ލައިފްސްޓައިލް

މިރުހުން ހީވެސް ނުކުރާ ކަހަލަ ފައިދާތަކެއް

ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ކުޅިކޮށް ކެއުމުން ހަށިގަނޑަށް އެކަމުގެ ނޭދެވޭ އަސަރު ކުރެ އެވެ. އެހެން ނަމަވެސް ކުޅިކޮށް ކެއުމަކީ ނުވަތަ މިރުސް ކެއުމަކީ ހަށިގަނޑަށް ސިއްހީ ގޮތުން އެތައް ފައިދާއެއްވެސް ލިއްބައިދޭ ކަމެއް ކަމަށް ފަހުގެ ދިރާސާތަކުން މިވަނީ ދައްކާފަ އެވެ.

އެގޮތުން ގިތެޔޮ މިރުހަކީ ހިތުގެ ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ޖާނަލް އޮފް ދަ އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ އިން 2020 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި މިރުސް ހިމެނޭ ކާނާ ކެއުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެކެވެ.

މިރުސް ކެއުމަކީ ބަރުދަން ލުއި ކުރުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. އެގޮތުން މިރުސް ކެއުމުން، މެޓަބޮލިޒަމް އަވަަސްކޮށްދެ އެވެ. މާނައަކީ ކާނާ ހަޖަމުކޮށްދިނުން އަވަސްކޮށްދިނުމެވެ. އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންވާ ނަމަ، ވަކި ހަމައެއްގެ ތެރެއިން މިރުސް ކެވިދާނެ އެވެ. މިރުހުން ފައިދާތަކެއް ލިބުނު ނަމަވެސް މާގިނަ އިން މިރުސް ކެއުމަކީ ހަށިގަނޑަށް ގެއްލުން ލިބިދާނެ ކަމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ އެވެ.

ގިތެޔޮ މިރުހުން ގިނަ ފައިދާތަކެއް ލިބެނީ "ކެޕްސައިސިން"ގެ ސަބަބުންނެވެ. މިއީ ތަދު ކުޑަކޮށްދީ، ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، ދުޅަހެޔޮކަން ކުޑަކޮށްދޭ އެއްޗެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ. ގިތެޔޮ މިރުހަކީ ސިއްހަތަށް ފައިދާ ކުރާ ވިޓަމިންތަކެއްވެސް ހިމެނޭ އެއްޗެކެވެ. ގިތެޔޮ މިރުސް ކެއުމުން އިންސާނާގެ އުމުރު ދިގުވާ ކަމަށްވެސް ބައެއް ދިރާސާތަކުން ދައްކަ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ބޮޑު ގޮހޮރާއި ފުރަމޭއާއި ފުއްޕާމޭ އަދި ޕެންކްރިއޭޓިކް ކެންސަރު ޖެހިފައިވާ މީހުންގެ ކެންސަރު ސެލްތަކުގެ ބާރު ކަނޑުވާލުމަށްވެސް ކެޕްސައިސިން އެހީތެރިވެދޭ ކަމަށްވެ އެވެ. މި ކޮމްޕައުންޑަކީ މިސެލްތައް ބޮޑުވެ ފެތުރުން ހުއްޓުވޭނެ އެއްޗެއް ނަމަވެސް މިކަމާ ގުޅޭ އިތުރު ދިރާސާތައް ހެދުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދެ އެވެ.