ތަރުޖަމާ ކުރާ މީހެއްގެ ވަޒީފާ އަށެވެ. އޭނާއަކީ ތަފާތު ހަ ބަހަކުން ފަސޭހަ ކަމާއި ވާހަކަ ދައްކާ، ބަސް ކިޔަވައިގެން ހުރި ޒުވާނެކެވެ. -- އޭނާގެ ވާހަކައިގައި ރާއްޖެއަށް "ޖަޒީރާ ދިވެހިރާއްޖެ" ބޭނުންކޮށްލި އިރު މިއަދަކީ 1969 ވަނަ އަހަރު ރާއްޖޭގެ ނަން "މޯލްޑިވްސް އައިލެންޑްސް" އިން "މޯލްޑިވްސް" ބަދަލު ކުރި ދުވަހެވެ.
އެ ދަތުރުގައި ސަބީނާއަށް ރާއްޖެ އާދެވިއްޖެ އެވެ. ނޫން، އެ ދަތުރާއެކު ހިތުގައި ދިވެހިރާއްޖޭގެ މައްޗަށް އުފެދުނު ރީތި ރާޅެއްގައި ޖެހި މުޅި ހަޔާތް ވެސް ބަދަލުވީ އެވެ. އެވެ. ދެން، އޭނާވީ ދިވެއްސެއްގެ އަންބެއްގެ ގޮތު، ސަބީނާ މަނިކުއަށެވެ. ފިރިމީހާ، މ. ގުލިސްތާނުގޭ އަލީ ހަސަން މަނިކުގެ އެހެން ކައިވެންޏަކަށް ލިބިފައިވާ ހަތަރު ކުދިންނާއި ސަބީނާއަށް ލިބުނު ހަތަރު ކުދިންނާއެކު އަށް ކުދިންގެ މަންމައަކަށް ބަދަލުވީ އެވެ. މާލޭގެ އެ ޒަމާނުގައި އޭނާވީ ހަމަ ރަނގަޅަށް ވެސް ފުލްޓައިމް މަންމައަކަށެވެ.
އެއަކީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް މާ ތަރައްގީވެފައި އޮތް ޒަމާނެއް ނޫނެވެ. ލޯބިވާ އާއިލާ އާއި ރައްޓެހިންނާއި ކިޔަވައި ދިން ޕްރޮފެސަރުންނާއި އޭނާ މީހަކަށް ހަދައި ދިން މީހުން ގާތަކު ނެތެވެ. އޮތީ ހަމައެކަނި ހަނދާންތަކެކެވެ. އެ ރީތި ހަނދާންތަކުގައި ސިފައެއް ޖައްސައި "ފުރާނައެއް އަޅުވާން" އޭނާ ވަރަށް ބޭނުންވި އެވެ. އެހެންވެ އޭނާ ލިޔުނު ބައިވަރު ޅެންތަކުގެ ތެރެއަށް އެ ހާނދާންތައް ވެއްދި އެވެ.
ޝަބީނާ މަނިކު އެއީ އާޓިސްޓެކެވެ. އަދި ލިޔުންތެރި އެކެވެ. ގޭތެރެ އާއި ކުދިންގެ ކަންކަން ނިންމާލެވޭ ހިސާބުން ހިތުގެ އުދާސްތަކާއި ގައިގައި ބައްދައިގެނެ ވަށައިލާފައި އޮންނަ "ހޯމް ސިކްނަސް" އަށް ފަރުވާ ދިނީ އޭނާގެ ގަލަމުންނެވެ.
ޝަބީނާ މަނިކުގެ ހަނދާންތަކުގެ ހުރިހާ ވާހަކައެއް ކަރުދާހަށް ތިރި ކުރީ އޭނާ ދުށް ހުރިހާ ތަނަކީ އަދި ފެނުނު ހުރިހާ މަންޒަރާއި ހަނދާންތަކަކީ "މާޒީގެ ކުޑަދޮރުން" އޭނާއަށް ފޯކަސް ކޮށްލެވުނު ތަންތަން އެއީ އެއްވާހަކަ އަނެއް ވާހަކައަކާ ގުޅަވައިލެވޭ ކަންކަން ކަމަށް ބަލައިގެނެވެ.
މީގެ 20 އަހަރު ކުރިން އޭނާގެ އަތު ލިޔުމުން އެކުލަވާލި 15 ޅެމަކީ ހިތުގެ އެންމެ ފުނުގައިވާ ހާނދާންތަކުގެ ރީތި ވާހަކަ އެވެ. އެއިން ކޮންމެ ޅެމަކަށް ހާއްސަ ކޮށްފައިވާ ކުރެހުންތަކެއް ވެއެވެ. -- މާލޭ އާޓް ގެލެރީގައި މިއަދު ނިޔަލަށް އެތަކަތު އެގްޒިބިޓްކޮށްފައި ވެއެވެ. މީގެ ކުރިން ވެސް ދެފަރެއްގެ މަތީން ސަބީނާ މަނިކުގެ އާޓް މަސައްކަތް ނެޝަނަލް އާޓް ގެލެރީގަ އެތުރި އެވެ.
ޝަބީނާ ބުނެދިން ގޮތުން ވިއްޔާ އެންމެ ކުޑައިރުއްސުރެ ވެސް އޭނާއަކީ އާޓްގެ މީހެކެވެ. އަބަދުވެސް ހާއްސަ ޝައުގުވެރި ކަމެއް އާޓަށް ހުއްޓެވެ. އަދި އޭނާ ގަބޫލު ކުރާ ހަމައެއް ވެސް އޮވެއެވެ. އެއީ ހަޔާތުގެ ކޮންމެ ކަމަކީ ވެސް އާޓެކެވެ.
"ތަފާތު މީޑިއަމްތައް ބޭނުން ކޮށްގެން އަހަރެން ބޭނުން ވަނީ، ކޮންމެ އެއްޗެއް ވެސް ރީތި ކޮށްލަން. އެގްޒިބިޝަންގައި އަހަރެން މި ދައްކާލައި ދިނީ މަގޭ ޑައިރީއިން ބައެއް. މިއިިން ކޮންމެ ޅެމަކީ އަަހަރެންގެ ހިތުގައިހުރި އިހުސާސްތަކެއް! މި ހިތުގައި އަބަދުވެސް އަހަންނާ ދުރުގައިވާ އަހަރެންގެ މީހުންގެ ހަނދާންތައް ވޭ... މަންމަ އާއި ބައްޕަ، އަހަރެންގެ ދައްތަ! އެކި އެކި މީހުނަށް ހާއްސަކޮށް އަހަރެންގެ ލިޔުނު ޅެންތަކާއެކު ފެން ކުލައިން ކުރެހި ކުރެހުންތައް،" ޝަބީނާ މަނިކު ބުންޏެވެ.
ޝަބީނާ މަނިކުގެ ހަޔާތުގެ އެންމެ ރީތި ކުލަތައް ޖެހުނު އެ ޒަމާނުގައި މިހާރު މި އޮތް "ޑިޖިޓަލް ރިވޮލިއުޝަނެއް" ނެތެވެ. އިންޓަނޭޝަނަލް ކޯލަކީ ހިތަށް ގެނެވޭ ވަރަށް ވުރެ ވެސް އަގު ބޮޑު ބީރައްޓެހި ކަމެކެވެ. ބޭރު ގައުމުތަކާއި މުއާސަލާތެއް ކުރަން އެއް ގޮތަކަށް ވެސް ފަސޭހައެއް ނޫނެވެ. އަގު ބޮޑުވެފައި އެހައިމެ ލަހެވެ. މިހާރު މި އޮންނަ ގޮތަށް މަންޒަރާއެކު ހިނދުން ހިނދަށް ދުނިޔޭގެ އެއްބިތުގައި ހުރެ އަނެއް ބިތުގައި ހުރި މީހާއާ ވާހަކަ އެއް ނުދެއްކެ އެވެ.
"އެކަމަކު އޭރުވެސް ގުޅުމެއް އޮވޭ، އޭރު އެކަކު އަނެކަކާއި އޮންނަނީ މާ މާނަ ފުން ގުޅުންތަކެއް،" ސަބީނާ މަނިކު ބުންޏެވެ.
"އަހަރުމެންގެ ތެރޭގައި އޭރު މުއާސާލާތީ ގުޅުންތައް މިހާރާއި އެއްވަރަށް ނެތެއް ކަމަކު އެކަކު އަނެކަކާއި އޮންނަ ގުޅުން ވަރަށް ބަދަހި. މިހާރު އުޅެނީ ފޯނުގެ ސްކްރީނުން ލޯ ނުނެއްޓިގެން... މާޒީގެ ކުޑަދޮރުން ބަލާއިރު މިހާރު ނުފެންނަ ހާދަ ގިނަ މަންޒަރެއް އޭރު ފެނުނޭ! އެކަކު އަނެކަކަށް އޮތް އަޅާލުމާއި ލޯބި. އެކަކު އަނެކަކާއި ބައްދަލުވެ ހިނިތުންވި، އެކުއެކީ އުފަލުގައި ހޭދަ ކުރި ވަގުތު. ރަހުމަތްތެރިކަމާއި އެއްބައިވަންތަކަމާއި މެހްމާންދާރީ އަދި ލޯބި،"
ސަބީނާ މަނިކު ބުނާ ގޮތުގައި އޭނާއަށް ދިވެހިންގެ ކިބައިން ވަރަށް ރީތި އެތައް ސިފައެއް ފެނުނެވެ؛ އޭގެ ތެރެއިން އެއް ކަމަކަށް ކުދިން ބޮޑު ވަނީ އެ ކުދިންނަށް ދޭންވާ ފުރިހަމަ ސަމާލުކަމާއި ލޯބި މައިންގެ އުނގުން ލިބިގެނެވެ. ޅަފަތުގައި މަންމާގެ އުނގުން ދޭ ލޯތްބާއި އަޅައިލުމާއެކު ކުދީން މަގަށް ނުކުންނަނީ ރީތި އަހުލާގާއި ފުރިހަމަ ތަރުބިއްޔަތެއް ލިބިގެންނެވެ.
އޭރު މުއާސާލާތީ ގުޅުންތައް މިހާރާއި އެއްވަރަށް ނެތެއް ކަމަކު އެކަކު އަނެކަކާއި އޮންނަ ގުޅުން ވަރަށް ބަދަހި. މިހާރު އުޅެނީ ފޯނުގެ ސްކްރީނުން ލޯ ނުނެއްޓިގެން... މާޒީގެ ކުޑަދޮރުން ބަލާއިރު މިހާރު ނުފެންނަ ހާދަ ގިނަ މަންޒަރެއް އޭރު ފެނުނޭ! އެކަކު އަނެކަކަށް އޮތް އަޅާލުމާއި ލޯބި. އެކަކު އަނެކަކާއި ބައްދަލުވެ ހިނިތުންވި، އެކުއެކީ އުފަލުގައި ހޭދަ ކުރި ވަގުތު. ރަހުމަތްތެރިކަމާއި އެއްބައިވަންތަކަމާއި މެހްމާންދާރީ އަދި ލޯބި،ސަބީނާ މަނިކު | އާޓިސްޓިސްޓެއް
"ސްވިޒަލޭންޑްގައި އަހަރުމެން ސްކޫލަށް ފޮނުވާ އިރު ކުދިންނަށް އަކުރު ދަސްކޮށް ދެނީ ސްކޫލުން. އެކަމަކު ދިވެހި ރާއްޖޭގައި މުޅިން ތަފާތު. ރާއްޖޭގައި ކުއްޖާ ޕްރީސްކޫލް ފަށާއިރު އެ ކުއްޖާއަށް ގިނަ ފަހަރު އިނގިރޭސި ހިސާބު އަދި ހާށަވިޔަންޏާއި އަލިފުބާ ކިޔަން އެނގޭ. މާމަމެން ވޮށުފިލާ އަޅައިދީ ހަދާ. ގޭގައި ކިޔަވައި ދޭ... ދިވެހި ބަހަކީ މުއްސަންދި ވެސް ބަހެއް. ޔޫރަޕްގެ ބަސްތަކަށް ވުރެ ދިގު ތާރީހެއް އޮތް ބަހެއް... އަހަރެން ހައިރާން ވަނީ މިހާރުގެ ދިވެހި ކުދިންނަށް ދިވެހިބަހުން ވާހަކަ ދައްކަން ނޭނގޭތީ. އަމިއްލަ ބަސް ދޫކޮށް އިނގިރޭސި ބަސް އިސް ކުރާތީ."
ސަބީނާ މަނިކުގެ ކުދީން ބޮޑެތިވެއްޖެ އެވެ. އޭނައަށް މާމަ ކިޔާ ވެސް ހަތް ކުދިން މިހާރު ތިބި އިރު އެ ކުދީންގެ ހާލަކީ ވެސް އެއީ އެވެ. ކުރީން ސަބީނާ މަނިކަށް ހީވެފައި އޮތީ އެހެން ދިމާވަނީ އޭނާއަކީ ދިވެއްސަކަށް ނުވާތީ އެވެ. އެކަމަކު އެހެނެއް ނޫނެވެ. ކުޑަދޮރުން ބަލާލާއިރު އެހެން ކުދިންގެ ހާލަކީ ވެސް އެއީ އެވެ. އަދި ބުންޏެވެ:
"އެތައް ހާސް އަހަރެއްވީ މުއްސަންދި ބަހެއް އޮވެފައި، ކުއްލިއަކަށް އެއް ޖެނެރޭޝަންގެ ފަހުން [މި ދިވެހި ބަސް] ނެތި ހިނގައިދާނެ ބިރު އޮތުމަކީ ކިހާ ދެރަ ކަމެއް،"
ސަބީނާ ދެކޭ ގޮތުގައި އެހެން ދިމާވީ ސަބަބެއް އޮވެގެނެވެ. މައިގަނޑު ސަބަބަކީ މަންމައިން ސްކްރީނުގެ އަޅުންނަށް ވުމެވެ.
"ގިނަ ފަހަރަަށް ކުދިންނަށް ބޭނުންވާ ސަމާލުކަން މަންމައިން އަށް ނުދެވޭ. އޭރާއި މިހާރު ތަފާތަކަށްވީ އޭރަކު ނެތް އެ ޑިޖިޓަލް ޑިވައިސްއެއް. ފޯނުން ވާހަކަ ދެއްކުމަށް ވުރެ އެކަކު އަނެކަކު ފެނި ދެކިގެން ވާހަކަ ދެއްކުން މާ ރަނގަޅު." އޭނާ ބުންޏެވެ. "މިހާރު ކުދިންނަށް ކުޅެލަން ދެނީ އައިފޯނެއް. އެކަމަކު ކުދިން ކުޅެން ދޭންވީ ބޯޅައެއް. ބޯޅަ ބައުންސްވެފައި މައްޗައް އަރާނެ. އައިފޯނު ބައުންސެއް ނުވޭ..."
ފޯނުގެ އަޅަަކަށް މައިންނާއި ކުދިން ވުމުގެ ކުރިން އުފާވެރިކަން ވަރަށް ބޮޑެވެ. އަބަދު ނޯޓިފިކޭޝަން އައިސް އެއަށް އަޅުދާސްވުމުން ކުރީގެ އުފާވެރިކަން ފަސްދީފައި ދިޔައީ އެވެ. ސަބީނާ މަނިކު ބުނާ ގޮތުގައި މިހާރުވެސް ފޯނުން އަތް ދޫކޮށްލައި ބޭރުތެރެއަށް ނުކުމެ ޕާކުތަކަށް ގޮސް ހިނގާލައި ވަށައިގެން މިއޮތް މާހައުލު ބަލާލަން ދިއުމުން ހިތަށް މާ ފިނިވާނެ އެވެ.
"މިހާރު މުޅީން ވަނީ ބަދަލުވެފައި. އަހަރެން އުޅުނީ ފޮތި ނެޕީގެ ދުވަސްވަރެއްގައި! އެކަމަކު ތިން މަހުގެ ކުއްޖެއް ވެސް ކުޑަ ކަމުދާން އުޅޭކަން މަންމައަށް މާ ކުރިން އެނގޭ. މިހާރުގެ ކުދިން މި ތިބެނީ އުމުރުން ފަސް އަހަރުވާ އިރުވެސް ނެޕީފޯވެފައި ބުނާކަށް ނޭގޭ. މިއީ އިކޮލޮޖިކަލް، އެންވާރަމެންޓަލް އަދި ހިއުމަން ޑިސާސްޓާ އެއް،"
މިހާރު ފަސޭހަވެފައި ޒަމާނީ ވިޔަސް ސަބީނާ މަނިކު ގަބޫލު ކުރާ ގޮތުގައި މިހާރުގެ ސްމާޓް ފޯނަކީ ގޮސިޕްގެ ބައި ބޮޑުކޮށް ދޭ ވަސީލަތެކެވެ. އެއާ ހިލާފަށް މާނަވީ ގުޅުމެއް އެކަކު އަނެކަކާ ދެމެދު ބޭއްވޭނީ ސީދާ ހިތާއި ދުލުން ވާހަކަ ދައްކައިގެންނެވެ.
"އެކަމަކު ކުރިން ވެސް ގޮސިޕް ބައި އޮވޭ އިނގޭ... ރާއްޖެއިން އެންމެ ފުރަތަމަ އަހަންނަށް ދަސްވި ދިވެހި ބަހަކީ ވެސް 'ބުނި... އޭނަ ބުނި، މީނަ ބުނި' ފަދަ ގޮސިޕް ފަށާ ބަސްތައް،"
ސަބީނާ މަނިކުގެ މާޒީގެ ކުޑަދޮރުން ބަލާއިރު ދިވެހިންގެ މެހްމާންދާރީ ވެސް ހާސްބައި ތަފާތެވެ. ޔޫރަޕްގެ ގައުމުތަކުގައި ގެއަކަށް ގޮސް މެހްމާނުން ގޭގެ ވެރިމީހާއަށް ޝުކުރު އަދާ ކުރާނީ އެވެ. އެއާ ހިލާފަށް ދިވެހި ރާއްޖޭގައި ޒިޔާރަތް ކުރާ މެހްމާނަށް ޝުކުރު އަދާ ކުރާނީ ޒިޔާރަތް ކުރީތީ ގޭގެ ވެރިމީހާ އެވެ.
"ކޮންމެވެސް އެއްޗެއް ކާން ނޫނީ ބޯނެ ޖޫސްތައްޓެއް ނުވަތަ ފެންތައްޓެއް ނަމަވެސް ދިށްލާނެ، އެއްވެސް އެއްޗެއް ނެތިއްޔާ ދުފާ ލަން ފޯއް ތަބައް ދޭނެ. މިހާރު ހާލަތު މިއޮތީ ބަދަލުވެފައި. ކޮންޕިއުޓަރެއްގެ [ފޯނުން ގުޅާ، ނުވަތަ ސެކިއުރިޓީ ސިސްޓަމަށް ރިފާކޮށް] އެހީއާއި ނުލައި ވަދެވޭނީ މަދު ގެއަކަށް. އަދި ކުރިން އޮތް އަވަށްޓެރި ކަމުގެ ގުޅުމެއް ނޯވޭ. މީހަކު ގެއަށް އަޔަސް ސަމާލުކަން ދިނުމެއް ނޯވޭ. އެއްމެން ތިބެނީ ސްކްރީނަކަށް ގެއްލިފައި"
ސަބީނާ މަނިކު ދެކޭ ގޮތުގައި އޭނާއަށް މުހިއްމު އެއްޗަކަށް ކުދިންނަށް ދެވުނީ އޭނާ ވަގުތާއި ލޯއްބާއި ސަމާލު ކަމެވެ. އެ ހުރިހާ ދައުރަކަށް ފަހު މިހާރު އޭނާ ހުރީ މަންމައެއްގެ ވަޒީފާ އިން ވީއްލި ރިޓަޔާ ކޮށްގެންނެވެ.
މަންމައެއްގެ ވަޒީފާއަކީ މިހާރުވެސް އޭރުވެސް ފަސޭހަ ކަމެއް ނޫނެވެ. ސަބީނާ މަނިކު ދިރި އުޅުނީ ކުރީގެ ބޮޑު ގެއެއްގަ އެވެ. ގަސް އިންދުމާއި ގޯތި ތެރެ ބެލެހެއްޓުމަކީ ކުރާ ކަމެކެވެ. ފިރިމީހާ އުޅުނީ ރެއާރި ދުވާލު ބިޒީކޮށް މަސައްކަތުގަ އެވެ. އުފާވެރިކަން ސަބީނާ މަނިކު ހޯދީ ކުދިންނާއެކު ގޯތިތެރެއިންނެވެ.
"އަހަރެން ގޭގެ ގޯތި ތެރޭ އިންދި ގޯނބިލި ގަހެއް ބޮޑުވެ ބިޔަވެ ގޮފި ފަޅައި ޖެހިގެން ހުރި ގޭގެ ފަސް ވަނަ ފްލޯއާ ހަމައަށް އެރި. އެ ގަހުގެ ހިޔާ މުޅި ފިޔާތޮށިމަގަށް ލިބުނު. އަހަރެންގެ ކުދިން އުޅުނީ ގޯތިތެރޭގައި ގަހުގައި ހިޔަލުގައި ބޯޅަ ކުޅެން. އެ ޒަމާނުގައި ކުދިިން އުޅޭނީ މުޅިން ވެސް ކުޅުމުގައި... 38 އަހަރުވަން ދެން އަހަރެން އުޅުނީ ފުލްޓައިމް މަންމައެއްގެ ގޮތު، މިހާރު އަހަރެންގެ އުނގުގައި ކުއްޖެއް ނެތް. އޭގެ މާނައަކީ ކުދިންނާ ދޭތެރޭ އަހަރެން ފިކުރު ނުކުރުމެއް ނޫން. އަހަރެން އަދިވެސް މިސްވޭ ދުރުގައިވާ އާއިލާ މީހުން. ކުދިން ކައިރީ ނެތިއްޔާ އެމީހުން ހަނދާން ވޭ. އަހަރެންގެ އެންމެ ހަގު ދަރިފުޅު މިހާރު ހުރީ ސްވިޒަލޭންޑުގެ ޔުނިވާސިޓީއެއްގައި ކިޔަވަން... މިހާރު އަހަރެންގެ ވަގުތުތައް މިއޮތީ ހުހަށް ހިތަކަށް އަހަރެން ބޭނުން ކަމެއް ކުރަން ލިބިފައި. ގިނަ ވަގުތު އަހަރެން ބޭނުން ވަނީ އާޓް މަސައްކަތެއްގައި އުޅެން،"
ސަބީނާ މަނިކުގެ "މާޒީގެ ކުޑަދޮރުން" އެއީ އޭނާގެ ކުރީގެ އިހްސާސްތައް ބަންޑުންކޮށްލައި ދިނުމެކެވެ. އޭގައިވާ މެސެޖްތައް ވަރަށްވެސް މުހިއްމުވެފައި ސާފެވެ. ތަރައްގީ އާއި ތަހުޒީބާއެކު މީހާއަށް އަންނަ ބަދަލުތަކުގެ ރަނގަޅާއި ނުރަނގަޅު ފެނެ އެވެ. ދަތުރެއްގެ ފެށުމާއި މެދާއި ނިމެމުން ދާ ހިސާބުގެ ހަނދާތައް ހަރުލާފައި ހުންނަ ގޮތް ކިޔައި ދެއެވެ.