ލައިފްސްޓައިލް

ރެސްޓޯރަންޓަކުން ދިން ވިހަ ބޯވަ ނުކެވުނީ ހަމަ ކިރިޔާ!

ޗައިނާގެ ގުއަންގްޑޮންގް ޕްރޮވިންސްގެ މަޝްހޫރު ރެސްޓޯރަންޓަކަށް ކާން ދިޔަ އަމަން ނަމަކަށް ކިޔާ މީހަކަށް ކާން ގެނައި ވިހަ ބޯވައެއް ނުކައި ސަލާމަތް ވެއްޖެ އެވެ. އެމީހާ ބްލޫ-ރިންގްޑް އޮކްޓަޕަސް ނަމަކަށް ކިޔާ މި ބޯވައަށް އޯޑަރު ކުރީ އެއީ އެހާ ވިހަ އެއްޗެއްކަން ނޭނގި އެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓްގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި އޭނާ ބޯވައަށް އޯޑަރު ކުރުމުން އެ ގެނައިއިރު އެހެން ބޯވަތަކުގައި ނެތް ސިފަ ތަކެއް މި ބޯވައިގައި ހުރިކަން އޭނާއަށް ފާހަގަ ކުރެވުނެވެ. އެހެންވެ އެ ކެއުމުގެ ކުރިން ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވީބޯގައި އެ ބޯވައިގެ ފޮޓޮއެއް ޝެއާ ކޮށްލި އެވެ. އަދި މިއީ ކޮން ކަހަލަ އެއްޗެއްކަން އެނގޭ މީހަކު ހުރިތޯ ސުވާލުކުރި އެވެ. އަދި މި ބޯވަ އޭނާއަށް ކެވިދާނެތޯ އާއި ކޮންމެވެސް މީހަކު އޭނާގެ މި ސުވާލަށް ޖަވާބު ދޭނެކަމުގެ އިންތިޒާރުގައި އިން ކަމަށް ވެސް މި މީހާ ލިޔުނެވެ.

އޭނާ މި ޕޯސްޓް ޝެއާ ކުރިތާ ކުޑަ ވަގުތުކޮޅެއް ތެރޭގައި ސައިންސް އެޑިޔުކޭޝަން ބްލޮގާއެއް ވަނީ އަމަން އަށް ޖަވާބު ދީފަ އެވެ.

"ލެޕާޑް ގޮތަށް ރޮނގު ދަމާފައި ހުންނަ މި ވައްތަރުގެ ބޯވަ ނުވަތަ ބްލޫ-ރިންގްޑް އޮކްޓަޕަސް އަކީ ވަރަށް ވިހަ އެއްޗެއް. ކިތަންމެ ވަރަކަށް ކެއްކިޔަސް އަދި ހޫނުކުރިޔަސް މީގެ ވިހަކަމެއް ނުދާނެ،" ބްލޮގާ ދިން ޖަވާބުގައި ބުނެފައި ވެއެވެ.

އާދައިގެ ބޯވަޔާއި މި ވައްތަރުގެ ބޯވަ މަސްހުނިވެ މަދުން ނަމަވެސް ބާޒާރުން މި ވައްތަރުގެ ބޯވަ ގަންނަން ލިބެން ހުންނަކަން ވެސް ބްލޮގާ ފާހަގަ ކުރި އެވެ.

ބްލޮގާގެ މެސެޖާއެކު ގިނަ ބަޔަކު ވަނީ އަމަން އަނެއްކާ އެ ބޯވަ ކެއީތޯ ބަލަން ސުވާލުކޮށްފަ އެވެ. ޖަވާބުގައި އަމަން ބުނީ ބްލޮގާގެ ޖަވާބު ލިބުމުން އޭނާ އެ ކެއުމުގެ ވިސްނުން ދޫކޮށްލީ ކަމަށެވެ. އަދި ރެސްޓޯރަންޓްގެ ކަމާ ބެހޭ ފަރާތްތަކަށް ވެސް އެ ބޯވައަކީ ވިހަ އެއްޗެއްކަން އަންގައި އެ އަނބުރާ ފޮނުވާލައިފި ކަމަށެވެ.

ތިމާވެށި ސަލާމަތްކުރުމުގެ މަސައްކަތް ހިލޭ ސާބަހަށް ކުރާ އޯޝަން ކޮންޒާވަންސީ އިން ހާމަކުރި ގޮތުގައި ބްލޫ-ރިންގް އޮކްޓޮޕަސް އަކީ ބަލާ ބެލުމަށް އެއްވެސް ގެއްލުމެއް ހުރި އެއްޗެއް ކަމަށް ނުބެލެވުނު ނަމަވެސް މި ވައްތަރުގެ ބޯވަ ކެވިއްޖެނަމަ އިންސާނުންގެ ފުރާނަ ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މި ވައްތަރު ބޯވަ އާއްމުކޮށް ދިރިއުޅެނީ ޕެސިފިކް އޯޝަންގައި ކަމަށާއި އާއްމުކޮށް ރިދަނލި، ކަނޑުގެ އަޑިއަށް ފެތިފައި ހުންނަ ކުނިބުނި ފަދަ ތަކެތީގެ އަޑީގައި ފިލާ ތިބޭ ކަމަށް ވެއެވެ.

މިއަށް ގެއްލުމެއް ދޭން ބަޔަކު އުޅޭކަން އެނގިއްޖެނަމަ މި ވައްތަރުގެ ބޯވަ އެ ސޮރުގެ ދުޝްމަނުންނަށް ހަމަލަ ދޭ ކަމަށް ވެއެވެ. މި ބޯވައިގެ ވިހަކަން ސައިނައިޑަށް ވުރެ ވެސް 1000 ގުނަ ބާރުގަދަ ކަމަށެވެ. އަދި މަދު މިނިޓްކޮޅެއްގެ ތެރޭގައި 26 ވަރަކަށް އިންސާނުން އެއް ފަހަރާ މަރާލުމުގެ ކުޅަދާނަކަން މި ސޮރަށް ލިބިގެން ވެއެވެ. މިއީ ކަނޑުގެ ފުން ހިސާބުގައި އުޅޭ އެންމެ ނުރައްކާތެރި އަދި ފުރާނައަށް ގެއްލުން ދެވޭ ޒާތުގެ މަޚްލޫގެވެ.