ލައިފްސްޓައިލް

އެކްސްޓްރާ ބެގޭޖް ފީ ނުދައްކަން 30 ކިލޯ އޮރެންޖް ކައިފި

ވައިގެ ދަތުރުފަތުރު ފަސޭހަޔަސް ވައިގެ މަގުން ދަތުރު ކުރުމަށް ހަދާފައިވާ ގަވާއިދުތަކުގެ ސަބަބުން ބައެއް މީހުންނަށް ވަރަށް އުނދަގޫތައް ކުރިމަތިވެ އެވެ. މިސާލަކަށް މަތިންދާބޯޓުން ދަތުރުކުރާ ކޮންމެ މީހަކަށް ވެސް ހިލޭ ގެންދެވެނީ އެންމެ ގިނަ ވެގެން ވެސް 20 ނުވަތަ 30 ވަރަކަށް ކިލޯ އެވެ. އިތުރުވާ ކިލޯއެއް ގިނަ އަދަދެއްގެ ފައިސާ އިތުރަށް ދޭން ޖެހެ އެވެ. މިއީ ވަރަށް ގިނަ ބަޔަކު ހިތްހަމަނުޖެހޭ އަދި ތަކުލީފު އުފުލަން ޖެހޭ ކަމެކެވެ.

ދާދި ފަހުން ޗައިނާގެ ކުމްމިން އެއާޕޯޓުގައި ވެސް މިފަދަ ކަމަކާ ގުޅިގެން ވަރަށް މަޖާ ހާދިސާއެއް ހިނގާފައި ވެއެވެ. އެ އެއާޕޯޓަށް ފުރަން ދިޔަ ހަތަރު ފަސިންޖަރެއްގެ އަތުގައި 30 ކިލޯ ބަރުދަން ހުރި އޮރެންޖު ހުއްޓެވެ.

އެއާޕޯޓަށް ގޮސް ފޮށިތަކުގެ ޗެކިން ހެދުމުން އެމީހުން ގެނައި 30 ކިލޯ އޮރެންޖްގެ ބަރުދަން އެމީހުންނަށް ހިލޭ ލިބޭ އަދަދަށް ވުރެ އިތުރުވެ އެކްސްޓްރާ ބެގޭޖް ފީ ދައްކަން ޖެހޭކަން އެނގުނެވެ. ނަމަވެސް މިގޮތަށް އިތުރު ފައިސާ ދީގެން އޮރެންޖްތައް ގެންދަން އެ ހަތަރު މީހުން ބޭނުމެއް ނުވި އެވެ. އަދި އެއާޕޯޓަށް އޮރެންޖްތައް ދޫކޮށްލާކަށް ވެސް ބޭނުމެއް ނުވި އެވެ. އެހެންވެ ވަގުތުން އެ ހަތަރު މީހުން އޮރެންޖްތައް ކާން ފެށީ އެވެ.

ވެންގް ނަމަކަށް ކިޔާ ފިރިހެނަކާއި އޭނާގެ އެކުވެރި ތިން މީހުން އެއްގޮތަކަށް ވެސް އިތުރު ފައިސާ ދީގެން އޮރެންޖްތައް ގެންދަން ބޭނުން ނުވުމުން ދެން އެމީހުންނަށް ފެނުނު އެންމެ ރަނގަޅު ގޮތެއް ކަމަށް ބެލީ އޮރެންޖުތައް ކައި ހުސް ކުރުމެވެ. އެއާޕޯޓުގައި އެ ތިބި ގޮތަށް ތިބެގެންނެވެ.

ގްލޯބަލް ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ވެންގް ބުނީ އެމީހުން އެއާޕޯޓު ތެރޭގައި އެ ތިބި ގޮތަށް ތިބެ ހުރިހާ އޮރެންޖެއް ކައި ހުސްކޮށްލީ ކަމަށެވެ.

"ހަތަރު މީހުން ވެގެން ހުރިހާ އޮރެންޖް ކާން ނެގީ އެންމެ ވިއްސަކަށް މިނިޓް،" ވެންގް ބުންޏެވެ.

ނަމަވެސް މިހާ ގިނަ އޮރެންޖް އެއްފަހަރާ ކެއުމުން މި މީހުންނަށް އިތުރު ސިއްހީ މައްސަލަތަކެއް ދިމާވި ކަމަށް ވެންގް އެއްބަސްވި އެވެ. މުޅި އަނގަ ފާރުވެގެން ވަރަށް ވޭނުގައި މި ހަތަރު މީހުންނަށް ގިނަ ދުވަސް ތަކަކު އުޅެން ޖެހުނު ކަމަށް ވެންގް ބުންޏެވެ.

"ދެން ދުވަހަކު ވެސް އަހަރެމެން އޮރެންޖް ކާކަށް ބޭނުމެއް ނޫން،" ވެންގް ބުންޏެވެ.

މި ވާހަކަ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ވަރަށް ވައިގައި ހިފައި އެންމެން މިއީ ވަރަށް ހެއްވާ މަޖާ ކަމަކަށް ވެގެން މިކަމާ ހީނ، ޖޯކު ޖަހާ ހަދާފައި ވެއެވެ.