ވެރިކަން ކުރާ ޕީއެންސީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އަށް ބައެއް މީހުން ކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވާފި އެވެ.
މެންބަރު މުސްތަފާއަކީ ގޭންގް ކުށްތަކާއި މާރާމާރީ ހިންގުމާއި އަދި މަސްތުވާތަކެތީގެ ވިޔަފާރީކުރުމުގެ އިތުރުން ރޭޕް އަމަލުތަކެއް ހިންގާފައިވާ ބޭފުޅެއް ކަމަށް ބުނެ ދޭތެރެދޭތެރެއިން ސޯޝަލްމީޑިއާގައި އޭނާގެ މައްސަލަތަކެއް ފެންމަތި ކުރެ އެވެ.
މިފަހުން އޭނާގެ އެފަދަ މައްސަލަތަކެއް ފެންމަތިކުރީ "ރާއްޖެ ލީކްސް"ގެ ނަމުގައި ހިންގާ އެކްސް އެކައުންޓެއްގައި ކުރި ޕޯސްޓެއްގައެވެ.
ރާއްޖެ ލީކްސްގެ ޕޯސްޓަށް ރައްދުދެއްވަމުން މެންބަރު މުސްތަފާ ވަނީ އޭނާއަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.
މުސްތަފާ ވިދާޅުވީ ރާއްޖެ ލީކްސް އިން އޭނާއާ ގުޅޭގޮތުން ކޮށްފައިވާ ހުރިހާ ތުހުމަތުތަކަކީވެސް ދޮގު ވާހަކަތަކެއް ކަމަށާއި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އޭނާ އަކީ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާ މީހެއް ކަމަށްވެސް ވިދާޅުވި އެވެ.
މުސްތަފާ ވަނީ އޭނާއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރުވެސް ދެއްވާފަ އެވެ.
"މިފަދަ ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،" އޭނާ ވިދާޅުވި އެވެ.
މުސްތަފާ އިތުރަށް ވިދާޅުވި ގޮތުގައި އޭނާއަކީ އޭލަވަލްއަށް ކިޔަވަމުން ދިޔަ ދުވަސްވަރުން ފެށިގެން އަމިއްލައަށް މަސައްކަތް ކޮށްގެން ދިރިއުޅެމުންދާ މީހެކެވެ. އަދި އޭނާ ދަންނަ ވަރަށް ގިނަ މީހުންނަށް އެކަން އެނގޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
މުސްތަފާއާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކާ ގުޅިގެން ބައެއް ކަންކަން ސާފުކުރަން އަވަސް އިން މުސްތަފާ އަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ.