ފަންނު

ރިނބުދޫގެ އާޓްސީނުން ބޮޑު ހިބަރެއް!

މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން އޮސްޓްރޭލިޔާގެ މެލްބަންގައި އަހަރެއްހާ ދުވަސް ހޭދަ ކުރީމެވެ. މިއަދާއި ހަމައަށްވެސް އެދުވަސްތައް އެއީ ވަރަށް ބޮޑަށް ހަނދާނުގައި ހުންނަ ދުވަސްތަކަކަށްވެފައި ވެއެވެ. މެލްބަން ސިޓީ އަކީ ވަރަށް ތަފާތު ވަރަށް ހިތްގައިމު ތަނެކެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ދިރިއުޅުމަށް އެންމެ ކަމުދާ ސިޓީއަށް މެލްބަން ވެފައި އޮންނަނީ ވެސް ކަމެއް ވެގެނެވެ. އެހެން ގިނަ މީހުނެކޭ އެއް ގޮތަށް މެލްބަންގެ ޖާދޫގައި އަހަރެންގެ ހިތް ވެސް ރަނގަޅަށް އޮތީ ޖެހިފަ އެވެ.

ދުވަސްތައް މެލްބަންގައި ހޭދަ ކުރިއިރު އެ ސިޓީ ތެރެއިން ކޮންމެވެސް ތަފާތު އާދަޔާހިލާފު ކަމެއް ދިމާ ނުވެ ދާނީ ހާލަކުން ދުވަހަކު އެވެ. ފަހަރުގައި އެއީ ރީތި ކޮސްޓިއުމެއް ލައިގެން ހިނގާލާފައި ދާ މީހެއް ނުވަތަ ހަރީފު މޫސުމާއެކު ހުރިހާ ގަހެއްގެ ފަތްތައް ބިމަށް ފާބައިފައި އޮންނަ މަންޒަރެވެ. ނޫނީ ދަރިފުޅާއެކު ޓްރޭމަށް އަރަން އޫޅޭ އިރު ކޮތަޅުތަކާއި ދަރިފުޅުގެ ސްޓްރޯލާ ޓްރޭމަށް އަރުވައިދިނުމަށް ބަހުގައި ހަމަޖެހިގެން އިށީނދެ އިންނަ ފަސިންންޖަރު ފައިބައިގެން އައިސް އެހީތެރިވެލައި ދިނުން ކަމުގައި ވިއަސް މެއެވެ. އެކަހަަލަ ވެސް ބައިވަރެކެވެ. އެހެންވެ މި ވާހަކަ މި ފެށީ މެލްބަންއާ ހަމައިންނެވެ.

މެލްބަން މަޝްހޫރުކަން ހޯދާފައި ވަނީ މުޅީން ކުދިކުދި ކެފޭތަކާއި ސްޓްރީޓް އާޓުންނެވެ. އެ ސިޓީތެރެއިން ވަރަށް އާދަޔާ ހިލާފު މަގެއް ބަލައިލާން ވެސް ދެވުނެވެ. އެއީ ހޯޒިއާ ލޭން އެވެ. އެ މުޅި މަަގުގައި ހުރިއްޔާ ހުރި އިމާރާތެއްގެ ހުރިހާ ސާފޭސްއެއްގައި ހުންނަނީ ގްރެފިޓީ އާޓިސްޓުންގެ ރީތި ކުރެހުންތަކެވެ. އެންމެ ތަންކޮޅެއް ވެސް ހުހަކަށް ނޯވެ އެވެ. އަދި އެ ކުރެހުންތައް ދުވަސް ދުވަސް ކޮޅުން ބަދަލު ވެއެވެ.

ސްޕްރޭ ޕެއިންޓާއި އެހެން ވެސް ޕެއިންޓްތަކާއި އެކި ކުލަކުލައިން މުޅި މަގު އޮންނަނީ ފަވާލާފަ އެވެ. އެ މަގަކީ މެލްބަންގެ އާޓް ސީންގެ ހިތެވެ. އެ މަގުގެ ކުލަ ގަދަކަމާއި "ކޫލް" ކަން ބަލަން ގިނަ ބަޔަކު ގޮސް ހުއްޓި އާޝޯހުވެފައި ތިބެ އެވެ. އަދި ޓޫރިސްޓުންގެ އެންމެ މުހިންމު ފޮޓޯ ސްޕޮޓަކަށް އެ މަގު އޮންނަނީ ވެފަ އެވެ. ދެން މެލްބަންގެ ވާހަކަ ބާއްވާފައި ރާއްޖޭގެ ދ. އަތޮޅު ރިނބުދޫއަށް ޖައްސާލަމާ ހިނގާށެވެ.

ރިނބުދޫ ހިބަރުގެ ޚަބަރު

ސޯޝަލް މީޑިއާގައި މިދުވަސްކޮޅު މަޝްހޫރުކަން ހޯދައިގެން އުޅޭ ހިބަރު ފެނިއްޖެ ހެއްޔެވެ؟ އެއީ މި ދިވެހިރާއްޖޭގެ ދާލު އަތޮޅު ރިނބުދޫން ބޭރުވެ މާ މަޝްހޫރު ވެގެން އުޅޭ ބޮޑު ބިޔަ ހިބަރެކެވެ. މާ ވަރުގަދަ ހިބަރެއްގެ ސޯޝަލް މީޑިއާގައި ވައިރަލްވެ، ބާރަށް ދުވާތީ އަހަރެންގެ ލޮލުގައި ވެސް އަޅައިގެންފި އެވެ. އެކަމަކު މި ހިބަރަކީ މަސްވެރިއަކު ކެޔޮޅު ކަމުގައި ގޮސް ބާނައިގެން އުޅޭ ހިބަރެއް ނޫނެވެ. މިއީ އާޓިސްޓުންތަކެއް އެކުވެގެން ރިނބުދޫގެ އިމާރާތެއްގައި ރީއްޗަށް ކުރަހާލާފައިވާ މަސް ފަލަ ހިބަރެކެވެ.

މި ހިބަރު ފުރިހަމަކޮށް ކުރަހާލާފައި ވަނީ މޯލްޑިވިއަން އާޓް ކޮމިއުނިޓީގެ ތިން އާޓިސްޓެއް ކަމަށްވާ ރާއިފް ސިރާޖާއި މުސްތޮފާ މުހައްމަދު އަދި އަހުމަދު އިހުސާނެވެ. ތިން އާޓިސްޓުން ކުރަހައިދިން ހިބަރު ކައިރީ ހުރެ ވަކި އޭންގަލްއެއްގައި ފޮޓޯއެއް ނަގާއިރު އެއީ ތްރީޑީ ހިބަރެއްހެން ހީވާ ގޮތަށް ފެނެ އެވެ. އެ ކުރެހުން ފުރިހަމަކޮށްފައި ވަނީ ހިބަރުގެ ހިޔަންޏާއި ވެސް އެއްކޮށްށެވެ. ހިބަރެއް ބާނާ ގޮތަށް ނަނެއް ވިޔަސް ދޮއްޓެއް ވިޔަސް ހިފައިގެން ފޮޓޯ ނަގަން ހުއްޓޭން ވެސް މިވަރެއް ނެތޭވެސް ބުނެވިދާނެ އެވެ.

ދިވެހި އާޓިސްޓުންގެ ހިތްގައިމު މި މަސައްކަތާއެކު ތިލޭރު ކަމުން ނަން ޖަރީވެފައިވާ ރިނބުދޫ އެހެން ކުލަވަރަކުން ވެސް ޖަރީވެ މަޝްހޫރުވީ އެވެ. މި ބޮޑު ހިބަރުގެ އިތުރުން ވެސް ރިނބިދޫގައި ވޯލްއާޓް މިއުރަލްތަކުން ރަށުތެރެ ވަނީ އެއްކޮށް ކުލަޖައްސާފަ އެވެ. ދުވަހަކު މަހަށް ނުދިޔައަސް އަދި މާކެޔޮޅަކަށް ނުވިޔަސް، ހިބަރެއް ނުބާނާ މީހަކަށް ވެސް މި ހިބަރާއެކު ހިބަރު ބާނަ ފޮޓޯ ނެގިދާނެ އެވެ.

ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވި ގޮތުގައި އެ ހިބަރަކީ އެ ރަށުގެ ހުރަސް މަގު ނުވަތަ އިބްރާހީމީ މަގުގައި ކުރިން ސްކޫލް ހިންގި އިމާރާތުގައި ޒުވާން އާޓިސްޓުންތަކެއް ކޮށްފައިވާ މަސައްކަތެކެވެ.

"އެއީ ސާޅީހަކަށް އަހަރުވެފައިވާ އިމާރާތެއް. ބޭނުމަކަށްވީ ބާވެ ވީރާނާވާން ކައިރިވެފައިވާ އިމާރާތްތައް ރީތި ކޮށްލުން. ރަށުގެ އިރުމަތީ ފަޅީގެ ގިނަ ފާރުތައް ހުންނަނީ ޒަމާނީ ގޮތަކަށް ކުރަހާ ދިވެހިންގެ ރަށްފުށު ސާދާ ދިރިއުޅުމާއި ރަށާއި ގުޅޭ ހާއްސަކަން ކަން އާޓުން ކިޔައިދީފައި. ދިވެހިބަހުން އަދި އިނގިރޭސިން ތަފްސީލުކޮށްފައި ހުންނާނެ. ހިބަރަކީ ކޮވިޑްގެ ކުރިން އާޓިސްޓުން ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހު މަސައްކަތް. އެހެންވީމާ މާ ގިނަ ބަޔަކަށް ނުފެނި އަދި ކިރިޔާ މި ހިބަރު މަޝްހޫރުކަން ހޯދައިގެން މިއުޅެނީ." އޭނާ ވިދާޅުވި އެވެ.

ރަށްފުށު ދިރިއުޅުން ޓުއަރިސްޓުންނަށް

ހިބަރު ކުރަހާފައިވާ އިމާރާތުގެ އެހެން ފާރުތަކުގައި ވެސް ކަނޑުގެ ދިރުން ދައްކުވާ ވޯލްއާޓް މިއުރަލްތަކެއް ހަދާފައި ވެއެވެ. މިގޮތުން މަޑި އައި ބޯވަ އާއި ރިނބުދޫގެ ފޯކްލޯރެއް ކަމަށްވާ "ރޮދުއައްޔަ" ގެ ވާހަކަ ކިޔައިދޭ މަންޒަރެއް ވެސް ހިމެނެ އެވެ. ރޮދުއައްޔަގެ ވާހަކަ، ސުރުހީ އާޅާލާފައި ނިންމާލާ ވަރަށް ވުރެ ތަންކޮޅެއް ޝައުގުވެރި އެވެ.

ރިނބިދޫއަށް ދިޔަ މީހަކު ބުރުނު ނަކަތުގެ ހުކުރު ދުވަހަކު ދޯނިގައި ނައްޓާލަން އުޅުމުން ރަށު މީހުން އެ ދަތުރު ނުކުރަން އެދުނެވެ. ޖަވާބުގައި ރޮދުއައްޔަ ބުނިކަމަށް ވަނީ "ބުރުނު ނަކަތއިގައި ދަތް ހުރޭ ހެއްޔޭ" އެވެ. އެ ޖަދަލާއެކު އޭނާ ފުރައިގެން ދިޔައީ އެވެ. އޭގެ ފަހަށް އައްޔަ އާއި އޭނާ ދަތުރުކުރި އޮޑި ގެެއްލުނީ އެވެ. އެ ފަހަށް ރިނބުދޫ ކައިރި ކަނޑުތެރެއިން ފެންނަ އަލިގުޅައަކަށް ރޮދުއައްޔަގެ ނަމުން ނަންދީފައި ވެއެވެ. އެ ފޯކްލޯރަށް ވޯލް އާޓްގައި އަލިއަޅުވާލާފައި ވެއެވެ. ފުރިހަމައަށެވެ.

"މަގުސަދަކީ މިއިން ކޮންމެ އާޓް ވޯކަކުން ވެސް ރާއްޖެ އާއި ގުޅޭ ތާރީހީ ވާހަކައެއް ކިޔައި ދިނުން. ހިބަރެއް ކުރަހަން ނިންމީ މި ދުވަސްކޮޅުގެ ޓްރެންޑަކަށް ވަރަށް ބޮޑަށް ވެފައި މިއޮތީ ގޭމް ފިޝިންގް. ހިބަރު ބޭނުމާއި ކުރުމަސް ބޭނުން ވައިގައި ހިފައިގެން އުޅޭ ދުވަސްކޮޅެއް ވީމަ. ވަރަށް ގިނަ ޓުއަރިސްޓުން މި ރަށަަށް އައި ކޮވިޑްގެ ކުރިން މިއުރަލްތައް ބެހެއްޓި ފަހުން މި ރަށް ބަލާލައި ފޮޓޯ ނަގަން. ކައިރި ރިސޯޓްތަކުންނާއި ދުރުން ވެސް އައި. ޓުއަރިސްޓުންގެ އިތުރުން ދިވެހިން ވެސް މި ރަށަށް ޒިޔާރަތް ކުރި. މި މަަގަކީ މި ރިނބިދޫގެ މައި ހަބަށް ހެދުން ކައުންސިލް ޕްލޭނަކީ. އަދި މި ރަށުގައި ހުރި ގެސްޓް ހައުސް ޑިސެމްބަރުގައި ހުޅުވުމުން މި ހިބަރު އިތުރަށް މަޝްހޫރު ވެގެން ދާނެ"

ރަންރިހީގެ މަސައްކަތުން ކުރިއަރައި އޭގެ ދެވަނައެއް ނެތް ރިނބުދޫ މި އަންނަނީ އެހެން ބޮޑު މަޝްހޫރުކަމެއް ހޯދަމުންނެވެ. އޮސްޓްރޭލިއާގެ މެލްބަންގެ ހޯޒިއާ ލޭން ގޮތަށް ދުވަސްކޮޅަކުން ޓުއަރިސްޓުންނާއި އާއްމުން ކެތްމަދު ވާނީ ރިނބުދޫގެ މި އާޓްސީން ބަލާށެވެ. ރަށަށް ޒިޔާރަތް ކުރާ މީހުން ގިނަވެ އާއްމުންގެ ކުދި ވިޔަފާރިތައް ފުޅާވެ ބޮޑެތި ވިޔަފާރިތަކަށް ބަދަލުވެ ފުދުންތެރިކަމާއި މަސައްކަތްތެރި ކަމާއެކު އާމްދަނީ އިތުރުވެ ތަނަވަސް ތާހިރު ދިރިއުޅުމެއް މެލްބަންއެކޭ އެއްގޮތަށް ރާއްޖޭގައި ދިރިއުޅެން އެންމެ ފަސޭހަ ރަށަށް ރިނބުދޫ ނުވާނެ ސަބަބެއް ވެސް ނެތެވެ. މި ލައިވް އާޓް އެކްޒިބިޝަން ބަލައިލަން މެލްބަން އެކޭ އެއްގޮތަށް ރިނިބުދޫއަށް ވެސް އަހަރެންގެ ހިތް މިހާރު ކިޔައެވެ. ދެން މިހާރު ކެތްމަދުވެފައި މި އިންނަނީ ރިނބިދޫ ބަލާލަން ދާށެވެ... ސީޔާ ރިނބިދޫ!