ލައިފްސްޓައިލް

ސަމޯސާ ވިޔަފާރިން ދެމަފިރިން ބޮޑު މަހުޖަނުންނަށް ވެއްޖެ

އިންޑިއާގެ ބެންގަލޫރޫގައި ދިރިއުޅޭ ދެމަފިރިން ކަމަށްވާ ނިދީ ސިންގް އާއި ފިރިމީހާ ޝިކަރް ވީރް ސިންގް ވަޒީފާ އަދާކުރަމުން ދިޔައީ ވަރަށް ބޮޑު ކުންފުންޏެއްގަ އެވެ.

އެ ގައުމުގައި ވަޒީފާ އަދާކުރާ ގިނަ މީހުންނަށް ލިބޭ ވަރަށް ވުރެ މާބޮޑު މުސާރަ މި ދެމަފިރިންނަށް ލިބެމުން ދިޔަ އެވެ. ނަމަވެސް ވަޒީފާ ދޫކޮށްލައި، ދިރިއުޅުނު ގެ ވެސް ވިއްކާލާފައި ދެމަފިރިން އަމިއްލަ ވިޔަފާރިއެއް ފަށަން ނިންމި އެވެ. އާދައިގެ ސަމޯސާ (ކުޅި ހެދިކާއެއް) ވިއްކުމުގެ ވިޔަފާރި އެވެ.

ވަރަށް މައްޗަށް ތައުލީމު ހާސިލުކޮށް ވަރަށް މަތީ ވަޒީފާތައް އަދާކުރަމުންދިޔަ ދެމަފިރިން ކުއްލިއަކަށް ވަޒީފާ ދޫކޮށްލައި މިހަލަ ވިޔަފާރިއެއް ފަށަން ގަސްތުކުރީ ކީއްވެ ހެއްޔެވެ؟

ޝިކަރް އާއި ނިދީ ބައްދަލުވީ ހަރްޔާނާގައި ކިޔަވަން އުޅުނުއިރު އެވެ. ދެ މީހުން ވެސް މަތީ ތައުލީމު ހާސިލުކުރީ ބީ-ޓެކް އިން ބަޔޯޓެކްނޮލޮޖީގެ ދާއިރާ އިންނެވެ. ފަހުން ޝިކަރް ވަނީ ހައިދަރްއާބާދުގެ އިންސްޓިޓިއުޓްސް އޮފް ލައިފް ސައިންސަސްގައި އެމްޓެކް ފުރިހަމަކޮށްފަ އެވެ.

އޭނާ 2015 ވަނަ އަހަރު ވަޒީފާ ދޫކޮށްލިއިރު ހުރީ ބައޯކޮންގެ ޕްރިންސިޕަލް ސައިންޓިސްޓެއްގެ ވަޒީފާގަ އެވެ.

ނިދީ ވަނީ ވިޔަފާރީގެ ދާއިރާ އަށެވެ. ބޭސް އުފައްދާ ބޮޑު ފާމަސޫޓިކަލް ކުންފުންޏެއްގައި ބިޒިނަސް ޑިވެލޮޕްމަންޓް އެސޯސިއޭޓެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރަމުންދިޔައީ ވަރަށް ބޮޑު މުސާރައަކަށެވެ.

ނަމަވެސް ނިދީ އާއި ޝިކަރް ވެސް 2015ގައި ވަޒީފާ ދޫކޮށްލައި އެއާ ޖެހިގެން އައި އަހަރު ބެންގަލޫރޫގައި "ސަމޯސާ ސިންގް" ކިޔާ ތަނެއް ހުޅުވި އެވެ. މިއީ ސަމޯސާ ވިއްކާ ރެސްޓޯރަންޓެކެވެ.

ފުރަތަމަ ފަށައިގަތްއިރު ދެމަފިރިންނަށް ވަރަށް ގޮންޖެހުންތައް ކުރިމަތިވި އެވެ. އަދި ބަދިގެ ކުޑަކަމުން ބޮޑު ބަދިގެއެއް ބޭނުންވި އެވެ. އަދި މި ވިޔަފާރި ފުޅާ ކުރަން ފައިސާ ބޭނުންވެގެން ދިރިއުޅެމުން އައި އެޕާޓްމަންޓް ވިއްކާލައި ކުއްޔަށް ތަނެއް ހިފައިގެން ދިރިއުޅެން ފެށި އެވެ. އަދި ބަދިގެއާއި ރެސްޓޯރަންޓް ތަރައްގީކުރަން 80 ލައްކަ ރުޕީސް ޚަރަދު ކުރި އެވެ.

އެމީހުންގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެ ކުރިއަރާނެ ކަމާ މެދު ޝިކަރް އާއި ނިދީ އަށް ޝައްކެއް ވެސް ނެތެވެ.
ވީކްއެންޑާ މަޖައްލާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މިހާރު މި ދެމަފިރިންގެ ރެސްޓޯރަންޓުން ކޮންމެ މަހަކު 30،000 ސަމޯސާ ވިއްކަ އެވެ. އަދި މިތަނުން މަހެއްގެ މައްޗަށް 45 ކްރޯޑުގެ ވިޔަފާރި ވެއެވެ. މާނައަކީ މި މީހުންނަށް ދުވާލަކަށް 12 ލައްކަ ރުޕީސް ލިބެ އެވެ.

ޝިކަރް ބުނި ގޮތުގައި އޭނާއަށް ފުރަތަމަ މި ޚިޔާލު އައީ ކިޔަވަން އުޅުނު ދުވަސްވަރު އެވެ. އޭރު އޭނާ ޚިޔާލުކުރީ ބެންކްތަކުގެ ބޭރުގައި ސްޓޯލްތަކެއް ހަދައިގެން ސަމޯސާ ވިއްކާށެވެ. ނަމަވެސް ނިދީ ބޭނުންވީ ރަނގަޅަށް އިޝްތިހާރުކޮށް މި ވިޔަފާރި ކުރިއަރުވާށެވެ.

އެއްދުވަހަކު ކުޑަ ކުއްޖެއް ސަމޯސާ ކާންހިތުން މަގުމަތީގައި ރޯން ހުއްޓާ ޝިކަރް އަށް ފެނުނެވެ. އަދި ސަމޯސާ އަކީ އިންޑިޔާ މީހުންގެ އެންމެ ފޭވަރިޓް ސްނެކްސް ކަމަށް އެ ދުވަހު ޝިކަރް އަށް ގަބޫލު ކުރެވުނެވެ. އެހެންވެ ވަޒީފާ ދޫކޮށްލައި "ސަމޯސާ ސިންގް" ހުޅުވުމުގެ ޚިޔާލު އައިސް އެ މަސައްކަތް ފެށީ އެވެ.

ނިދީ އާއި ޝިކަރްގެ "ސަމޯސާ ސިންގް"ގައި ވިއްކަނީ ހަމައެކަނި އާދައިގެ ސަމޯސާ އެއް ނޫނެވެ. އެމީހުން ވަނީ ސަމޯސާ އުފެއްދުމުގައި ވެސް އަމިއްލަ ޚިޔާލާއި ވިސްނުމުގެ ބޭނުންކޮށް އާ ރަހަތަކާއި ވައްތަރުތައް ތައާރަފްކޮށްފަ އެވެ. އެގޮތުން ބަޓަ ޗިކަން ސަމޯސާ އާއި ކަޅައި ޕަނީރް ސަމޯސާ ވަނީ ގިނަ ބަޔަކަށް ވަރަށް މަގްބޫލު އެއްޗަކަށް ވެފަ އެވެ. އެމީހުންގެ މިހާރުގެ ވިސްނުން ހުރީ މި ވިޔަފާރި އަދި އިތުރަށް ފުޅާކޮށް އެހެން ރަށްތަކުގައި ވެސް މީގެ ގިނަ އައުޓްލެޓްސް ތަކެއް ހުޅުވާށެވެ.