ބްރެޒީލްގެ އިންޑައިޖީނިސް ޕްރޮޓެކްޝަން އެޖެންސީގެ އޮފިޝަލުން އެ ގައުމުގެ އެމޭޒަން ރެއިންފޮރެސްޓުގެ މެދުގައި ފަން ޖިފުޓިއަކަށް ޒިޔާރަތް ކުރުމުން ފެނުނު މެންޒަރުން އެ ހިސާބުގައި އެކަހެރިކޮށް ދިރިއުޅުނު ގަބީލާއެއް ނެތިގެން ހިނގައްޖެކަން ޔަގީން ކުރެވިއްޖެ އެވެ.
އެ ގަބީލާގައި އެންމެ ފަހުން ހުރިކަމަށް ރެކޯޑްތަކުން ދައްކާ އެންމެ ފަހު މީހާ އެ ފަން ޖިފުޓިތެރޭގައި އޮތް ރޯނުފުރި އުނދޯއްޔެއް ކަހަލަ އެއްޗެއްގެ މަތީގައި މަރުވެފައި އޮއްވާ އޮފިޝަލުންނަށް ވަނީ ފެނިފަ އެވެ.
އެއާއެކު ބްރެޒީލްގެ ރެކޯޑްތަކުން ބޮޑު ގަބީލާއެއްގެ ތާރީޚާއި ސަގާފަތް އަދި އެމީހުންގެ މުޅި މާޒީގެ ހުރިހާ ސިއްރެއް ގެއްލިގެން ދިޔައީ އެވެ.
އެ ރޯނުފުރި އުނދޯލީގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ގަބީލާގެ އެންމެ ފަހު މީހާ އެވެ. އޭނާއާއެކު ޖަވާބު ނުލިބޭ އެތައްހާސް ސުވާލެއް ވަނީ ސުވާލުތަކެއްގެ ގޮތުގައި އަބަދުގެ އަބަދަށް ވަޅުޖެހިފަ އެވެ.
އެ ޖިފުޓީގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ނަމަކީ ކޮބައިކަން ވެސް އެނގޭ މީހަކު ނެތެވެ. އެމީހާ މިހާތަނަށް ވެސް މީހުން ދަންނަނީ "މޭން އޮފް ދަ ހޯލް" ނުވަތަ ވަޅުކޮންނަ މީހާގެ ނަމުންނެވެ. ސަބަބަކީ އޭނާ އެކަނިމާއެކަނި ޖަންގަލި ތެރޭގައި ގިނަ އަދަދެއްގެ ވަޅުގަނޑު ކޮނެފައި ވާތީ އެވެ.
އެމީހާގެ އުމުރެއްވެސް ނޭނގެ އެވެ. އޮފިޝަލުން ލަފާ ކުރަނީ އޭނާއަށް 60 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ.
އޮފިޝަލުން ލަފާ ކުރަ ގޮތުގައި މިފަދަ އެކެރިކޮށް ދިރިއުޅޭ 114 ވަރަކަށް ގްރޫޕް އެމެޒަން ޖަންގަލީގައި ދިރިއުޅެ އެވެ. ނަމަވެސް ރަސްމީކޮށް އެނގެނީ މީގެން އެންމެ 28 ގްރޫޕެކެވެ. ނަތީޖާއެއްގެ ގޮތުން ބާކީ ތިބި 84 ގަބީލާގެ ރައްކާތެރިކަމަށް ބްރެޒީލްގެ ސަރުކާރަށް އެއްވެސް ކަމެއް ކޮށެއް ނުދެވެ އެވެ.
ސަރުކާރުން ލަފާ ކުރަނީ މިހާރު އެމެޒަންގައި ދިރިއުޅޭ އެކަހެރި ގަބީލާތަކުގެ ތެރެއިން ވެސް ގިނަ ގަބީލާތަކުގައި ތިބީ މަދު މީސްކޮޅެއް ކަމެވެ. އެގޮތުން އެއް ގަބީލާއެއްގައި އުމުރުން ދުވަސްވެފައިވާ އަންހެނަކާއި ދެ ފިރިހެނުން އެކަނި ތިބި ކަމަށްވެ އެވެ. އަދި މި މީހުން އިތުރަށް އާލާކުރެވޭނެ ފުރުސަތެއް ނެތުމުން ދާދި އަވަހަށް މިގަބީލާ ވެސް ވުޖޫދުން ފޮހެވޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މިފަހަރު މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވި ސަބަބެއް ނޭނގެ އެވެ. ލަފާ ކުރެވެނީ ގުދުރަތީ މަރަކުން މަރުވީ ކަމަށެވެ. އެމީހާ މަރުވިއިރު ގައިގައި ތަތްކޮށްފައިހުރީ ދޫނިފަތެވެ.
މިފަދަ ގަބީލާތައް ހިމާޔަތްކުރުމަށް ޚާއްސަ އެޖެންސީތައް ބްރެޒީލްގައި ހުރި ނަމަވެސް މީގެން ގިނަ ގަބީލާތައް ވުޖޫދުން ފޮހެވިގެން ދަނީ އެ އެޖެންސީތަކަށް އެ ގަބީލާތަކުގެ އެއްވެސް މައުލޫމާތެއް ނުލިބި އެވެ.