ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހެޅުމަށް ނިންމައިފި އެވެ.
ވެރިކަން ކުރާ ޕީއެންސީ އިން މިފަދަ ނިންމުމެއް ނިންމާފައިވީ ނަމަވެސް އެ ޕާޓީގެ މެންބަރުންނަށްވެސް މިކަން އަދި ރަސްމީކޮށް އަންގާފައި ނުވާ ކަމަށް ޕީއެންސީގެ ބައެއް މެންބަރުންގެ ފަރާތުން އަވަސް އަށް އެނގިފައިވެ އެވެ.
މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ ގާނޫނެއް އެކުލަވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ ނަމުގައި އަމަލުކުރަން ފެށި މި ގާނޫނަކީ ހަމަޖެހޭ ގޮތަކަށް އެކުލަވާލާފައިވާ ގާނޫނެއް ނޫން ކަމަށް ބުނެ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ އެ ގާނޫނު އުވާލާފަ އެވެ.
ނަމަވެސް ނިމިގެން ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރު އެމްޑީޕީގެ ބާރަށު ދާއިރާގެ އޭރުގެ މެންބަރު އަހްމަދު އަބްދުﷲ ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް އަލުން މަޖިލީހަށް ހުށަހަޅާފަ އެވެ.
އެމްޑީޕީން އޭރު އެ ގާނޫނު މަޖިލީހަށް ހުށަހަޅާ ފާސްކުރީ އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ޕީއެންސީއަށް ބަދަލުވުމާ ގުޅިގެން އެކަން ހުއްޓުވުމަށެެވެ.
އެންޓި ޑިފެކްޝަން ގާނޫނު މިހާރު އޮތް ގޮތުން މެންބަރަކު ޕާޓީ ބަދަލުކުރި ނަމަވެސް އޭނާގެ ގޮނޑި ގެއްލޭނެ ކަމަކަށް ސާފުކޮށް ބަޔާންކޮށްފައެއް ނުވެ އެވެ. ނަމަވެސް އެފަދަ ހާލަތެއްގައި އެ މެންބަރަކު ހަތް ދުވަސް ތެރޭގައި އަމިއްލައަށް އިސްތިއުފާ ދޭންޖެހެ އެވެ. އިސްތިއުފާ ނުދެއްވައިފިނަމަ ކަންކުރާނެ ގޮތެއް ގާނޫނުގައި ބުނެފައެއް ނުވެ އެވެ.
އިސްތިއުފާ ދޭން ޖެހޭ ހާލަތުގެ ގޮތުގައި ތިން ހާލަތެއް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެއީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުން ނުވަތަ އާއި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ ގުޅޭ ހާލަތެވެ.