ލައިފްސްޓައިލް

ރައްޓެހިވީތާ 42 އަހަރު ފަހުން ކައިވެނިކޮށްފި

އުމުރުން ދުވަސްވީ ދެ މީހަކު 42 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެންމެ ފަހުން ކައިވެނިކޮށްފި އެވެ.

އުމުރުން 81 އަހަރުގެ ޖިމް ހޯކިންސް އާއި 64 އަހަރުގެ ލީން ކައިވެނިކުރީ އެމީހުން ތިބޭ ނާސިން ހޯމުގަ އެވެ.

އިންގްލެންޑްގެ ގްލޯސްގެ ކުޑަކުޑަ އަވަށެއްގައި މި ދެ މީހުން ދިރިއުޅެފައިވަނީ އެއް މަގެއްގައި ހުރި ދެ ގޭގަ އެވެ. އަދި ލޯބީގެ ގޮތުން ގުޅިފައިވަނީ 1980ގެ ކުރީކޮޅު އެވެ.

ޖިމް އަކީ މިހާރު ހަނދާންނެތޭ ބަލި ޖެހިފައިވާ މީހެކެވެ. އެހެންވެ އެންމެ ފަހުން ކައިވެންޏަށް އޭނާ ކުރެން އެހީ ވެސް ލީން އެވެ. އަދި ޖިމް އެކަމާ އެއްބަސްވެ މިހާރު ދެ މީހުން ވަނީ ކައިވެނިކޮށްފަ އެވެ.

މީގެ ކުރިން ވެސް އެއް ފަހަރު ލީން ވަނީ ޖިމް ކައިރީ ކައިވެންޏަށް އެދިފަ އެވެ. ނަމަވެސް އެ ފަހަރު ޖިމް ކައިވެނިކުރަން ބޭނުން ނުވީ އެވެ. ދެ މީހުން ރައްޓެހިވެގެން މި ފާއިތުވީ 40 އަށް ވުރެ ގިނަ އަހަރު ތެރޭގައި އެމީހުންނަށް ފިރިހެން ދަރިއަކުވެސް ލިބިފައި ވެއެވެ. އަދި މި ދަރި ބެލީ ވެސް ދެ މީހުންނެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ލީން ބުނީ ކިތަންމެ ގިނަ ދުވަހަކުން ނަމަވެސް ކައިވެނި ކުރެވުނީތީ އުފާވެއްޖެ ކަމަށެވެ. އަދި ހަޔާތުގެ ބާކީ އޮތް ދުވަސްތައް އެކުގައި ހޭދަކޮށްލަން ލިބުމަކީ މި ދެމަފިރިންނަށް ދުނިޔޭން ލިބޭނެ އެންމެ ބޮޑު އުފަލުގެ ގޮތުގައި ލީން ސިފަ ކުރި އެވެ.

މި ދެ މީހުންގެ ޒަމާންވީ ގުޅުމުގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން ލީން ބުނީ ރަހްމަތްތެރިކަން ކަމަށެވެ. ހަޔާތުގައި ދިމާވި ހުރިހާ އުފަލަކާއި ހިތާމައަކާ ވެސް ދެ މީހުން ކުރިމަތީ އެކުވެރިކަމާ އެކުގައި ކަމަށެވެ.