މީހުން

ކުރެހުމުން ފާޅުވަމުން އަންނަ ތަރިއެއް!

މުހައްމަދު މިޝަލް 17، އަކީ ކުޑަކުއްޖެއް، އަދި ދަރިވަރެކެވެ؛ އޭނާ އެންމެ ތުއްތު އިރުން ފެށިގެން ވެސް އުޅުނީ ފަންސުރެއް ހިފައިގެނެވެ. އަބަދުވެސް އުޅުނީ ކުރެހުމުގެ ތެރޭގަ އެވެ. އެއްވެސް އިރެއްގައި މިޝަލްގެ ޝައުގުވެރިކަން ކުރެހުމުން ނެއްޓޭ ތަނެއް ނާދެ އެވެ. އަދި އެއްވެސް ދިމާއަކުން ޖަނަވާރެއްގެ ފޮޓޯއެއް އޭނާއަށް ފެނުން ވާނީ ލަހެވެ. ކުރެހުމުން އެއްޗެއްގެ ސިފަ މިޝަލް ގެނެސް ދެއެވެ.

މިހާރު އޭލެވެލްއަށް ކިޔަވަމުން އަންނަ މިޝަލްގެ ތަރި ފާޅުވީ 2019 ވަނަ އަހަރު ބޭއްވި އޯ ލެވެލް އިމްތިހާނުގެ ނަތީޖާއާ ހަމައިންނެވެ. އޭނާ ވަނީ އެ އަހަރުގެ އޯ ލެވެލްގައި އާޓް އެންޑް ޑިޒައިން މާއްދާއިން މުޅި ދުނިޔެއިން ދެވަނަ ހޯދާފަ އެވެ. އޭނާއަށް "ބްރިލިއަންސް އެވޯޑް އިން އާޓް އެންޑް ޑިޒައިން" ލިބުނެވެ.

އޯ ލެވެލްގައި "ގްލާސް ވިތު ވޯޓާ އެންޑް ލެމަން" ހިމެނޭ ގޮތަށް މިޝަލް ކުރެހުމެއް ހުށަހެޅި އެވެ. ފަންސޫރު ކުލަ އާއި ފެންކުލަ ބޭނުން ކޮށްގެން ކުރެހި އެ ކުރެހުމަކީ "އޮބްޒަވޭޝަނަލް ޑްރޯވިން" އެކެވެ.

އެއީ ކުރިމަތީ ފެންނަން ހުންނަ އެއްޗެއް ބަލައިގެން ކުރެހުމުގެ ތީމަކަށް ގެނައި ކުރެހުމެވެ. ވަރަށް ފަސޭހައޭ ހީވި ނަމަވެސް އެއީ ވަރަށް ކަވި ކަމެކެވެ. ފެންނަން ހުންނަ މަންޒަރު އަސްލާ އެއްގޮތަށް ގެންނަން ވަރަށް އުނދަގުލެވެ. ސަބަބަކީ މަންޒަރުގައި ހިމެނޭ އެންމެ ކުުދި ކުދި "ޑީޓެއިލްސް" ވެސް ދައްކަން ޖެހޭތީ އެވެ.

ދުނިޔޭގެ އެންމެ މޮޅު އާޓިސްޓުންގެ ފެންވަރަށް މިޝަލްއަށް އަދި ނުދެވުނު ނަމަވެސް ކުރެހުންތައް ވީހާވެސް ބޮޑަށް ހަގީގަތާ އެއްގޮތް ކުރަން އޭނާ މަސައްކަތް ކުރެއެވެ. އޭނާގެ އެ ކުރެހުމަށް ހަ ގަޑިއިރު ހޭދަ ކުރަން ޖެހުނީ ވެސް އެހެންވެ އެވެ.

"ގިނައިން މާކްސް ހޯދަންޏާ އެންމެ ކުދި ކުދި ޑީޓެއިލްސް ވަރަށް ފުރިހަމައަށް ގެނެސްދޭން ޖެހޭ. ގިނައިން ޕްރެކްޓިސް ކޮށްފިނަމަ ޓެލެންޓެޑް އާޓިސްޓުން އޮބްޒަވޭޝަނަލް ޑްރޯވިން ކުރަހާ ފަދައިން ކުރަހާ ލެވިދާނެ،" މިޝަލް ބުންޏެވެ.

މި ދަރިވަރު ބުނި ގޮތުގައި ކުރެހުމުގައި ރަނގަޅު ވަނައަކާ ހަމައަށް އޭނާއަށް އާދެވުނީ ހަރުފަތްތަކެއް ވެސް ގިރާ ކުރުމަށް ފަހު އެވެ. އަދި އެގޮތް މެދުވެރިވީ މާއްދާއެއްގެ ގޮތުގައި ކުރެހުން ވަކިން ކިޔަވަން ލިބުނު ފުުރަސަތުގެ ބޭނުން ހިފުމެވެ. ގްރޭޑް އަށަކުން ފެށިގެން ތާޖުއްދީނުގައި "އާޓް" ކިޔަވަން ފެށުމާއެކު ކުރެހުމުގެ ތިއަރީތަކާއި ޕެއިންޓް ކުރާނެ ގޮތްތަކާއި ސްކެޗް ކުރަން ގެންގުޅޭނެ ގޮތްތައް ވަރަށް ބޮޑަށް މިޝަލްއަށް އެނގުނެވެ. އަދި ޔޫޓިއުބާއި މަޝްހޫރު އާޓިސްޓުންގެ މަސައްކަތް ބަލައިގެން ވެސް މިޝަލްގެ ހުނަރު ތަރައްގީ ކުރި އެވެ.

"މިހާރުވެސް އަޅުގަނޑު ބަލަން ޔޫޓިއުބްގައި އުޅޭ މަޝްހޫރު ތިން އާޓިސްޓެއް. އެއީ މާސެލޯއާއި ލީތަލް ކްރިސް1 ފަދަ އާޓިސްޓުން. އެމީހުންގެ އެއްޗެތި ބަލައިގެން ވަރަށް ގިނަ އެއްޗެތި ދަސްވޭ" މިޝަލް ބުންޏެވެ.

އޯ ލެވެލްގައި އާޓުން ލިބުނު ކާމިޔާބަށް ފަހު އޭލެވެލްގައި ވަކި މާއްދާ އެއްގެ ގޮތު އާޓެއް ނޯވެ އެވެ. އެކަމަކު މިޝަލް ހުރީ އާޓުން އަތް ދޫކޮށް ލާގޮތަކަށް ނޫނެވެ. އޭރުވެސް އޭނާއަކީ ތަރިއަކަށް ވުމުގެ ރޫހުގައި އަރައިގެން އައި އާޓިސްޓެކެވެ.