އިންޑިއާގައި ދާދިފަހުން ބޭއްވި ކައިވެނި ޕާޓީއެއްގައި ރަސްގުއްލާ ކިޔާ ފޮނި ކާއެއްޗެއް ނެތިގެން ހިނގި ހަމަނުޖެހުމެއްގައި އެކަކު މަރުވެ ފަސް މީހަކު ވަރަށް ބޮޑަށް ޒަޚަމްވެއްޖެ އެވެ.
މަރުވެފައިވަނީ އެ ޕާޓީއަށް ދިޔަ މެހެމާނެކެވެ. އޭނާ މަރުވީ މީހަކު އޭނާއަށް ވަޅިއަކުން ދިން ހަމަލާގަ އެވެ.
ކައިވެނި ޕާޓީގައި ތަޅާފޮޅާ ހަބަރު ލިބިގެން ފުލުހުން އައި އިރު އެކަކު އޮތީ މަރުވެފަ އެވެ. އަދި ފަސް މީހަކަށް ބޮޑެތި އަނިޔާތައް ލިބިފައި ވެއެވެ. އެހެންވެ މަރުވި މީހާ ޕޯސްޓްމޯޓަމް ހަދަން ފޮނުވައި ޒަހަމްވީ މީހުންތައް ހޮސްޕިޓަލަށް ފޮނުވާލާފައި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ދިން ބަޔާނެއްގައިވެ އެވެ.
އުއްތަރު ޕްރަދޭޝްގެ އާގްރާގެ އެތުމާޕޫރު ކިޔާ ތަނެއްގައި މިދިޔަ ބުދަ ދުވަހު ބޭއްވި ކައިވެނި ޕާޓީގެ ކެއުމުގެ އިންތިޒާމުތަކާ ހަވާލުވީ ވިނާޔަކް ބަވަން ކިޔާ ކުންފުންޏަކުންނެވެ.
މި ޕާޓީއަކީ އިސްމާން އަހްމަދު ކިޔާ މީހެއްގެ ދެ އަންހެން ދަރިންނާއި ވަކަރް އަހުމަދުގެ ދެ ފިރިހެން ދަރިންގެ މެދުގައި ކުރެވުނު ކައިވެންޏެކެވެ. މި ދެ މީހުންގެ އާއިލާގެ މީހުން އަރާރުންވާން ފެށީ ޕާޓީގައި ކާން ހުރި ކާނާގެ ތެރޭގައި ރަސްގުއްލާ ނެތިގެންނެވެ. އަރާރުން ހޫނުވެ އެއް ބަޔަކު އަނެއް ބަޔަކާ ދިމާލަށް ތަށިތަކާއި ގޮނޑިތައް އުކާފައި ވެއެވެ.
ތަޅާފޮޅުން ހޫނުވެ އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް ބޮލަށް އަރައި ތަޅާފޮޅާފައި ވެއެވެ. އަދި އުލާއި ވަޅި ފަދަ ތަކެތި ނަގައި އެތަކެތިން އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލަ ދެމުން ދަނިކޮށް އެކަކު ގެންގުޅުނު ވަޅިއެއް އަނެކެއްގެ ބަނޑަށް ހެރި އެމީހާ ޒަޚަމްވެ ހޮސްޕިޓަލަށް ގެންދިޔަފަހުން ވަނީ މަރުވެފަ އެވެ.