ވެރިރަށް މާލޭގައި ވެސް އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ހަލުއި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާ މި ދަނޑިވަޅުގައި ކުޑަކުދިންނަށް ވެސް ބަލީގެ ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. ދުވާލަކު އެތައް ކުޑަކުދިނެއް ކޮވިޑް ބައްޔަށް ދަނީ ޕޮޒިޓިވް ވަމުންނެވެ. މިހާރު ވެސް ވަނީ ކޮވިޑް-19 ގައި 10 އަހަރުގެ އަންހެން ކުއްޖަކު މަރުވެފަ އެވެ. އަދި މިވަގުތުގައި ވެސް ރާޢްޖޭގައި ކޮވިޑް ބަލީގައި ބޮޑުވަރުވެ ސީރިއަސް ހާލަތެއްގައި އުމުރުން ހަތް އަހަރު ކުއްޖަކަށް ދަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.
އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބު ދައްކާ ގޮތުގައި މިދިއަ މޭ މަހު އެކަނި ވެސް ރާއްޖޭން 381 ކުއްޖަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. މި ނަމްބަރު ތަކުގައި އަލަށް އުފަންވާ ކުދިން ވެސް ހިމެނެ އެވެ.
ކޮވިޑް-19 އިން ދިފާއު ވާން ޖަހާ ވެކްސިން ތަކަކީ 18 އަހަރުން ދަށުގެ ކުދިންނަށް ހުއްދަ ދީފައިވާ ވެކްސިނެއް ނޫނެވެ. އެހެން ކަމުން ރާއްޖޭގެ އާބާދީގައި ހިމެނޭ ކުޑަކުދިންނަށް ވެކްސިނުގެ ރައްކާތެރިކަން އަދި ލިބިފައެއް ނުވެ އެވެ.
ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވާ ގޮތުގައި ކުޑަކުދިނަށް ކޮވިޑް-19 ޖެހުމުން ފެންނަ ނުރައްކާތެރި ބައެއް އަލާމާތްތަކެއް ވެއެވެ.
ފާހަގަވާ ބައެއް ކަންކަންކަން
- ނޭވާ ކުރުވުން
- މެޔަށް ތަދުވުން
- ފެން މަދުވެ ހަ ގަޑިއިރު ވާއިރު ކުޑަކަމު ނުދިއުން
- ބިހިތަކެއް ނެގުން / ދޮންފޫޑުވުން
- ލޯ ރަތް ވުން
- އާދަޔާހިލާފަށް ވަރުބަލިވުން
- ވާނުވާ ނޭނގުން
- ގިނައިން ނިދުން
މިއީ ކުދިންގެ ހާލު ނުރައްކާ ވާނަމަ ފެންނަ ބައެއް އަލާމަތް ތަކެވެ؛ ފައިސަލް ފާހަގަ ކުރައްވާ ގޮތުގައި ކުޑަކުދިންނަށް ކޮވިޑް-19 އިގެ ނުރައްކާ ބޮޑީ އެކުދިންގެ ކިބައިގައި އިތުރު ބޮޑު ބައްޔެއް ހުންނަ ނަމަ އެވެ. ގުނަވަނެއް ޓުރާންސްޕްލާންޓް ކޮށްފައިވާ ކުއްޖައްކަށް ވިއްޔާ ބަލީގެ ނުރައްކާ ބޮޑެވެ. އަދި ހަކުރު ބައްޔާއި، ހިތުގެ ބައްޔާއި ބަރުދަން މަތި ކުދިންނަށް ކޮވިޑް-19 އިގެ ނުރައްކާ ބޮޑުވެ އެވެ. މީގެ އިތުރުން ނޭވާ ހިއްލުން ކޮންޓުރޯލް ނުވެ ހުންނަންޏާ ވެސް ކޮވިޑް-19 ނުރައްކާ ބޮޑު މިންވަރު އިތުރުވެ އެވެ.
ބޮޑެތި ބަލިތައް ހުންނަ ކުދިންގެ ހާލަތު ވަޒަން ކޮށްލުމަށް އެ އަލާމާތްތައް އެކުދިންގެ ކިބައިން ފެނޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ކޮވިޑް-19 އާއެކު ކުޑަކުދިންގެ ސިއްހަތަށް ނުރައްކާ އޮތް އިރު ސްކޫލް ބަންދުވެ، ކުދިންގެ ކިޔެވުން ހުއްޓި ބޭރަށް ގޮސް ދުވެ ކުޅެލާން ފުރުސަތު ނުލިބި ކުދީން ވަނީ ގެތަކުގެ އެތެރޭގައި ތާށިވެފަ އެވެ. މާލޭގައި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ކުޑަކުދިން ދުވާލުގެ އަލިކޮޅެއް ގައިގައި ނުޖެހުމުގެ ސަބަބުން ވިޓަމިން ޑީ އެކުދިންގެ ގައިގައި މަދުވެ އެކުދިންގެ ހަރަކާތްތެރި ވުމާއި ހަކަތައަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
ލޮކްޑައުންގައި ކުޑަކުދިންނާއި އަންހެނުނަށް ލިބޭ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބޭ އަނިޔާ ތަކަކީ ވެސް އެކަމަށް ސަމާލު ވާން ޖެހޭ އެއް ކަމެވެ. މިދިޔަ ލޮކްޑައުންގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެތައް ކުޑަކުދިންނެއް އަނިޔާގެ ޝިކާރައަކަށް ވެފައި ވެއެވެ.
ޖެންޑާ މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބަށް ބަލާއިރު ވެސް މިއަހަރުގެ މާޗް މަހުގެ އެކަނި ވެސް 215 ކޭސް އެފަރާތަށް ރިޕޯޓް ކޮށްފައި ވެއެވެ. ކޮވިޑް-19 އިގެ މި ދަނޑިވަޅުގައި ކުޑަކުދިންނަށް ހާއްސަ ސަމާލު ކަމެއް އަދި ރައްކާތެރި ކަމެއް ދިނުމަށް އެއްމެން ވެސް މަސައްކަތް ކުރަންޖެހެ އެވެ.