ލައިފްސްޓައިލް

ދިރޭ ކަކުންޏެއް ކައިގެން ޗައިނާ މީހެއް މަރުނުވީ ކިރިޔާ!

ދަރިފުޅުގެ ގައިގައި ދަތް އެޅީމަ އައި ރުޅިން ދިރިދިރިއޮތް ކަކުންޏެއް ކާލި ޗައިނާ މީހެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

ޒީޖިންގްގައި ދިރިއުޅޭ 39 އަހަރުގެ ލޫ ހޮސްޕިޓަލަށް ގެންދިޔައީ ވަރަށް ގަދަޔަށް ބުރަކަށީގައި ރިއްސާތީ އެވެ. އޭރު އޭނާ ދިރޭ ކަކުނި ކާލިފަހުން ދެ މަހެއްހާ ދުވަސް ވެއްޖެ އެވެ.

"އަހަރެން އެހިން އޭނާ ކައިރީ ކީއްކުރަން ހޭ ދިރޭ ކަކުންޏެއް ކެއީ. އޭނާ ބުނި އޭނާ އަންހެން ދަރިފުޅު ގޮވައިގެން ގޮނޑުދޮށުގައި އުޅެނިކޮށް ކުޑަ ކުޑަ ކަކުންޏެއް ދަރިފުޅުގެ ފައިގައި ދަތްއެޅީ ކަމަށް. އެކަމާ އައި ރުޅީން އޭނާ އެ ނަގައި އަނގަޔަށް ލައި ހަފާލައިގެން ކާލީ ކަމަށް. އޭނާ ބުނި އެއީ ކަކުނި ދެކެ އައި ރުޅިން ބަދަލުހިފަން ކުރި ކަމެކޭ،" ލޫ އަށް ފަރުވާ ދޭ ޑޮކްޓަރު ޗައިނާގެ މޯނިންގް ޕޯސްޓަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

ހާލު ބޮޑުވެގެން މި ފިރިހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކަކުނި ކާލިތާ ދެ މަސް ފަހުންނެވެ. އޭނާ އެޑްމިޓްކޮށް ވަރަށް ގިނަ ޓެސްޓްތައް ހަދާފައި ވެއެވެ. ނަމަވެސް އޭނާގެ މެޔާއި ބަނޑަށް އަދި ފުރަމެޔަށާއި ހަޖަމުކުރުމުގެ ނިޒާމަށް އައިސްފައިވާ ޕެތޮލޮޖީ ބަދަލުތަކުގެ އަސްލެއް ޑޮކްޓަރުންނަކަށް ދެނެގަންނާކަށް ނޭނގުނެވެ.

ދިރިދިރި އޮތް ކަކުންޏެއް ލޫ، ކޭ ވާހަކަ އޭނާގެ އަންހެނުން ޑޮކްޓަރުން ކައިރީގައި ބުނީ އޭނާއަށް ވެގެން އުޅޭ ގޮތެއް ނޭނގިގެން އުޅޭތާ އެތައް ދުވަހެއް ފަހުންނެވެ.

"އަހަރެމެން ތަކުރާރުކޮށް އެ ފިރިހެން މީހާ ކައިރީ އަހަމުން ގެންދިޔައިން އޭނާ އެއްވެސް އާދަޔާޚިލާފު އެއްޗެއް ކެއިންތޯ. އެލާޖީ އެއް މެދުވެރިވެދާނެ އެއްވެސް އެއްޗެއް ކެއިންތޯ. ކޮންމެ ފަހަރަކުވެސް އޭނަ ބުނަނީ އެ ކަހަލަ އެއްވެސް އެއްޗެއް ނުކަމޭ. މާ ފަހުން ލޫ، އޭނާގެ ޑޮކްޓަރުން ކައިރީގައި ބުނީ އޭނާ "ޚާއްސަ އެއްޗެއް" ކޭ ވާހަކަ،" ލޫ އަށް ފަރުވާ ދޭ ޑޮކްޓަރު ބުންޏެވެ.

"ފަހުން ހެދި ލޫގެ ލޭގެ ޓެސްޓްތަކުން އެނގުނު އޭނާއަށް ތިން ޕަރަސެޓިކް އިންފެކްޝަނެއް ކުރިމަތިވެފައިވާކަން. މިހާރު ފަރުވާ ދީގެން އޭނާ ރަނގަޅުވެއްޖެ. ނަމަވެސް އަދިވެސް ފޮލޯއަޕް ހަދަން ޖެހޭ،" ޑޮކްޓަރު ވިދާޅުވި އެވެ.

ޗައިނާ އާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މީހުން އާއްމުކޮށް ކަކުނި ކައި އުޅެނީ ކައްކައިގެންނެވެ. ނަމަވެސް ބަނގުރަލުން މެރިނޭޓްކޮށްގެން ރޮލާ ވެސް ޗައިނާގެ ބައެއް މީހުން ކަކުނި ކައި އުޅެ އެވެ. މި ވައްތަރުގެ ކަކުންޏަށް ކިޔަނީ "ޑްރަންކަން ކްރޭބް" އެވެ.

ތިއަރީތައް ބުނާ ގޮތުން ކަކުނި ރޮލާ ކާނަމަ ކާން ޖެހޭނީ ކުރިން ދެންނެވި ގޮތަށް މެރިނޭޓްކޮށްގެންނެވެ. އޭރުން އޭގައި ހުންނަ ޕެރަސައިޓްތަކާއި ބެކްޓީރިއާތައް މަރުވާނެ އެވެ. ނަމަވެސް މިގޮތަށް މެރިނޭޓް ކުރިޔަސް ހުރިހާ ޕެރަސައިޓެއް މަރެއް ނުވެ އެވެ. އެހެންވެ މިއީ ވެސް ކަކުނި ކެއުމަށް ރައްކާތެރި ގޮތެއް ކަމަކަށް ނުބެލެވެ އެވެ.