ފްލައިޓަކަށް އަރައި އެހެން ފަސިންޖަރެއްގެ ކައިރީގައި އޭނާ އިން ސީޓް ބަދަލު ކޮށްދޭތޯ އެހުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ބައެއް ފަހަރަށް އެ ފަސިންޖަރެއްގެ މޫޑު އެ ވަގުތު ހުރި ގޮތަކުން އެއްވެސް މައްސަލައެއް ނުޖައްސާ ސީޓު ބަދަލުކުރަން އެއްބަސްވެ އެވެ. އަނެއް ބައި ފަހަރަށް ކިތަންމެ ދަތި އުނދަގުލެއްގައި އަނެއްމީހާ އުޅެން ޖެހުނަސް އޭނާގެ ސީޓު ބަދަލުކުރާކަށް ފަސިންޖަރު ބޭނުމެއް ނުވެ އެވެ. އޭނާ ހަމަ ވަރަށް ބޮޑާ ކަމާއެކު "ނޫނެކޭ" ބުނެ އެވެ.
މިގޮތަށް ސީޓު ބަދަލުކުރަން އެހެން ދަތުރުވެރިންގެ ކިބައިން އެދެން ޖެހެނީ ދުރާލާ ސީޓު ބުކް ނުކުރާތީ އެވެ. ކުޑަކުދިން ގޮވައިގެން ދަތުރުކުރާ މީހުންނާއި އާއިލާ އެއްކޮށް ދަތުރުކުރާއިރު ނުވަތަ ބަލި މީހެއް ގޮވައިގެން ދަތުރުކުރާއިރު ދުރާލާ ސީޓު ހަމަޖައްސާނަމަ މިފަދަ ކަންކަން ވަރަށް ދިމާނުވާނެ އެވެ.
ސީޓު ބުކް ނުކޮށް އަދި އެންމެ ފަހު ވަގުތު ލައިނުގަނެގެން އައިސް މަތިންދާބޯޓަށް އަރާ މީހުންނަށް ގިނަ ފަހަރު މި މައްސަލަ ދިމާވެ އެވެ.
ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ނުވެސް ދަންނަ މީހެއްގެ ކިބައިން ހެޔޮކަމަކަށް އެދޭއިރު އޭނާ އެކަމަށް ބޯލަނބާފާނެ ކަމަށް މާބޮޑަށް އުންމީދުކޮށްގެން ނުވާނެ އެވެ.
އިނގިރޭސި ވިލާތުގެ މެއިލްއޮންލައިން އަށް ދަތުރުފަތުރުކުރުމުގެ އަދަބުތައް ކިޔައިދޭ ތަޖުރިބާކާރެއް ކަމަށްވާ ޑަޔާނާ ގޮޓްސްމަން ވަނީ މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ކަންކުރަން އޮތް އެންމެ ރަނގަޅު ގޮތް ކިޔައިދީފަ އެވެ. ނުވެސް ދަންނަ ފަސިންޖަރަކު އޭނާ މާ ކުރިއްސުރެ ބުކް ކޮށްފައިވާ ސީޓެއް ބަދަލުކުރުމަށް އެންމެ ފަސޭހައިން އެއްބަސްވާނެ ގޮތް އޭނާ ކިޔައިދިނެވެ.
ޓެކްސަސް ޕްރޮޓޮކޯލް ސްކޫލްގެ ބާނީ ގޮޓްސްމަން ބުނީ އެންމެ ރަނގަޅު ގޮތަކީ ދަތުރަކަށް ތައްޔާރުވާއިރު ދުރާލާ ސީޓު ބުކް ކުރުން ކަމަށެވެ. ޚާއްސަކޮށް އެ ބަޔަކާއެކު ނުވަތަ އެ މީހަކާ ޖެހިގެން އިން ސީޓެއް ކޮންމެހެން ވެސް ބޭނުންވާ މީހެއް ނަމަ ދުރާލާ އެކަން ކުރުމަށެވެ. އަދި ކޮންމެ ފަދަ ހާލަތެއް ކުރިމަތިވެގެން ނަމަވެސް ސީޓު ބުކް ނުކުރެވި އެހެން މީހެއްގެ ކިބައިން ސީޓު ބަދަލުކުރަން އެދެން ޖެހިއްޖެނަމަ ވެސް އެކަށީގެންވާ ގޮތަކަށް އެކަން ކުރުމަށެވެ.
މިސާލަކަށް އެމީހާ އިނީ ވިންޑޯ ސީޓެއްގައި ކަމަށްވާނަމަ އޭނާއަށް މެދު ތެރޭގެ ސީޓެއް ގަބޫލުކުރާކަށް ފަސޭހައެއް ނުވާނެ އެވެ. އަދި ހިނގާ މަގާ ކައިރީގައިވާ ސީޓެއްގައި އިންނަމަ ވިންޑޯ ސީޓެއް ވެސް އޭނާއަށް ކަމުނުގޮއްސާނެ އެވެ. ސަބަބަކީ ވިންޑޯ ސީޓުގައި އިންނަން ބޭނުން ނުވާ މީހުން ވެސް މަދުން ނަމަވެސް ތިބޭތީ އެވެ. ވީމާ އެ މީހާގެ ސީޓު ބަދަލުކުރަން އެދޭނަމަ އޭނާ އިން ސީޓާ ވީހާވެސް އެއްގޮތް ސީޓެއް އޭނާއަށް ހުށަހެޅުން ބުއްދިވެރި އެވެ.
އަދި މިގޮތަށް ސީޓު ބަދަލުކުރަން އެދޭއިރު އެމީހާ ނޫނެކޭ ބުނެފާނެކަމަށް ތައްޔާރުވެ އެކަން ގަބޫލުކުރަން އަމިއްލަ ނަފްސު ކުރިއްސުރެ ތައްޔާރުކުރުން މުހިއްމެވެ. އޭރުން އޭނާ ނޫނެކޭ ބުންޏަސް އޭނާއަށް ހުތުރު މޫނު ނުދައްކާ ޝުކުރިއްޔާ އޭ ކިޔާފައި އެތަނުން ދުރަށް ދިއުމަށް ފަސޭހަވާނެތީ އެވެ.
ގޮޓްސްމަން ބުނި ގޮތުގައި ސީޓު ބަދަލުކުރަން ބޭނުންވާނަމަ އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް ނުވެސް ދަންނަ މީހެއް ކައިރީގައި އެކަމަށް ނޭދި ފްލައިޓް އެޓެންޑެންޓެއް ކައިރިގައި އެދުމެވެ. އޭނާ ލައްވާ ގޮނޑި ބަދަލުކުރަން ބޭނުންވާ މީހާ ކައިރީގައި އެހުމެވެ. ވަރަށް ގިނަ ފަހަރަށް އެއް ފަސިންޖަރަކު އަނެއް ފަސިންޖަރެއް ކައިރީގައި އެހީމާ ނޫނެކޭ ބުންޏަސް ފްލައިޓް އެޓެންޑެންޓް އެހީމަ، މީހުން ގޮނޑި ބަދަލުކުރުމަށް އެއްބަސްވާ ކަމަށް އެކްސްޕާޓް ބުންޏެވެ.
އަދި ސީޓް ބަދަލުކުރަން ފަސިންޖަރަކު އެއްބަސްވެ ގޮނޑި ދީފައި ތެދުވެއްޖެނަމަ އޭނާއަށް ވަރަށް ސާފު ސަރީހަ އިބާރާތުން ޝުކުރު އަދާކޮށް އޭނާ އެކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއްކަން ގަބޫލުކުރާކަން އޭނާ ކައިރީގައި ބުނަން ޖެހޭނެ އެވެ.