ލައިފްސްޓައިލް

އީދު ބިރިޔާންޏާއެކު ރަނުގެ ގަހަނާތަކެއް ކާލައިފި

އިންޑިޔާގައި އީދު ފާހަގަ ކުރަން ބޭއްވި ޕާޓީއެއްގައި ވަރަށް އަޖައިބުވާ ކަމެއް ހިނގައިފި އެވެ. މިކަމެއް ހިނގާފައި ވަނީ ޗެންނާއިގަ އެވެ. އެ ރަށުގައި އީދު ފާހަގަކުރަން ބޭއްވި ޕާޓީއަކަށް ދިޔަ 32 އަހަރުގެ ފިރިހެނަކު ޕާޓީގައި އެންމެންކާން ބަހައްޓާފައި ހުރި ބިރިޔާނީ އާއެކު 1.45 ލައްކަ ރުޕީސްގެ ރަނުގެ ގަހަނާ ވެސް ވަނީ ކާލާފަ އެވެ.

މި މީހާ ވަގުތުން ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ވަނީ ބަނޑުދިޔާކުރާ ބޭސް ދީ އަދި ބޮޑުގުންބާ ކޮށްގެން އޭނާ ކާލި ހުރިހާ ރަނުގެ ގަހަނާތައް ބަނޑުން ނަގާފަ އެވެ.

ގަހަނާތައް ދިރުވާލީ ރަން ފިހާރައެއްގައި މަސައްކަތްކުރާ މީހެކެވެ. އެ ފިހާރައިގައި މަސައްކަތްކުރާ އޭނާގެ އެކުވެރިއަކު އީދު ދުވަހު ފިހާރައިގެ އެންމެންނަށް އޭނާގެ ގެއަށް މެންދުރުގެ ކެއުމަކަށް ދައުވަތު ދިނެވެ. އަދި އެންމެން ގެޔަށް ގެނެސް ބިރިޔާނީ ކާން ދިޔައެވެ. މި މީހާގެ ގެޔަށް އައި އެކުވެރިންގެ ތެރޭގައި ޒުވާން އަންހެނަކު ވެސް ހިމެނެ އެވެ. އަދި އެ އަންހެންމީހާ އާއެކު އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެންމީހާ ވެސް ޕާޓީއަށް ދިޔަ އެވެ.

މި ޕާޓީގައި ބަނގުރަލުގެ ބުއިންތައް ވެސް ހުއްޓެވެ. އެހެންވެ ގަހަނާތައް ކާލި މީހާ ރަނގަޅަށް ބިރިޔާނި ކައިގެން އޭގެ ފަހުން ރަނގަޅަށް މަސްތުވި އެވެ.

އޭނާގެ ގެއިން ރަނުގެ ގަހަނާތަކެއް މަދުކަމުން ޕާޓީދިން މީހާއަށް އެނގުނީ ޕާޓީ ނިމުނު ފަހުންނެވެ. މި އެއްޗެތި ވަގަށް ނެގި މީހަކު ހޯދުމަށް ކުރި މަސައްކަތުން އެންމެ ބޮޑު ޝައްކެއް ވީ ޕާޓީ ދިން މީހާގެ އެކުވެރި އަންހެން މީހާގެ ލޯބިވެރިޔާ އަށެވެ.

މި މީހާއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުން މޭ 4 ވަނަ ދުވަހު ފުލުހުން ވަނީ އެމީހާއާ ސުވާލު ކޮށްފަ އެވެ. އަދި އެމީހާ ވަނީ އެ ތަކެތި ވަގަށް ނެގި ކަމަށް އެއްބަސް ވެފަ އެވެ. އޭނާ ފުލުހުންނަށް ކިޔައިދިން ގޮތުގައި އީދު ޕާޓީއަށް ދިޔަ ދުވަހު އޭނާ އެތަނުގައި ހުރި ބިރިޔާނީތަކާއެކު ވަގަށް ނެގި ގަހަނާތައް ވެސް ދިރުވާލީ އެވެ.

ވަގުތުން އެމީހާގެ އެކްސްރޭ ނަގާފައި ބެލިއިރު ރަން ފަށަކާއި ރަނުގެ ހާރެއް އަދި ފަށު ފުލެއް އޭނާގެ ބަނޑުތެރޭގައި އޮތްކަން ޔަގީންވި އެވެ.
މި މީހާ ދިރުވާލި ރަނުގެ އަގު 25،000 ރުޕީސް އަށް ވުރެ މައްޗެވެ. އަދި ހާރުގެ އަގު 95،000 ރުޕީސް އަވަށް ވުރެ މައްޗެވެ.

އެންމެ ފަހުން ބަނޑުދިޔާކުރާ ބޭހުގެ މަތީ ޑޯޒްތަކެއް ދިނުމަށްފަހު ބޮޑުގުންބާ ކުރުމުން އެ ހުރިހާ ގަހަނާއެއް ވަނީ ފައިބާފަ އެވެ.

އެމީހާ ފުލުހުން ކައިރީ ބުނި ގޮތުގައި ރަނުގެ ގަހަނާތައް ވަގަށް ނެގީ އޭނާ އެވެ. ނަމަވެސް އެ ދިރުވާލެވުނީ މަސްތުވެގެން ކުރެވޭ ނުކުރެވޭކަމެއް ނޭނގޭ ހާލަތުގައި ހުރީމަ އެވެ.