އަށްޑިހަގެ ފަހުކޮޅާއި ނުވަދިހައިގެ ކުރީ ކޮޅަކީ މިހާރު ރާއްޖެ މިދެކޭ ތަރައްގީގެ ހުޅުކޮޅު ދިއްލޭން ފެށި ދުވަސްވަރު ކަމަށް ބުނާ މީހުން ވެސް އުޅޭނެ އެވެ. އެއީ ދޮގެކޭ ތަރައްގީވާން ފަށީ އޭގެ ވެސް ފަހުންނޭ، ނޫނީ އޭގެވެސް ކުރިޔޭ ބުނާ މީހުން ވެސް އުޅޭނެ އެވެ. ގައިމުވެސް އޭރަކު ކޮންމެ ކޮންމެ ގެއަކު ކަރަންޓެއް ނޯވެ އެވެ. އަދި ކޮންމެ ގެއަކު އިލެކްޓްރޯނިކް ސާމާނުގެ ފަސޭހައެއް އަމުދުން ނެތެވެ. އެފަދަ ތަކެތި ތަދުވެފައި އަގު ބޮޑުކަމުން އަތްފޯރާވަރެއް ނުވެއެވެ.
ރަށްރަށުގައި ކިރިޔާވެސް އެފަދަ ތަކެއްޗަށް އަތްފޯރާވަރުވީ އޮޑިދޯނި ފަހަރު ދުއްވާ ތަނަވަސް މުއްސަނދިންނާއި ކަތީބުންނާއި އަޮތޮޅުވެެރިންނާއި ވިޔަފާރިކޮށްލައި އުޅޭ މީހުން ގޭގެ އާއި ބޯޓު ދަތުރު ކުރާ މީހުން އުޅޭ ގޭގެއަށެވެ. ފޯރުންތެރިކަން ނެތް މީހުނަށް ވެސް ކޮންމެ ވެސް ވަރަަކަށް އެފަދަ ސާމާނު "ޓްރައި" ކޮށްލާނެ ފުރުސަތު ހާލުން ހާލުން ލިބެ އެވެ. އޭގެ އެކައްޗަކީ ރަށު މިކްސްޗަރެވެ. ރަށު މިކްސްޗަރުގެ ހަނދާންތަކަކީ ވަރަށް ފޮނި ހަނދާ ތަކެކެވެ.
މިކްސްޗަރުގެ ފައްކާކަން ބަލައިލުމުގެ ފުރުސަތު ލިބެނީ ވެސް ވަކި ހާއްސަ މުނާސަބަތެއްގަ އެވެ؛ އެއީ ހަމަ އެކަނި ރޯދަ މަހު އެވެ. ނޫނީ ކޮންމެވެސް ހާއްސަ މެހުމާނަކު ވަޑައިގަންނަވާނަމަ އެވެ. މިކްސްޗަރާ ހަމައަށް ރާއްޖޭގެ އަތޮޅުތަކުގެ ރަށްތައް ދިޔައިރު މިކްސްޗަރެއް ފެންނާނީ ވަރަށް މަދު ގެއަކުން ނެވެ. އެކަމަކު އޭރުވެސް ދިވެހިންނަކީ ރޯދަ މަހު މީރުކޮށް ކައިބޮއެ އުޅެން ލޯބިކުރި އަދި މީރުކޮށް ކާން ތައްޔާރު ކުރާ، ކެއުމުގައި އިސްރާފު ވެސް ބޮޑުކޮށް އޮންނަ ބައެކެވެ.
"ގޭގައި މިކްސްޗަރަކީ އޭރު ވަރަށް ބޮޑު އިތްޒަތްތެެރިއެއް. ބޭނުން ކުރުމަށް ފަހު ސާފުކޮށް ވަރަށް ރީތިކޮށް ފޮއްޓާލާފައި ހުރި ގޮތަކަށް ބަހައްޓަންޖެހޭ. ކޮންމެ ކޮންމެ މީހަކަށް ނޫނީ އޭގެ ފިތަކަށް އޮބައިލުމަކީ އޮންނަ ކަމެއް ވެސް ނޫން،" އެންމެ މުހިންމު އެއްޗަކަށް މިކްސްޗަރުވި ދުވަސް ވަރެއްގެ ވާހަކަ މީހަކު ކިޔައި ދިނެވެ.
އެދުވަސްވަރު ބައެއް ގޭގެއަށް މިކްސްޗަރު ލިބުމުން އެއިން ގިރާލައިގެން ތައްޔާރުކުރި ޖޫސް / ފަނީގެ ރަހައާއެކު މިކްސްޗަރާ ނުލައި ރޯދަ މަސް ފުރިހަމަ ނުވާ އިހުސާސްތައް ހުއްޓެވެ.
"ހާއްސަކޮށް މުލަރޯދަ ދުވަހު ކޮންމެހެން ހަދައިގެން ވެސް މިކްސްޗަރުން ފަނިގާރާން ވާނެ، އެހެން ނުވީވިއްޔާ އެއީ ދެން ވަރަށް އެހެން ކަހަލަ ކަމަކަށް ވާނީ،"
މިކްސްޗަރުން ފަނި ގިރާލައި އެ ހާއްސަކަން ތަޖުރިބާ ކޮށްލަން ބޭނުންނަމަ ދާން ޖެހުނީ ރަށުގެ ކޮންމެވެސް މުއްސަނދި އަވަށްޓެރިއެއްގެ ގެއަށެވެ. އެ މަންޒަރު އެންމެ ބޮޑަށް ފެންނާނީ ހަވީރު ފިނިޖެހިލައި ރޯދަ ވީއްލަން ވަގުތު ކުޑަތަންވާން ދާއިރު އެވެ. މުއްސަނދި އަވަށްޓެރިޔާ އާއި ތަނަވަސް އޮޑިވެރިޔާގެ ގޭގެ މިކްސްޗަރުން ފަނިގިރާ ލެވޭއިރު އެ ގޭގައި ހުންނަ ފްރިޖުން ފިނި ފެނާއި އައިސް ކިއުބު ވެސް ލިބެ އެވެ. އޭގެ ސަބަބުން އެންމެ އާދައިގެ މީހާއަށްވެސް ރޯދަ ވީއްލާ ގަޑީގައި ތާޒާ، މީރު ފިނި ބުއިމަކުން ކަރު ތެންމާލުމުގެ އުފާ މިންވަރެއްގައި ލިބިފައި އޮވެ އެވެ. -- އެއީ ރޯދަ މަހު އޮންނަ އެހީތެރި ރީތި ކަމެކޭ ވެސް ބުނެވިދާނެ އެވެ.
"ހަވީރު ފަހެއް ޖަހާލާއިރު ގޭގެ ދޮށުގައި ކިއު ހަދަން ފަށާނެ. ބޮޑެތި ކިއުތައް އޮންނަ ދުވަސް ވެސް ފެނޭ. ޖަގަކަށް ހަކުރާއި އަލަނާސި ފަދަ މޭވާ އަޅައިގެން ކިއުގައި ތިބޭނީ، ހަމަ ވަރަށް ހަނދާން ހުރޭ އެ ދުވަސްތައް!" ނުވަދިހައިގެ ދުވަސްވަރު ރަށެއްގައި އުޅެބޮޑުވި މީހަކި ބުންޏެވެ. ވަރަށް ގިނަަ އެހެން މީހުންގެ ވެސް މި ހަނދާތައް އަދި ހުންނާނެ އެވެ.
ފަނި ގިރަން ގޮސް އާންމުކޮށް ކިއުގައި ތިބެނީ އަންހެނުން ނެވެ. އެ މީހުނަކީ ބަދިގޭގައި ބުރަކޮށް އުޅޭ ބަޔަކަށް ވުމުން ވަގުތު ސަލާމަތްކުރަން ބައެއް ފަހަރު ކުދިވެރިންވެސް އެ ކިއުތަކުގައި ޖައްސައިގެން މުއްސަނދި މީހާގެ ގޭގެ މިކްސްޗަރުން ފަނިގިރާ ނިންމާލަ އެވެ.
"ވަރަށް ހަނދާން ހުރޭ އޭރު ހަތަރު ގަޑި ބައިވާއިރަށް މަންމަ ފޮނުވާނެ ކޮންމެވެސް ގެއެއްގެ މިކްސްޗަރު ދޮށަށް ފަނި ގިރުވަން ވެގެން! ބައެއް ފަހަރު ވަރަށް ރުޅި ވެސް ގަދަވޭ، އޭރު ދެން އުޅޭނީ ވެސް ހަަމަ ސަކަރާތް ޖެހުމާއި ކުޅުމުގައި އަވަދި ނެތި. ފަނި ގިރަން ގޮސް ހުންނަންވަނީ ވަރަށް ފޫހި ކަމަކަށް،" މެދު އަތޮޅުތަކުގެ މީހަކު އޭނާގެ ކުޑައިރުގެ ހަނދާންތަކުން ތަންކޮޅެއް ކިޔައި ދިނެވެ.
ފުދުންތެރިކަން ނެތް މީހުން މިކްސްޗަރުން އުފާވެރިކަން ލިބިގަންއިރު ހަމަ އެ މިކްސްޗަރު ވެގެން ދިޔައީ ފޯރާ މީހުންނާ ފުދުންތެރިކަން ނެތް މީހުންނާ އިޖުތިމާއީ ގޮތުން ގުޅުވާލަދިން ވަސީލަތަކަށެވެ. އެންމެ އާދައިގެ މީހާއަށް ވެސް މުއްސަނދި މީހާއެކޭ އެއްފަދައިން ރޯދަމަހުގެ ފޮނި މީރުކަން ލިބިގަތުމަށް މެދުވެރިއަކަށް ވެދިނީ އެ މިކްސްޗަރެވެ.
އެ ދުވަސް އެއީ ދުރުގައިވާ މާޒީ އެވެ؛ މިއީ ޒަމާނެވެ. އައިސްފައިވާ ބޮޑު ބަދަލާއެކު މިހާރު ކޮންމެ ގެއެއްގައި ވެސް ކިތަންމެ ވައްތަރެއްގެ ކިތަންމެ މިކްސްޗަރެއް ހުރެ އެވެ. އޮޕްޝަން ގިނަ ކަމުން މިހާރު މިކްސްޗަރަކީ އެހާ ހާއްސަ އެއްޗެއް ކަމަކަށް މީހުން ނުބަލަ އެވެ. ނަމަވެސް އައްޑިހަ އާއި ނުވަދިހަ ތަޖުރިބާ ކުރި މީހުންގެ ހިތުގައިި މިކްސްޗަރާމެދު ހާއްސަ ކަމެއް އޮންނާނެ އެވެ.