ލައިފްސްޓައިލް

ނަމަނަމަ "އާންޓީ" އޭ ނުގޮވާތި!

"އާންޓީ"، "އަންކަލް" މި ބަސް ބަހަކި އޭޝިއާގެ ގައުމުތަކުގައި ޚާއްސަކޮށް ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގެ މީހުން ވަރަށް ގިނައިން އެމީހުން ނުދަންނަ މީހުންނާ ތަންކޮޅެއް ގާތްމީހެއްގެ ގޮތަށް މުޚާތަބުކުރަން ބޭނުންކޮށް އުޅޭ ނަން ނަމެވެ. ތަންކޮޅެއް ކުޑަ ކުއްޖެއް ނަމަ "ދައްތަ" ނުވަތަ "ފަހަރި" ފަދަ ބަސްތައް މި ގައުމުތަކުގެ މީހުން ގޮވާ އުޅެ އެވެ.

ނަމަވެސް އާންޓީ، އަންކަލް ފަދަ ބަސް ތަކަކީ ބައެއް މީހުން އެހާ ގަޔާވާ ބަސް ބަހަކަށް ނުވެ އެވެ. އަދި މި ނަމުން މުޚާތަބު ކުރުމުން ރުޅިއައިސްގެން ގޮސް ހަލާކުވާ ވަރުވާ މީހުން ވެސް މަދުން ނަމަވެސް ފެނެ އެވެ.

ތައިވާނުގައި ކުޑަ ރެސްޓޯރަންޓެއް ހިންގާ މި އަންހެންމީހާ އަކީ ވެސް "އާންޓީ" އޭ ކިޔާފައި ގޮވުމުން ހިތްހަމަނުޖެހޭ މީހެކެވެ. އެހެންވެ އޭނާގެ ރެސްޓޯރަންޓަށް އަންނަ މީހުންނަށް ފެންނަ ގޮތަށް މި އަންހެންމީހާ މިހާރު ވަނީ ބޮޑު ބެނާއެއް ހަރުކޮށްފަ އެވެ.
"ކާއެއްޗެތީގެ ކޮލިޓީ ހިފަހައްޓަން ބޭނުންނަމަ 18 އަހަރުން މަތީގެ އެއްވެސް އިންސާނަކު އަހަންނަށް އާންޓީއޭ ކިޔާފައި ނުގޮވާތި،" އަންހެންމީހާގެ ފޮޓޮއަކާއެކު ތައްޔާރުކޮށްފައިވާ މި ބެނާގައި ލިޔެފައި ވެއެވެ.

މި ބެނާގެ ފޮޓޯތައް އިންޓަނެޓުގައި ވައިރަލްވެފައިވާއިރު މި ފޮޓޯ ނަގައި އެފްބީގައި ޝެއާ ކުރިމީހާ ބުނި ގޮތުގައި އެ ރެސްޓޯރަންޓަށް ގޮސް އޭނާ ކާ އެއްޗެތި އޯޑަރުކުރިއިރު އާންޓީ އޭ ބުނެވިގެން އަންހެންމީހާ އޭނާގެ އޯޑަރު އަޑު އިވުނުކަމަށް ވެސް ނުހެދިކަމަށެވެ. އެތާ ހުރި އެހެން މީހަކު އޭނާއަށް އެތާގައި ދަމާފައި ހުރި ބެނާ ދައްކާލުމުން މި ކުރެވުނީ ކުށެއް ކަން އިހްސާސް ކުރެވުނު ކަމަށް ވެސް އެމީހާ ބުނެފައި ވެއެވެ.

ދެ ވަނަ ފަހަރަށް އޭނާ "ބިއުޓިފުލް ލޭޑީ ބޮސް" އޭ ކިޔާ މުޚާތަބު ކޮށްފައި ކާ އެއްޗެތި އޯޑަރުކުރުމުން އަންހެންމީހާ އުފަލުން އޭނާއަށް އޯޑަރު ކުރި އެއްޗެތި ތައްޔާރުކޮށްދިން ކަމަށާއި އެ ބެނާ އަކީ އޭނާ ކަހަލަ މީހުންނަށް ތައްޔާރުކޮށްފައި ހުރި ބެނާ އެކޭ ވެސް ބުނިކަމަށް ފިރިހެންމީހާ ބުންޏެވެ.

އެ ބެނާގައި ލިޔެފައިވާ ގޮތުން އާންޓީ އޭ ކިޔާފައި ގޮވައިފިއްޔާ ކާއެއްޗެތީގެ ކޮލިޓީ ދަށްކުރާނެތީ އަނެއްކާ އޭނާގެ ކާ އެއްޗެތީގެ ތެރެއިން ކޮންމެވެސް އެއްޗެއް ފެނިދާނެތީ ވަރަށް ހާސްވިކަމަށް ވެސް އެފްބީގައި މި ފޮޓޯ ޝެއާކުރި މީހާ ބުނެފައި ވެއެވެ.
"އަހަންނަށް ހީވަނީ އަހަރެމެން އެންމެން ވެސް މިހާރު ނުދަންނަ މީހުންނާ މުޚާތަބު ކުރާއިރު އޭނާގެ އުމުރާ ގުޅޭ ގޮތުން މުޚާތަބު ނުކުރަންވީހެން. އެހެން ނޫނީ ބައެއް ފަހަރު ލަނޑު ލިބިދާނެ،" އެ ފިރިހެންމީހާ ބުނެފައި ވެއެވެ.