ކައިވެނިތައް އިންތިޒާމު ކުރުމުގައި ވެޑިން ޕްލޭނަރުންގެ ދައުރު މިހާރު ވަރަށް ބޮޑެވެ. އަލަށް ކައިވެނިކުރާ ދެމީހެއްގެ ހަޔާތުގައި އަންނަ އެންމެ އުފާވެރި އަދި ހަނދާނުން ފޮހެލަން ބޭނުން ނުވާ ދުވަހުގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސަނީ ވެޑިން ޕްލޭންކުރާ މީހުންނެވެ.
މިޒަމާނުގައި ގިނަ މީހުން ގަބޫލުކުރަނީ ކައިވެންޏަކީ ހަމައެކަނި ދެ މީހެއްގެ ގުޅުމެއް ނޫން ކަމަށާއި އެއީ އެ ބައެއްގެ ހައިބަތާއި މުދާވެރިކަން އެހެން މީހުންނަށް ދައްކާލަން ލިބޭ ފުރުސަތެއްގެ ގޮތުގަ އެވެ. އަދި ކައިވެނިކުރާ ދެމަފިރިންގެ މަގުބޫލުކަން ދައްކާލެވޭނީ ކައިވެންޏަށް މެހެމާނުން ހާޒިރުވާ މިންވަރު އިތުރުވީ ވަރަކަށް ކަމަށް ގަބޫލުކުރާ މުޖުތަމައުތައް ވެސް ބައިވަރެވެ.
ސައުތު ކޮރެއާގެ މީހުންނަކީ މިގޮތަށް ކައިވެނީގައި އެމީހުންގެ ހައިބަތު ދައްކަން ބޭނުންވާ ބައެކެވެ. އެ ގައުމުގައި "ފޭކް ވެޑިން ގެސްޓްސް"ގެ ވިޔަފާރި މިހާރު މާ ބޮޑަށް ވައިގައި ހިފައިގެން އުޅެނީ މި ސަބަބާ ހުރެ އެވެ. މިކަމަށް ޚާއްސަ ކުންފުނިތައް މިހާރު އެ ގައުމުގައި އެ ބަހުއްޓެވެ. އެ ކުންފުނިތަކުން ކުރާ ކަމަކީ ކައިވެނީގެ ރަސްމިއްޔާތުތަކަށް އެ ބަޔަކު ބުނާ ވަރަކަށް ފޭކް މެހެމާނުން ފޮނުވުމެވެ.
އެއީ ގިނަ މީހުން މެހެމާނުންގެ ގޮތުގައި ތިބުމުން ދެމަފިރިންގެ ހައިބަތު ބޮޑުކަމަށް ދައްކާނެތީ އެވެ.
ސައުތު ކޮރެއާގައި ކައިވެނިކުރާ މީހުން އެމީހުން ބޭނުންވާ ވަރަކަށް ފައިސާ ދީގެން ފޭކް މެހެމާނުން ޕާޓީގައި ބޭތިއްބިދާނެ އެވެ. މިފަދަ ގްރޫޕްތައް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައިދޭ މީހުންގެ މަސައްކަތަކީ ކައިވެނި ޕާޓީގައި ދައުވަތު ދީގެން އަންނަ މީހުންނަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ގޮނޑި ޖަހައި އެ ގޮނޑިތައް ފޭކް މެހެމާނުން ބައިތިއްބައިގެން ފުރާލުމެވެ. އޭރުން ކައިވެނީގެ ފޮޓޯތަކާއި ވީޑިއޯތަކުން ކައިވެނީގެ ބޮޑުކަން ހާމަވާނެތީ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ސައުތު ކޮރެއާގައި މި ވިޔަފާރި އިތުރަށް ފުޅާވެގެން ދާނެކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ.
ސަބަބަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި އަޅާފައިވާ ފިޔަވަޅުތަކަށް މަޑުމަޑުން ދޫދޭތީ އެވެ. ދާދި މިދާކަށް ދުވަހާ ޖެހެންދެން އެ ގައުމުގައި ބާއްވާ ކައިވެނި ޕާޓީތަކުގައި ބައިވެރި ކުރެވެނީ އެންމެ 99 މެހެމާނުންނެވެ. ނަމަވެސް ފާއިތުވީ ހަފުތާއިން ފެށިގެން މިއަދަދު 250 އަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުރިހާ ފިޔަވަޅުތަކެއް އުވާލައި ބޭނުން ވަރަކަށް ޕާޓީތަކަށް މީހުންނަށް ވަދެވޭ ގޮތަށް ހުއްދަ ދޭނެ ކަމަށްވެ އެވެ.
އެހާތަނުން އަނެއްކާވެސް ފޭކް މެހެމާނުންގެ ވިޔަފާރިއަށް އިތުރު ކުރިއެރުމެއް އަންނާނެ އެވެ.
ސޯލްގައި ފޭކް މެހެމާނުންގެ އެޖެންސީއެއް ހިންގާ އޮޕަރޭޓަރަކު ބުނި ގޮތުގައި މިހާރު އެ އެޖެންސީއަށް ލިބޭ ކޯލްތައް ވަނީ ދެ ގުނައަށް އިތުރުވެފަ އެވެ. އެއީ ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް އޮކްޓޯބަރު 15 އިން ފެށިގެން ލުއި ދީފައިވާތީ އެވެ.
އޮޕަރޭޓަރު ބުނި ގޮތުގައި އެ އެޖެންސީން ފޮނުވާ ފޭކް މެހެމާނުންގެ ގަޔަށް ވެކްސިން ޖެހުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް އެބަ ކުރިއަށް ގެންދެ އެވެ.