ކައިވެނި ނުކޮށް އެކަނި ދިރިއުޅެން ބޭނުންވާ ޒުވާނުން ދުނިޔޭގައި ގިނަވަމުންދާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. ޚާއްސަކޮށް ބައެއް ގައުމުތަކުގެ ޒުވާނުން އެއްގޮތަކަށް ވެސް ކައިވެނި ކުރާކަށް އަދި ދަރިން ހޯދާކަށް ބޭނުމެއް ނުވެ އެވެ. ކޮރެޔާ އަކީ ވެސް މިފަދަ ޒުވާނުން ގިނަ ގައުމެކެވެ. އަދި މިކަމާ އެ ގައުމުގެ ސަރުކާރުން ވަނީ ވަރަށް ކަންބޮޑުވެފަ އެވެ.
މިހާރު އެ ގައުމުގައި ކައިވެނިކުރާ މީހުންގެ އަދަދު ވަނީ ދުވަހަކުވެސް ނުވެއްޓޭ ވަރަށް ދަށަށް ވެއްޓިފަ އެވެ. އެހެންކަމުން އެ ގައުމުގެ އާބާދީ ވެސް އަހަރަކަށް ވުރެ އަހަރެއް ދަނީ ދަށަށެވެ. މިގޮތަށް ކަންތައްތައް ދާނަމަ ކުރިޔަށް އޮތް 28 އަހަރު ތެރޭގައި ސައުތު އެފްރިކާގައި ތިބި ޒުވާނުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ކައިވެނިނުކޮށް ތިބި މީހުންނަށް ވާނެ އެވެ.
މިއީ ސައުތު ކޮރެޔާ ސަރުކާރުން ބޭނުންވާ ކަމެއް ނޫން ނަމަވެސް ގަދަކަމުން ޒުވާނުން ކައިވެންޏަށް މަޖްބޫރު ކުރެވޭނެ ގޮތެއް ވެސް ނެތެވެ. ސަރުކާރަށް ކުރެވޭނެ ހަމައެކަނި ކަމަކީ އެންމެ އަވަހަށް ކައިވެނި ކުރެވޭނެ އުމުރު ކަނޑައެޅުމެވެ. ކައިވެނި ކުރުމާއި ނުކުރުމަކީ އެ ގައުމުގެ ރައްޔިތުންގެ ޒާތީ ކަމެކެވެ.
ސައުތު ކޮރެޔާގެ ނެޝަނަލް ސްޓެޓިސްޓިކްސް އޮފީހުން މިދިޔަ އަހަރު ނެރެފައިވާ ރިޕޯޓެއް ބުނާ ގޮތުން އެ ގައުމުގައި ކައިވެނި ނުކޮށް ތިބި ޒުވާނުންގެ އަދަދު މިހާރު 7.2 މިލިއަނަށް އަރަ އެވެ. މިއީ 2000 ވަނަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު 15.5 ޕަސެންޓް އިތުރު އަދަދެކެވެ. ކުރިޔަށް އޮތް ތާގައި ވެސް މިގޮތަށް މިކަން ވަމުންދާނަމަ 2050 ވަނަ އަހަރާ ހަމައަށް ދާއިރު އެ ގައުމުގެ ކޮންމެ ފަސް މީހަކުން ދެ މީހަކު ތިބޭނީ ކައިވެނި ނުކޮށެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ސައުތު ކޮރެޔާގައި ކައިވެނިކުރާ މީހުންގެ ތެރެއިން 18.8 ޕަސެންޓް މީހުން ކައިވެނީގައި ދެމި ތިބެނީ އެވްރެޖްކޮށް ފަސް ވަރަކަށް އަހަރު އެވެ. ތިރީހަކަށް އަހަރު އެކުގައި ހޭދަކުރަނީ 17.6 ޕަސެންޓް ދެމަފިރިންނެވެ. އެ ގައުމުގެ ގިނަ މީހުން ބޭނުންވަނީ ކައިވެނިނުކޮށް އެކަނި ދިރިއުޅޭށެވެ.
ސުވާލަކީ ސައުތު ކޮރެޔާ މީހުން އެހާ ބޮޑަށް ކައިވެންޏާ ދެކޮޅީ ކީއްވެ ހެއްޔެވެ؟ އަދި އެމީހުން އެކަނިމާއެކަނި ދިރިއުޅެން ބޭނުންވަނީ ކީއްވެ ހެއްޔެވެ؟
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސައުތު ކޮރެޔާ މީހުން އެކަނިވެރި ދިރިއުޅުން ޚިޔާރުކުރަނީ އެ ގައުމުގެ އިގްތިސާދުގެ ނާޒުކުކަމުންނެވެ. ކުރިމަގާ މެދު އުންމީދެއް ނެތީމަ އެވެ. އަމިއްލަ އާއިލާއެއްގެ ޒިންމާ އާ ހަވާލުވާން އެމީހުން ބިރުގަންނަނީ އެވެ. ގިނަ މީހުންނަކީ ވަޒީފާ ނެތް މީހުންނަށް ވާތީ އިތުރު ބުރައެއް ކޮނޑުގައި ނާޅައި އެކަނިމާއެކަނި ދިރިއުޅެނީ އެވެ.
ކައިވެނިކޮށްގެން ދަރިން ހޯދާފައިވާ ދެމަފިރިންގެ ތެރެއިން ވެސް 12 ޕަސެންޓް ދެމަފިރިން ބުނެފައިވަނީ ދަރިންގެ ޒިންމާ އެމީހުންނަށް ބޮޑު ބުރައަކަށް ވެފައިވާ ކަމަށެވެ.
ސައުތު ކޮރެޔާގައި މިހާރު ކައިވެނިނުކޮށް ތިބި މީހުންގެ 25 ޕަސެންޓް މީހުންނަކީ ރަނގަޅު ހަޔާތުގެ ބައިވެރިޔަކު ނުލިބިފައި ތިބި ނުވަތަ ހޯދަން އެއްވެސް މަސައްކަތެއް ނުކޮށް ތިބި މީހުންނެވެ.