ހުޅުމާލޭގެ ބިޔަ ބޮޑު މަގުތަކުގެ ދެފަރާތުގެ ނަލަޔަށާއި ހިޔަލަށް ހައްދާފައި ހުރި ދަނބު ގަސްތަކަށް މިއޮތީ މަތިވަރު އައިސް ދަނބުތައް ދޮންވެ ފައްކާވެފަ އެވެ. ކަމާކަން ފަށާފައި އެ ގަސްތައް ދޮށަށް މީހުން ބައި ހަދައިގެން މި ދަނީ ދަނބު ބިނުމަށެވެ. ހުތް ފޮނި ރަހައެއް ލާ މި މޭވާ އަކީ ކުޑައިރުގެ ހަނދާނެކެވެ. ދަނބޭ ބުނީމާ ވެސް ހަނދާންވާނީ ކުޑައިރު އެކުވެރިންނާއެކު ދަނބުގަސްތަކާއި ޖޭމު ގަސްތަކުން މޭވާ ބިން ހަނދާންތަކެކެވެ.
ދަނބު ގަހުން ދަނބު ބިދެގެން ކާލާ ދުލަށާއި ތުންފަތަށް ކުލަ އަރުވާލާ އެކުވެރިންނާއެކު އުޅުނު މަޖާ ހަނދާންތަކެކެެވެ. ގަހަކުން މޭވާ ވަގުތުން ބިދެލައިގެން ކާލުމަކީ ޒާތެއްގެ ހިތްހަމަޖެހުމެކެވެ. ދަނބު ތިޔާގި މި ދުވަސްކޮޅު ދަނބުގެ ވާހަކަ ދެއްކުމުން އެތަައް އަހަރެއްގެ ފޮނި ހަނދާންތަކެއްގެ ތެރެއަށް ގެނބިގެން ހިނގައިދާނެ އެވެ.
ފަހަރުގައި އެންމެ ފަހުން ދަނބެއް ކޭ ހަނދާން ވެސް ނުހުރެދާނެ އެވެ. އަތްފޯރާ ފަށުގައި ދަނބު ނެތަސް ދިގު ދަނޑިއެއް ހިފައިގެން ދަނބު ބިންނަން އެއްމެން މިދަނީ މި ސަބަބާއި ހެދި ކަމުގައި ވެސް ވެދާނެ އެވެ. ހުޅުމާލޭގައި ބައެއް މީހުން މި މޭވާ ބިނދެ ޖޫސް ޕެޓީ ކޮތަޅު ކޮތަޅުގައި ޕެކްކޮށް ވިއްކުމުގައި ވެސް އެބައުޅެ އެވެ. އާއިލާތައްކަށް ހަދިޔާގެ ގޮތުގައި ވެސް އެބަ ފޮނުވަ އެވެ. އެހެން ކަމުން ކޮންމެހެން ދަނބުގަސް ދޮށަށް ނުދެވުނަސް އަދި ދެރަވާނެ ކަމެއް ނެތެވެ.
ކުޑައިރުގެ ހަނދާނާއި ގުޅިފައިވާ މި މޭވާ އަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި މޭވާ އެކެވެ. ފެހިން ރަތަށް، އަދި ދޮންވެ ފައްކާވުމުން ދަނބުކުލައަށް ބަދަލުވާ މި މޭވޭ އަކީ ވިޓަމިން އާއި އެންޓިއޮކްސިޑެންޓް ގިނަ މޭވާއެކެވެ. އަދި ހަކުރު ބަލި ހުންނަ މީހުނަށް މި މޭވާއަކީ ވަރަށް ރަނގަޅު އެއްޗެއްކެވެ. ގައިގެ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީވެދެ އެވެ. ދަނބު މޫސުމުގައި ދަނބު ބޯކޮށް ލިބެން އޮތް އިރު، މި މީރު މީރު ހުތް ފޮނިރަހައިގެ މޭވާއިން މީރު ކާ އެއްޗެއް ހަދަން ވިސްނައިފިން ހެއްޔެވެ؟
ދަނބުން ހެެދޭނެ ފަސޭހަ އެކައްޗަކީ ޖޭމެވެ. މާ ބޮޑު މަސައްކަތެއް ކުރާކަށް ވެސް ނުޖެހޭނެ އެވެ. ހޯމްމޭޑް ޖޭމްގެ އެންމެ ބޮޑު އެއް ފައިދާއަކީ ސުޕަމާކެޓް ހަރުގައި ގިނަ ދުވަސް ބެހެއްޓުމަށް ބަންދުކޮށްފައި ހުންނަ ޖޭމަށް އަޅާ އެކި އެކި ޕްރިޒަވޭޓިވް ނުހުންނާނެތީ އެވެ. ދަނބު މޫސުމުގައި ދަނބުގަހުން ތާޒާ މޭވާ ބިނދެލައިގެން ގޭގައި ޖޭމް ތައްޔާރު ކޮށްލެވިދާނެ އެވެ.
ހެދުނުގެ ނާސްތާއަށް ފްރެޝް ހޯމްމޭޑް ޖޭމެއް އެއްވަނަ ނުވާނެ ހެއްޔެވެ. ޕޭންކޭކް އާއި އެއްކޮށް ކެއުމަށާއި ޓޯސްޓާއި އެއްކޮށް ކާލުމަށް ވެސް ދަނބު ޖޭމް ފައްކާ ވާނެ އެވެ. އަަމިއްލަ ޖޭމެއް ހެދުމުގެ އަނެއް ފައިދާ އަކީ ޖޭމުގެ ފޮނިކަން ކޮންޓްރޯލް ކުރެވޭނެތީ އެވެ. ބައެއް ފަހަރަށް ސުޕަމާކެޓުން ގަަންނަ ޖޭމުގައި މޭވާގެ ރަހައަށް ވުރެ ބޮޑަށް ފޮނި ރަހަ ގަދަ އެވެ.
ދަނބުން ޖޭމު ހަދާނެ ގޮތް
ބޭނުންވާ ތަކެތި
- 250 ގްރާމް ދަނބު
- 75 ގްރާމް ހަކުރު
- ދެ ސަމްސާ ލުނބޯ ހުތް
ދަނބުން ޖޭމު ހެދުމަށް ބޭނުން ވަނީ ދޮންވެފައި ހުރި ދަނބެވެ. ދޮން ދަނބުގެ ބޭރުގައި ގަދަ ދަނބުކުލައެއް ހުންނާނެ އެވެ. އަދި އޮމާންވެފައި އޮފެއް ވެސް ހުންނާނެ އެވެ. އެންމެ ފުރަތަމަ ދަނބުތައް ރަނގަޅަށް ދޮވެލާށެވެ. އެއަށްފަހު ކުޑަ ތެއްޔެއްގައި 1/4 ޖޯޑު ފެނުގައި ދަނބު ކައްކާށެވެ. ގާތްގަނޑަކަށް 10 މިނެޓު ކެއްކުމުން ދަނބު މަޑުވެ އޮށް މޭވާއިން ވަކިވާނެ އެވެ. އެއަށް ފަހު އޮށްތައް ނަގާށެވެ.
އޮށް ނެގުމަށް ފަހު ހަކުރު އަޅާ މަޑުމަޑުން އެއް ކުރާށެވެ. މަޑު ގިނީގައި ބަހައްޓައިގެން ކެއްކުމުން ހަކުރު ރަނގަަޅަށް ވިރޭނެ އެވެ. ދެން ގިނި ކުޑަކޮށް ގަދަ ކޮށްލާ ޖޭމް އޮލަވަންދެން ކައްކާށެވެ. އެއަށްފަހު ލުނބޯހުތް ކޮޅު ޖަހާލާ އެއްކޮށްލާށެވެ. މިގޮތަށް ކައްކާ ޖޭމް ހިހޫ ވުމުން ބިއްލޫރި ފުޅިއަކަށް އަޅާށެވެ. ފްރިޖުގައި ތިން ދުވަހު ބެހެއްޓޭނެ އެވެ. ދަނބު މޫސުން ނުދަނީސް މިއަދު ނޫނީ މާދަމާ ޓްރައި ކޮށްލާށެވެ.