އިންޑިޔާގެ ކައިވެނިތަކަކީ ވަރަށް ކުލަގަދަކޮށް އެތައް ދުވަހަކަށް ދެމިގެންދާ ކަމެކެވެ. މި ކައިވެނިތަކުގައި މިއުޒިކާއި ލަވަ އާއި ރީތި ހެދުންތައް އަޅައިގެން ފަރިވުމާއި އެތައް ޒަމާނަކުއްސުރެ ބައްދަލު ނުވާ އާއިލާގެ އެންމެންނާއި ގާތް އެކުވެރިން ބައްދަލުވެ އެތައް ދުވަހެއް ވަންދެން މަޖާ ކުރުން ހިމެނެ އެވެ. އަދި ކާ އެއްޗެތި އެމީހަކު ބޭނުން ވަރަކަށް ކާން އޮވެ އެވެ.
ކައިވެނި ޕާޓީތަކަށް ތައްޔާރުކުރާ ކާނާގެ ތެރެއިން ބޮޑު ބައެއް އިސްރާފު ވާކަން އެއީ ހަގީގަތެކެވެ. ސަބަބަކީ މެހެމާނުންނަށް ފުދިފައި އިތުރުވާ ވަރަށް ވުރެ މީހުން ކާއެއްޗެތި ތައްޔާރުކުރާތީ އެވެ. ނަމަވެސް ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައިހާ މީހުން މިއަދު ވެސް ތިން އިރުގެ ކެއުން ހޯދުމަށް ނުކުޅެދިފައިވާއިރު ކާނާ އިސްރާފު ކުރުމަކީ ވަރަށް ބޮޑު ފާފައެއް ކަމުގައި އެންމެން ވެސް ގަބޫލު ކުރެ އެވެ.
ދާދިފަހުން އިންޑިޔާ އަންހެނަކު އޭނާގެ ކޮއްކޮގެ ކައިވެނީގެ ޕާޓީން އިތުރުވި ކާއެއްޗެތި ބޭނުން ޖެހިފައިވާ މީހުންނަށް ބަހާ މަންޒަރު ފެނިފައި ގިނަ ބަޔަކު އެމީހާއަށް ތައުރީފުކުރީ އެހެންވެ އެވެ.
އިންޑިޔާގެ ވެސްޓް ބެންގާލްގެ މި އަންހެންމީހާ އޭނާގެ ކޮއްކޮގެ ކައިވެނި ޕާޓީން އިތުރުވި ކާނާތައް ބޮޑެތި ތެލި ތެއްޔަށް އަޅައިގެން ގެންގޮސް އެންމެ ފަގީރުން ގިނަ ރޭލްވޭ ސްޓޭޝަންގެ ޕްލެޓްފޯމް މަތީގައި އަތުރައިގެން އިނދެ އެ ކާނާ ބަހާ މަންޒަރުގެ ފޮޓޯތަކާއި ވީޑީއޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ.
ނިލަންޖަން މޮންޑާލް ކިޔާ މަޝްހޫރު ފޮޓޮގްރާފަރަކަށް މި މަންޒަރު ފެނުމުން މިކަމަށް އޭނާގެ ޝައުގުވެރިކަން ހުއްޓުނެވެ. މެންދަމުން އަލިވެ 1 ޖެހިއިރު އަންހެންމީހާ ކާއެއްޗެތި އަތުރައިގެން އެ ބެހުގެ މަސައްކަތް ކުރަމުންދާތަން ފެނުނީމަ އެވެ.
ޕަޕިޔާ ކާރް ނަމަކަށް ކިޔާ މި އަންހެންމީހާ ކާ އެއްޗެތި ބަހަން ފެށުމުން އޭނާގެ ވަށައިގެން މީހުންތައް ދިގު ކިޔުތައް ހަދާފައި ތިބިތަން ފޮޓޯތަކުން ފެނެ އެވެ. މި ފޮޓޯތައް ވައިރަލް ވުމުން އެ ސަރަހައްދުގެ ގިނަ މީހުން ކުރި ކޮމެންޓުތަކުގައި ބުނެފައިވަނީ މިއީ އަންހެންމީހާ މިގޮތަށް ކަންތައް ކުރި ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އޭނާއަކީ އަބަދުވެސް ނިކަމެތި ފަގީރުންނަށް އެހީތެރިކަން ފޯރުކޮށްދޭ މީހެއް ކަމަށެވެ.