ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި ސަރުކާރުގެ އެހެން އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނުނަގާ ހިންގާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި އަދި ފިހާރަތަކާއި ގޭގޭގައިި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައި އިސްތިހާރުކޮށް ވިއްކާ ނަމަ ގަވާއިދުގާވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅު ކޮށްފިއެވެ.
އެޗްޕީއޭގެ އިއުލާނުގައި ބުނެފައި ވަނީ އެގޮތަށް ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ ޝަކުވާތައް ލިބޭ ކަމަށެވެ.
މާލޭގައި ރެސްޓޯރަންޓް ހިންގާ ދުވަސްވީ ފަރާތްތަކަކުން އެކުލަވާލާފައިވާ ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެޗްޕީއޭގެ މި ނިންމުމަށް ތާއީދުކޮށް މެސެޖެއް ވެސް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދެއެވެ. އޮންލައިންކޮށް ގޭގައި ކާބޯތަކެތި ވިއްކާ ފަރާތްތައް "ނައްތާލުމަށް" އެ މެސެޖުގައި އޮތުމުން އިތުރަށް މިފަދަ ވިޔަފާރި ކުރާ މީހުންނާއި ސަޕޯޓް ކުރާމީހުން ވަނީ ހިތްހަމަނުޖެހިފަ އެވެ.
ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ރާއްޖޭގައި މި ދާއިރާގައި ތަމްރީން ޕްރޮގްރާމާއި، ކަލްލިނަރީ ޗެލެންޖް އަދި ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް އެކުލަވާލާފައިވާ އެސޯސިއޭޝަނެކެވެ.
ލޮކްޑައުންގައި އާމްދަނީ އެއް ނުލިބި ގޭގައި ހައްޔަރުވެފައި ތިބި އެތައް ބައެއް އާމްދަނީ ހޯދަން ގޭގައި ތައްޔާރު ކޮށް ކާ އެއްޗެހި ވިއްކައިގެން އާމްދަނީ ހޯދަން މަސައްކަތް ކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގައި މި ފަދަ ނިންމުމެއް ނިންމުމުން ސޯޝަލް މީޑިއާގައި އެތަށް ބައެއްވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އެފަދަ އެއް ފަރާތަކުން ބުނި ގޮތުގައި ގިނަ ފަރާތްތަކުން ގޭގައި ތައްޔާރު ކުރާ ކާނާ ވިއްކަން ފަށައިފައި ވަނީ މާލީ ގޮތުން ދަތި އުނދަގޫ ދުވަސްވަރެއް އައުމުންނެވެ. އަދި ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން އެޗްޕީއޭގެ އެ އިއުލާންގެ ސަބަބުން އެމީހުންނަށް އިތުރު ނިކަމެތިކަމެއް ލިބޭނެ އެވެ. އެޗްޕީއޭ އިން އެ މީހުން ގަވާއިދުގެ ތެރެއަށް ވަނުމަށް ވަގުތު ދޭން ވާނެ އެވެ.
އިތުރު މީހަކު ބުނެފައިވާ ގޮތުގައި ގޭގައި މަސައްކަތް ކުރާ މީހުންނަކީ ތަފާތު ގޮތްގޮތަށް ކާނާ ތައްޔާރުކޮށް ރެއާއި ދުވާ މާކެޓް ކުރުމުގައި މަސައްކަތް ކޮށް އަދި ކަނޑައަޅާފައި އޮންނަ ގަޑިއަށް ޑެލިވަރީ ކުރާ ބައެކެވެ. މިފަދަ މީހުނަކީ ކެފޭ ރެސްޓޯރަންޓްތަކަށް ވެސް ވަންނަ މީހުނެވެ.
ޒުވާނުން މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެ ޒުވާން އެތައް ފަރާތެއް ވަނީ އިންސްޓަގްރާމް ކެފޭތައް ހިންގަން މި ދުވަސްކޮޅު ފަށާފައެވެ. އާއްމު ސިއްހަތަށް ނުރައްކާތެރި ހާލަތެއްގައި ކާބޯތަކެތި ހެދުމަތަށް އިތުރު ސަމާލުކަމެއް މި ދުވަސްވަރު ދޭންޖެހެ އެވެ. ނަމަވެސް ގޭގައި މަސައްކަތް ކުރާ ފަރާތްތަށް ނައްތާލުމަށް މަސައްކަތް ކުރުމަކީ ވަރަށް ގިނަ ބަޔަކު އިތުރަށް ނިކަމެތިވެ އަތްމަތި ދަތިވެގެން ދާނެކަމެއް ކަން އާއްމުންގެ ގިނަ ބައެއް އަންނަނީ ފާހަގަ ކުރެއެވެ.