ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

7 އަހަރުގެ ކުއްޖަކު ވެންޓިލޭޓަރުގައި؛ ހާލު ރަނގަޅެއް ނޫން

ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން ހަތް އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާއިރު އެ ކުއްޖާގެ ހާލު ރަނގަޅު ނޫން ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނީ ތ. އަތޮޅަށް ނިސްބަތްވާ ކުއްޖެކެވެ. މިއީ ކޮވިޑް ޖެހި ހާލު ގޯސްވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ އެންމެ ހަގު ދިވެހި ކުއްޖާ އެވެ. ކޮވިޑްޖެހޭ ކުދިންގެ އަދަދު އިތުރުވި ނަމަވެސް ކުޑަކުދިންގެ ހާލަތު މި ބަލީގައި މިހާތަނަށް މާގޯސްވެފައެއް ނުވެއެވެ.

އެޗްއީއޯސީގެ މިއަދުގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކުޑަކުއްޖާގެ ހާލަތު އަދި ރަނގަޅު ނޫން ކަމަށެވެ.

"ހާލަތަކަށް ބަދަލެއް ނާދޭ، އަދިވެސް ވެންޓިލޭޓަރުގައި އޮތީ،"

ރާއްޖެއިން މިހާތަނަށް 61،844 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 24،818 އަކީ އެކްޓިވް ކޭސްއެވެ. އޭގެ ތެރޭގައި 240 ކުޑަކުދިން ހިމެނެއެވެ. އަދި 46 މާބަނޑު މީހަކު ހިމެނެއެވެ. ކޮވިޑްގައި މިހާތަނަށް 155 މީހަކު ވަނީ މަރުވެފައެވެ. މި ވަގުތުވެސް 252 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.