ލައިފްސްޓައިލް

ނޯތު ޗައިނާގައި އައިސްކްރީމްތަކަކުން ކޮރޯނާވައިރަސް ފެނިއްޖެ

ނޯތު ޗައިނާގެ ފިހާރަތަކެއްގައި ވިއްކަން ހުރި އައިސްކްރީމްތަކެއްގެ ސާމްޕަލްތަކެއް ޓެސްޓް ކުރިއިރު އެއިން ކޮރޯނާވައިރަސް ފެނިއްޖެ އެވެ. މިހާރު ކަމާ ބެހޭ އޮތޯރިޓީން ވަނީ ވައިރަސް ހުރި އައިސްކްރީމްތައް ބާޒާރުން ނަގައިފަ އެވެ.

ސްކައި ނިއުސްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ޗައިނާގެ ޓިއަންޖިން މުނިސިޕަލްޓީގެ އެންޓި - އެޕިޑެމިކް އޮތޯރިޓީތަކުން މިހާރު ގެންދަނީ އެ އައިސްކްރީމް ގަނެ އެ ބޭނުންކުރި އެންމެން ހޯދައި އެމީހުންނަށް ކަރަންޓީނު ވާން އަންގާފަ އެވެ. މި އައިސްކްރީމަކީ ޓިއަންޖިން ފުޑް ކޮމްޕެނީއަކުން ތައްޔާރު ކޮށްފައި ހުރި އެއްޗެކެވެ.

މި އައިސްކްރީމް އުފެއްދި ކުންފުނިން އުފައްދާ ހުރިހާ ބާވަތެއް އުފެއްދުން ވެސް މި ވަގުތަށް ވަނީ މަނާކޮށްފަ އެވެ. މިހާތަނަށް އެ ކުންފުނިން ޓެސްޓް ކުރަން ފޮނުވި ތިން ބާވަތެއްގެ އައިސްކްރީމް ސާމްޕަލް ތަކަކުން ވެސް ކޮރޯނާ ވައިރަސް ފެނިފައި ވެއެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަމުން ދާއިރު އެ ކުންފުނިން އައިސްކްރީމް އުފެއްދުމަށް އެތައް ބައިވަރު ރޯ މެޓީރިއަލް އެއް ބޭނުން ކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ. މީގެ ތެރެއިން ބައެއް ތަކެއްޗަކީ އެހެން ގައުމުތަކުން އިމްޕޯޓްކޮށްފައި ހުރި ތަކެއްޗެވެ. މިލްކް ޕައުޑަރު އިމްޕޯޓް ކޮށްފައިވަނީ ނިއު ޒިލެންޑުންނެވެ. އަދި އައިސްކްރީމަށް އަޅާ ވޭ ޕައުޑަރު އެތެރެ ކޮށްފައި ވަނީ ޔޫކްރޭނުންނެވެ.

އައިސްކްރީމް އުފައްދާ ކުންފުނީގައި މަސައްކަތްކުރާ 1600 މުވައްޒަފުން ވެސް މިހާރު ވަނީ ކަރަންޓީނު ކޮށްފަ އެވެ. މީގެ ތެރެއިން 700 މީހުން ކޮރޯނާ ވައިރަހަށް ނެގެޓިވް ވެފައިވާއިރު އަނެއް މީހުންގެ ނަތީޖާ އަދި ނުލިބެ އެވެ.

ސިއްހީ ތަޖުރިބާކާރުން ބުނަނީ މިއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އައިސްކްރީމްތަކަށް ވައިރަސް އެރީ ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ކަމަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޗައިނާގެ ފުޑް ސާމްޕަލްތަކުން ކޮރޯނާވައިރަސް މި ފެނުނި އަލަކަށް ނޫނެވެ. މީގެ ކުރިން ވެސް މިފަދަ ބައެއް ހާދިސާތައް ހިނގާފައި ވެއެވެ. އެގޮތުން އިންޑިޔާއިން އިމްޕޯޓްކުރި ގަނޑުކުރި މަހުންނާއި، ރަޝިޔާ އިން އިމްޕޯޓްކުރި ފްރޯޒަން ސަލްމޮން އާއި އާޖެންޓީނާ އިން އެތެރެކުރި ފްރޯޒަން ގެރިމަހުން ކޮރޯނާވައިރަސް ފެނިފައި ވެއެވެ.

ޗައިނާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި މިހާތަނަށް 20 ގައުމަކުން އެތެރެކުރި ކާ ބާވަތްތަކުން ކޮރޯނާވައިރަސް ވަނީ ފެނިފަ އެވެ.

އިންޑިޔާއިން އެތެރެކުރި މަހުން ކޮރޯނާވައިރަސް ދެ ފަހަރަކަށް ފެނިފައިވާ ކަމަށް ޗައިނާގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ގަނޑުކޮށްފައިވާ ބާވަތްތަކުން ކޮރޯނާވައިރަސް ފެންނަމުން ދިޔަ ނަމަވެސް ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ފްރޯޒަން ފުޑް އިން ކޮވިޑް-19 ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.