ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ސައިންސް މިނިސްޓަރު މުހައްމަދު މަލީހާ ކުރާ ސުވާލަކީ އިންޓަނެޓްގެ އަގު ހެޔޮ ކުރާނީ ކޮން އިރަކުން ހެއްޔެވެ؟ ނަމަވެސް މިފަހަކަށް އައިސް މިނިސްޓަރު މަލީހުގެ ޓްވިޓާ ފީޑާއި އިންސްޓަގްރާމްގެ ވޯލަށް ބަލާލުމުން ގާތްގަނޑަކަށް މުޅީން ފެންނަނީ ތަފާތު ބާވަތް ބާވަތުގެ މޭވާއާ ތަރުކާރީ އާއި ގަސްގަހާގެއްސެވެ.
މިރުހާ ކޮޕީފަތާއި ކަރާ އަދި ޓޮމާޓޯ އާއި ޗެރީ ޓޮމާޓޯ އެވެ. ހާއްސަކޮށް އެކިއެކި ފާޑުފާޑު މިރުހުގެ ފޮޓޯ އެވެ. އެހެންވެ އިންޓަނެޓްގެ އަގަށް ވުރެ މިރުހާއި މޭވާ ތަރުކާރީގެ އަގު މިނިސްޓަރު ކުރެން އަހާލާ ހިތްވެ އެވެ.
މަލީހުގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ މީހަކު ބުނި ގޮތުގައި އެއީ މަލީހު އަލަށް ކުރައްވާ ކަމެއް ނޫނެވެ. މާ ކުރިންސުރެ މަލީހަކީ ހޯމްގާޑެނިންއަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ގޭ ތެރޭގަ އާއި ޓެރަހުގައި އަމިއްލަފުޅަށް ހައްދާ މިރުހާއި މޭވާ އާއި ތާރުކާރީ، ގެ އާއި އާއިލީ ބައެއް ގޭގެއަށް ފުދޭވަރުކޮށް ފޯރުކޮށް ދެއްވަ އެވެ. އަދި ބައެއް ފަހަރު ހިތް އުފަލަށް އެބާވަތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލައްވަނީ އެވެ.
ރާއްޖޭގެ ދެކުނުން ނާޒުކު ތިމާވެއްޓެއް އޮތް އެއް ރަށުގެ އަތޮޅު، ދަނޑުވެރި ފުވައްމުލަކަށް އުފަން މަލީހަކީ ދަނޑުވެރި ކަމަށް، ވަކީން ހާއްސަކޮށް ހޯމް ގާޑެނިންއަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ތުއްޕުޅު އިރު އޭނާގެ ކާފައާއެކުގައި ވެސް ދަނޑަށާއި އަލަ އޮޅުތަކަށް ވަޑައިގެން އުޅުއްވެވި އެވެ. ކާފާއާއެކު އަލަ ކައްޓަލަ އާއި ބިލަތާއި އެ ނޫންވެސް ދަނޑުވެރި އެކި ބާވަތްތައް އުފައްދަން ކާފައާއެކު ދަނޑަށް ވަޑައިގެންނެވި އެވެ. އެހާ ހިސާބުން ފެށިގެން ވެސް މަލީހްގެ ޝައުގުވެރިކަން ދަނޑުވެރިކަމަށް އޮވެ އެވެ. ކާފަގެ ދަނޑުވެރި ބައެއް މުޑުވައްތައް މިހާރުވެސް މަލީހު ގެންގުޅުއްވަ އެވެ.
ދެހާސް ފަސްވަނަ އަހަރު ކިޔަވާ ވިދާޅުވަން މަލީހު އެމެރިކާގައި ހުންނެވި ދުވަސްވަރު ވެސް ހޯމް ގާޑެނިންއާ ދުރަށް ވަޑައެއް ނުގަންނަވަ އެވެ. އަދި އެވަރުން ނުފުދޭތީ އެމެރިކާގައި އޭނާ ދިރުއުޅުއްވި އިމާރާތުގެ ކުރިމަތީ އޮތް ހުސް ބިމެއްގައި ކަރާ ހެއްދޭތޯ ވަރަށް މަސައްކަތް ކުރެއްވި އެވެ.
ދެ ވައްތަރެއްގެ ކަރާ އޮށް ހޯއްދަވައި އެމެރިކާގެ އެ ބިމުގައި އިންދާ ރޯ ކުރެއްވޭތޯ ކުރެއްވި މަސައްކަތުން ކަރާ ލިބޭ ވަރެއް ނުވި އެވެ. އެހެން ނަމަވެސް އެ މަސައްކަތުގައި ދެމި ހުންނެވި އެވެ. ތިން އަހަރު އެމެރިކާގައި ހޭދަ ކުރިއިރު ވެސް ފޫހިކަމެއް ނެތި އެ މަސައްކަތުގައި ވަގުތު ހޭދަކުރެއްވި އެވެ. އެ ވެޔޮތަކުން ނުކުތީ މާ އެކަންޏެވެ. މާ ޖޯޑު ކުރުމުން ވެސް ނަތީޖާއެއް ނައެވެ.
"އޭރު އެ މަަސައްކަތް އަޅުގަނޑު ކުރީ ދިރިއުޅެމުންދިޔަ އެކޮމަޑޭޝަން ކުރިމަތީ އޮތް ހުސް ބިމެއްގައި. ނަމަވެސް ތިން އަހަރުވީއިރު ވެސް ކަރާ ކާކަށް ނުލިބުނު... ނަމަވެސް މާ އަޅާ، ވެޔޮ ގަނޑު ވެސް ވަރަށް ބޮޑުވި. އެއީ ވަރަށް ޝައުގުވެރި ކަމަކަށް އަޅުގަނޑަށް އޭރުވެސް ވި!" މަލީހު ވިދާޅުވި އެވެ
ސޯޝަލް މީޑިއާގައި މިހާރު މަލީހް އާންމު ކުރަމުން ގެންދަނީ މުޅީން ވެސް އޭނާގެ "ހޯމް ގާޑަން" ގެ ފޮޓޯތަކެވެ. އެ ގޮތަށް އެ މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު ހަ އަހަރު ވެއްޖެ އެވެ. އަދި މިހާރު މަލީހްގެ "ދަނޑު" ވަނީ ވަރަށް ފުޅާކޮށް ބޮޑުވެެސް ކޮށްފަ އެެވެ.
މިދިޔަ ހަ އަހަރުގެ ތެރޭގައި 10 ބާވަތެއްގެ ތަކެތި ހައްދަން މަލީހު މަސައްކަތް ކުރެއްވި ވެއެވެ. އޭގެ ތެރެއިން ބައެއް ބާވަތްތައް ވަރަށް ރަނގަޅަށް ހެއްދި ކާން ވެސް ލިބުނެވެ. އަދި އެކުއެކީގައި ބީންސް ފަދަ ތޮޅީގެ ގިނަ ބާވަތްތައް ހެއްދުމުގެ މަސައްކަތާއި ދަނޑު ހައްދަން މޮޅު ފަސް އުފެއްދުމުގެ މަސައްކަތް ވެސް މަލީހް އަލަށް ފެއްޓެވި އެވެ.
މަލީހްގެ "ދަނޑު" ގެ 60 ގަހެއްގައި އިއްޔެއާ ހަމައަށް ވެސް އޮތީ މިރުސް އަޅާ ބަރާވެފަ އެވެ. އަދި 160 ކޮޕީފަތް ގަސް މިހާރު ވެސް ފަތް ކަނޑާ ވަރަށް ހެދިފައި އެބަހުއްޓެވެ. ވިއްސަކަށް ޓޮމާޓޯ ވެޔޮގަނޑުގައި ޓޮމާޓޯ ދޮންވެ ފައްކާވެފައި ވެއެވެ.
ދަނޑިއަލުއްވާއި ކޮޕީ އާއި ރޮކްމެލަނާއި ހަނީޑިއު އާއި ބަރަބޮލާއި ޕެޝަންފުރުޓާއި އަނބާއި ކަންކުން އާއި އޮޅުއަލަ އާއި ދަނބާއި ލެޓިއުސް މިއީ ހައްތަހާވެސް މަލީހްގެ "ދަނޑު"ގައި ހިމެނޭ ބާވަތްތަކެވެ.
"ދަނޑި އަލުވި އެންމެ ފަހުން [ހައްދަން] މި ފަށައިގަތީ... އަނބު މިހާރު ވެސް އޮތީ އަޅާފައި. މިހުރިހާ ބާވަތެއް ވެސް އަޅުގަނޑު ހައްދަނީ ޕޮޓްގައި. ޗެރީ ޓޮމާޓޯ އައި މިރުހާއި ކޮޕީފަތް އެންމެ ގިނައިން މި ހެއްދެނީ. އެ ބާވަތްތައް އާއިލާގެ ގޭގެއަށް ވެސް ކޮންމެ ދުވަހަކު ވެސް ލިބެމުން ދާނެ... އެހެންވީމަ ވަރަށް ރަނގަޅަށް މި މަސައްކަތް މިދަނީ ކުރެވެމުން." މަލީހު ވިދާޅުވި އެވެ. "އަޅުގަނޑު ބޭނުން ވަރަށް ފުޅާ ދާއިރާއެއްގައި ޗެރީ ޓޮމާޓޯގެ ހެއްދުމުގެ މަސައްކަތް ކުރަން. އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މިއީ އަމިއްލައަށް އަދި އެއްވެސް ބޭހެއް ބޭނުން ނުކޮށް ހައްދާފައިވާ ތާޒާ އެއްޗެއްސަށްވުން."
ތަރުކާރީ މޭވާގެ އިތުރުން މާމެލާމެލީގެ ބައެއް ބާވަތްތައް ވެސް މަލީހު ހައްދަ އެވެ. މަދުވަމުންދާ ބޯގަންވިލާ އާއި މިހާރު ތަދުވެފައިވާ ހުވަނދުމަލާއި ބަޓާޕީ ފްލާވާ ވެސް ހައްދަ އެވެ. އޭގެ ތެރެއިން ބަޓާޕީ މަލުގެ ސަޔަކީ ބެންކޮކުގައި ވަަރަށް މަޝްހޫރު މީރު ބުއިމެކެވެ. މިހާރު މަލީހަށް ވެސް އޭނާ އަމިއްލަފުޅަށް ހެއްދި ބަޓާޕީ ގަހުގެ މަލުގެ ސައިތައްޓެއް ލިބެ އެވެ.
"ވަރަށް މީރު ބުއިމެއް ބަޓާޕީ މިއީ. އެހެންވީމަ އަދިވެސް ބުނެލަން އޮތީ ވަރަށް ކާމިޔާބޭ މި މަސައްކަތް. މުޅި އާއިލާއަށް ބޭނުން ކުރެވޭ ވަރަށް ބައެއް ބާވަތައް މިދަނީ ހައްދަމުން. އެ ބާވަތްތައް ވަރަށް ތާޒާކޮށް އެބަ ލިބޭ!"
މަލީހު ގެންދަވަނީ އިންޓަނެޓް މެދުވެރިކޮށް އިތުރު މައުލޫމާތު ހޯއްދަވައި ކުދިކުދި ތަންކޮޅުކޮޅުގައި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ޓެސްޓް ކުރައްވަމުންނެވެ. ރާއްޖެއާއި ތައިލޭންޑައި އެމެރިކާ އައި ޖަޕާން ފަދަ ގައުމުތަކުން އެކި ބާވަތްތަކުގެ އޮށް ގެންނަވައި ދަނޑު ހެއްދުމުގެ މަސައްކަތް ވެސް ކުރައްވަ އެވެ.
"އަޅުގަނޑު ބޭނުންވަނީ ވަރުގަދަ ގްރީން ހައުސްއެއް ތައްޔާރު ކުރަން."
މަލީހްގެ "ދަނޑު" ގެ ތެރޭގައި ދޫންޏާ، މަސް ވެސް ގެންގުޅުއްވަ އެވެ. އަދި ގުރުވަ އާލާ ކުރުމުގެ މަސައްކަތެއް ވެސް ފައްޓަވައިގެން ތަޖުރިބާ ކުރައްވަ އެވެ.
މަލީހުގެ "ހޯމް ގާޑަން" ވަނީ ސޯޝަލް މީޑިއާގައި މީހުންގެ ޝައުގުވެރިކަން ހޯދާފަ އެވެ. އޭނާގެ މެސެޖަކީ ޖާގަ އޮތް މިންވަރަކުން ކޮންމެ މީހަކުވެސް ކޮންމެވެސް ބާވަތެއް ގޭގައި ހައްދާށޭ އެވެ. ދުޅަހެޔޮ ސިއްހަތަކަށްޓަކައި ތާޒާ މޭވާއާއި ތަރުކާރީ މުހިންމު ކަން ބޮޑުއިރު އެފަދަ ބާވަތްތައް ގޭތެރޭގައި ހައްދައިގެން ކާން ލިބޭތޯ ބަލާށޭ އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެ މީހަކުވެސް ޖާގަ އޮތް މިންވަރަކުން މިކަން ކުރަންޖެހޭ. އެންމެ ކުޑަމިނުން އާއިލާއަށް ބޭނުން ކުރެވޭ މިންވަރަށް ބައެއް ތަކެތި އެބަ ހެއްދެންޖެހޭ!"
ރާއްޖޭގެ ބައެއް ކުދި ރަށްރަށްވުރެ މަލީހުގެ "ހޯމް ގާޑަން" ފެހި ވެފައި މުއްސަންޖޭ ބުނެފިއްޔާ އެ ދޮގެކޭ ނުބުނާނެ މީހުން ވެސް އުޅޭނެ އެވެ. މިރުހުގެ ވެސް ގިނަ ބައިވަރު ވައްތަރު ގެންގުޅުއްވަ އެވެ. ކޮޕީފަތާއި ކަރައާ މެލަން އަދި ޓޮމާޓޯއާއި ޗެރީ އަކީ އެންމެ ތިޔާގި ބާވަތްތަކެވެ.
ބައެއް މީހުން ތަފާތު ހޭޝްޓެގްތަކާއެކު މަލީހާ ސަމާސާ ކޮށްލާފައި ހުންނަ އިރު އެތައް ބައެއްގެ ތަރުހީބާ ތައުރީފުވެސް މި މަސައްކަތަށް ލިބެއެވެ. އަދި ސަމާސާކަން ބޮޑު ބައެއް މީހުންގެ ނަޒަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުން މަލީހަށް ދޭންވީ ސައިންސް މިނިސްޓްރީއެއް ނޫނެވެ. ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އެވެ. ސީރިއަސްކޮށް ދަނޑުވެރި ކަމާބެހޭ މިނިސްޓަރަކަށް މަލީހް ސަޅި އެވެ.