މީހުން

އެންމެން ކުޅުދިޔާ ކުރާ ސޯލް ފުޑް!

އެ އްރެޔަކު ވީގޮތަކީ ފާތިމަތު ހިމާ ވަހީދު (ހިމޫ) ހަމަ ކާ ހިތްވީ އެވެ؛ އެރޭ ހިމޫން ޑަމްޕްލިންސް ކާހިތްވާން ފެށީ އެވެ. ދެން އަމިއްލައަށް އެ ތައްޔާރު ކުރާ ހިތް ވެސް ޖެހުނީ އެވެ. ހިމޫ ބުނާ ގޮތުން އެރޭ "ބްލަޑް، ސުވެޓް، ސޯލް"، ކަށީން ހިތްވަރު ނެރެގެން އެތައް ފަހަރަކު ޓްރައި ކުރި އެވެ. ދުރު އިރުމައްޗަށް ހާއްސަކޮށް ޗާއިނާއަށް ނިސްބަތްވާ އަދި މިހާރު މުޅި ދުނިޔެ ވެސް ރަހަބަލާފައިވާ މީރު ޑަމްޕްލިންސް ހަދައިގެން ހަމަ ކަމުދިޔަ އެވެ. އޭގެ ފަހަށް ރަށްޓެހިންނަށް ފޮނުވާލުމުން އެ މީހުނަށް ވެސް މީރުވެއްޖެ އެވެ. އަދި ސްނެޕްޗެޓަށް ދޫކޮށްލުމުން އާންމު ވަރަށް ގިނަ ބަޔަކަށް ވެސް "މީރު" ވެއްޖެ އެވެ. އެއީ ހިމޫގެ ޑަންޕްލިންސްގެ ފެށުމެވެ، އަދި މިހާރު އޭނާގެ ހާއްސަ ވިޔަފާރި "ސޯލް ފުޑް ބައި ހިމޫ" ވެސް އުންފަން ވެގެން އައި ހިސާބަކީ ވެސް އެއީ އެވެ. އަމިއްލައަށް ކާހިތްވާތީ ރެއްގެ ދަންވަރު ފެށި ކަމެއް ރަނގަޅު ވިޔަފާރިއަށް ބަދަލުވީ އެވެ.

ބާވަތްބާވަތުގެ ކާނާ ތައްޔާރު ކުރުމަކީ އައްޑު އަތޮޅަށް ނިސްބަތްވާ ހިމޫގެ އަބަދުވެސް ޝައުގެކެވެ. އެ ޝައުގުވެރި ކަމުގައި ހެދި ޑަމްޕްލިންސްގެ ތެރެއިން އައި "ސޯލް ފުޑް ބައި ހިމޫ" އަކީ މިހާރު މަގުބޫލުކަން ހޯދާފައިވާ މީރު ކެއްކުންތަކުގެ ވިޔަފާރިއެކެވެ. ދެކުނު އޭޝިޔާއަށް ނިސްބަތްވާ ގައުމުތަކުގެ ކެއުންތައް މީރު ރަހައިގައި ކަސްޓަމަރުންނަށް ހީމޫ ފޯރުކޮށްދެ އެވެ. ލޯތްބާއެކު އެވެ.

ކިޔަވަން މެލޭޝިޔާގައި ހިމޫ ދިހަވަރަކަށް އަހަރު ހޭދަ ކުރި އެވެ. ހިމޫ 29، ބުނި ގޮތުގައި ބޭރުގައި އުޅުނު އިރު ވެސް އެހެން ގައުމުތަކަށް ދަތުރުކޮށް އެ ގައުމުތަކުގެ ކާއެއްޗެހި ޓްރައިކޮށް ހަދަ އެވެ. ރާއްޖެ އައުމަށް ފަހު ޝައުގުވެރި ކަމާއި ހުނަރުގެ ބޭނުން ހިފައި އެކަން މަސައްކަތަކަށް އަދި ވިޔަފަފާރިއަކަށް ބަދަލު ކޮށްލީ އެވެ.

ހިމޫގެ ފުޑް ވިޔަފާރި ފުޅާވި ގޮތް ކިޔައިދެމުން އޭނާ ބުނި ގޮތުގައި ޑަމްޕްލިންސް އަކީ ފެށުން ކަމަށް ވިޔަސް މީހުންގެ ނަޒަރު އޭނާއަށް އެނބުރުނީ އޭނާ ތައްޔާރު ކުރަން ފެށި ޗައިނީސް ނޫޑްލިހެއް މާ މީރުވެ އާންމު ގިނަ ބައެއްގެ ކުޅުދިޔައި ވެގެނެވެ. އެކަމެއް ހިނގީ މިދިއަ އަންހެނުންގެ ދުވަސް، މާޗް 8، ގައެވެ. އޭނާ ބުނި ގޮތުގައި އެ ދުވަހު ރަހަބަލަން އެކި މީހުނަށް ފޮނުވާލުމުން އެންމެނަށް ވެސް ވަރަށް މީރުވި އެވެ. އަދި އިންސްޓާގްރާމްގައި ފޮޓޯ ހިއްސާ ކުރުމުން ވައިރަލްވެ ގިނަ ބައެއްގެ ހިތް ދަމައިގަތީ އެވެ.

"ޗައިނީސް ނޫޑްލިސް ހެދީ [މިދިއަ] އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި. ޑަމްޕްލިންސް ހެދީ މިދިޔަ އަހަރު ލޮކްޑައުންގައި. ޗައިނީސް ފުޑް ރާއްޖެއިން ހޯދަހޯދާ [ވެސް] ނުލިބުނީމަ [އަމިއްލައަށް] ހަދަން ފެށީ،" ހިމޫ ބުންޏެވެ.

އަބަދުވެސް ކައްކަން ޝައުގުވެރިވި

މޭލޭޝިއާގެ ތަޖުރިބާތަކަށް ފަހު ހިމޫގެ ކައްކަންކަން ފަށައި ވިޔަފާރިއަކަށް ބަދަލުވީ އިހަށް ދުވަހު ނަމަވެސް އޭނާގެ ފުރާވަރު އުމުރުގައި ކައްކަން ވަރަށް ޝައުގުވެރި އެވެ. އެ ޝައުގުވެރިކަން އޭނާ މާލެއިން މެލޭޝިއާއަށް ވެސް ގެންދިޔަ އެވެ. އެކޮޅުގައި ވެސް ހިމޫއާ އެކުގައި ކިޔަވަން އުޅުނު ދިވެހި ކުދިންނާއެކު ދިވެހި ހެދިކާ އާއި އެހެން ކާނާތައް ހެދި އެވެ. ރާއްޖެ މިސްވާން ފެށުމުން ވެސް ހެދިކާ ހަދަ އެވެ. އޭރުވެސް ހިމޫގެ ހެދިކާ މީރުވެ އެވެ. ހިމޫން ބުނާ ގޮތުގައި މެލޭގައި ދިވެހި ދަރިވަރުންނަށް އޭނާ ހެދިކާ ވިއްކި އެވެ.

މާލެ ބަދަލުވުމަށް ފަހު ކާން ބޭނުން ވެގެން ކަންކަން ފެށީ އެވެ. ޗައިނީސް، ކޮރިއަން ފުޑާއެކު ފަށައިގަތީ އެވެ. އަމިއްލަ ސުފުރާ މައްޗަށް ވާވަރަށް ތައްޔާރު ކުރި ކާނާ ފަހުން ވިޔަފާރިއަށް ބަދަލުވީ އެވެ.

"އަޅުގަނޑުގެ ކޮންމެ އާ ކެއުމެއް ކަސްޓަމަރުންނާ ހަމައަށް ނެރުމުގެ ކުރިން [ރަހަ ބަލައި] ޓެސްޓު ކުރަން [ކޮލިޓީ ކޮންޓްރޯލް ކުރުމަށް] ހަފްތާއެއްހާ ދުވަސް ވަންދެން ޓެސްޓު ކުރުމަށް ފަހު ތައާރަފު ކުރަނީ،" އަވަސް އަށް ދިން އިންޓަވިއުގައި ހިމޫ ބުންޏެވެ.

ހިމޫގެ "ބަދިގެ" ހުޅުވާލި އިރު އެންމެ ފުރަތަމަ އުޅުނީ އެކަންޏެވެ. ބާޒާރުކޮށް ކައްކާ އަދި ޕެކް ކުރީ ވެސް އަމިއްލައަށެވެ. އެހެންނަމަވެސް މަންމަގެ އެހީ އަބަދުވެސް ލިބުނެވެ. މިހާރު ހިމޫ އަށް އެހީވާށާއި އަތްގާތްކޮށްދޭނެ މީހުން ތިބެ އެވެ.

"ކުރިން ނަމަ އެކަނި ހުރިހާ ކަމެއް ކުރާނީ. އެކަމަކު މިހާރު ހުންނާނެ އެހީވާނެ މީހަކު، ޝޮޕިން ކުރާނެ މީހަކުވެސް ހުރޭ. ބިޒްނަސް ހިންގުމުގައި މަންމަ އާއި ޕާޓްނަރު ވަރަށް އެހީވޭ،" ހިމޫ ބުންޏެވެ.

މަސައްކަތުގައި މިހާރުވެސް ދުވާލު 100 އާއި 500 އާއި ދެމެދުގެ އޯޑަރު ސޯލް ފުޑުން ނަގައެވެ. އެހެންވެ ވަރަށް މަސައްކަތް ބުރައެވެ.

ކެއްކުންތައް، ހާއްސަކޮށް ދެކުނު އޭޝިޔާގެ ކެއުންތައް ކަންކަން ހިމޫ ދަސްކުރީ އަމިއްލައަ ށެވެ. ކޯހެއް ނުހަދަ އެވެ. އެހީއެއް ނުހޯދަ އެވެ. އެކަމަކު އޭނާގެ ކޮންމެ ފުޑެއް ވެސް ވެފައި ވަނީޫ މީހުން ކުޅުދިޔާ ކޮއްލާ ރަހައަކަށެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ކެއުންތައް މީރު ވެގެން މީހުން އުޅޭ އިރު ބައެއް ކެފޭ / ރެސްޓޯރެންޓް ތަކުން ވެސް ހިމޫގެ ރެސެޕީ ބޭނުން ވެގެން ގުޅަ އެވެ.

"މީހުންގެ ތަރުހީބު ކެނޑިނޭޅި ލިބޭތީ ވަރަށް އުފާވޭ، އަދި އިތުރު އެއްޗިހި ތައާރަފުކޮށް ކެއްކުން އިމްޕްރޫވް ކުރަން ވެސް ކަސްޓަމަރުންގެ ސަޕޯޓް ލިބޭ... ބައެއް ރެސްޓޯރެންޓްތަކުން އަޅުގަނޑުގެ ރެސިޕީތައް ހޯދަން ގުޅަންވެސް ގުޅާ، އެކަމަކު ކޮންމެ މީހެއްގެ ވެސް އަމިއްލަ އެއްޗެއް ރެސެޕީއަކީ، އެ ޝެއާއެއް ނުކުރެވޭނެ."

ހިމޫގެ "ސޯލް ފުޑް" ގެ ގިނަ ބާވަތްތަކަކީ ދެކުނު އޭޝިޔާގައި މަޝްހޫރު ބާވަތް ތަކެވެ. އެ ބާވަތްތަކަށް ބޭނުންވާ ތަކެތި ރާއްޖޭން ހޯދަން ވަރަށް އުނދަގުލެވެ. އެއީ ހިމޫއަށް އޮންނަ ގޮންޖެހުމަކަށް ވެއެވެ. ބައެއް ބާވަތްތައް މުޅި މާލޭގައި ދުއްވައިގެން ވެސް ނުލިބެ އެވެ. ބައެއް ފަހަރު ބޭނުންވާ ތަކެތި ނުލިބޭތީ ބައެއް ބާވަތްތައް އުފެއްދުން މެދުކަނޑާލަން ވެސް ޖެހެ އެވެ. ބާޒާރަށް ތަކެތި އައުމުން އަލުން ފަށަނީ އެވެ.

ސޯލް ފުޑް ހާއްސަވާ ސަބަބު

ހިމޫގެ ސޯލް ފުޑްގެ ކޮންމެ ޑިޝްއަކަށް ވެސް އާންމުންގެ ތަރުހީބު ވަރަށް ބޮޑެވެ. އެއީ ކެއްކުންތައް އޭނާ ތައްޔާރު ކުރަނީ ވަރަށް ބޮޑަށް އެކަމުގެ ތެރެއަށް ވަދެ ރަނގަޅު ރަހަލައްވައިގެން ކަމަށްވާތީ އެވެ. އެ ރަހަ އެހެންތާކުން ނުލިބޭނެ ކަމަށް ވެސް އޭނާ ބުނެ އެވެ.

ޑަމްޕްލިންސް އިން ހިމޫ ފެށި ސޯލް ފުޑުގެ މެނޫގައި މިހާރު ގިނަ ބާވަތްތަކެއް ހުރެ އެވެ. ޗައިނީސް ނޫޑްލިސްގެ ތިން ބާވަތަކާއި ކޮރެއަން ނޫޑްލިސްގެ ދެ ބާވަތެއް ހިމޫ ތައާރަފު ކޮށްފައި ވެއެވެ. ޑްމަޕްލިންސްގެ ވެސް ތިން ބާވަތެއް ހިމޫ ވަނީ ހަދަ އެވެ. އާންމުންގެ ތެރޭ އެންމެ ފާހަގަ ކުރެވޭ އެކައްޗަކީ ނަޓެއްލާ ޑްމްޕްލިންސް އެވެ. މިފަހުން ހިމޫ ވަނީ ކޮރެއާގެ މަޝްހޫރު ކެއުމެއް ކަމަށްވާ ޓްބޫކީ ވެސް ތައާރަފްކޮށްފަ އެވެ.

ހިމޫގެ ފަރާތުން އުފާވެރި ހަބަރެއް

ހިމޫގެ ޗައިނީސް އަދި ކޮރެއަން ފުޑްގެ ބާވަތްތައް ދިވެހިންނަށް ކަމުގޮސްފައިވާތީ ވިޔަފާރި ފުޅާކޮށް ގިނަ ބަޔަކަށް ފޯރު ކޮށްދޭން ހިމޫ ބޭނުން ވަނީ މާލޭގައި ކެފޭއެއް ހުޅުވާށެވެ. މިއީ ހިމޫގެ ކެއުންތަކަށް އެދޭ މީހުނަށް އޮތް އއުފާވެރި ހަބަރަކަށް ވާނެ އެވެ. އަދި އޭނާގެ ކަސްޓަމަރުންނަށް އެއީ ސަޕްރައިޒަކަށް ވާނެ އެވެ. އޭރަށް މިހާރު ލިބެން ހުރި ފުޑަށްވުރެ ލިސްޓު ދިގުވެފައި ޗޮއިސް ގިނަ ވާނެ އެވެ.

ހިމޫގެ ކެފޭ ހުޅުވަން ތައްޔާރުވަމުން އަންނަނީ އަންނަ އޮގަސްޓުގެ ފަހުކޮޅަށެވެ. އޭރަށް " ސޯލް ފުޑް" ގެ އެކި ބާތްވަތްތައް ފަސޭހަ އެެންމެންގެ އަތްފޯރާ ހިސާބަށް ގެންދެވުނީ އެވެ.

ކުޑައިރުގެ ޝައުގުވެރި ކަމުގެ ތެރެއިން އައި "ސޯލް ފުޑް" އުފަން ކުރުވައި ރަނގަޅު ހިސާބަކަށް ހިމޫއަށް ގެންދެވުނު ސަބަބަކީ އޭނާގެ ކަސްޓަމަރުންގެ ލޯތްބާއި ފީޑް ބެކެކެވެ.

"އެމީހުންގެ ހިތްހެޔޮ ބަސްތަކުން ހިތްވަރު ލިބޭ، އަދި ފީޑް ބެކްސްއިން އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން އެނގުނު،"

ހިމޫ ބުނި ގޮތުގައި އޭނާ އަށް މިކަމުގައި އެންމެ ބޮޑަށް އެހީވީ އާއިލާއިން ނެވެ. ހައްސަކޮށް މަންމަ އާއި އޭނާގެ ޕާޓްނަރެވެ. އެ ދެމީހުން ސްޕޯޓް ވަރަށް ބޮޑެވެ. ހިމޫގެ ފަރާތުން މަންމަ އާއި ބައްޕައަށް އަދި އޭނާގެ ޕާޓްނަރަށް އޮތީ ޝުކުރެވެ.