ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

މިޝްކާ ނިޔާވުން: އިހުމާލު އެބައޮތް، ފިޔަވަޅު އަޅާނެ

ކޮވިޑް ބަލީގައި ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ ނިޔާވި މައްސަލާގައި އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް ކުރިއަށް ގެންދާ ތަހުގީގު މިރޭ ނިމޭނެ ކަމަށާ އިހުމާލެއް އެބައޮތް ކަމަށާ އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޝްކާގެ ހާލު ދެރަވުމާ ގުޅިގެން އެމްބިއުލާންސަށް ތަކުރާރުކޮށް ގުޅުމުން ވެސް މިޝްކާ ބަލައި އެމްބިއުލާންސް ދިޔައީ ގާތްގަނޑަށް ތިން ގަޑިއިރު ފަހުން ކަމަށް އާއިލާ ބުނެއެވެ.

"އަޅުގަނޑު ގަބޫލުކުރަން އަޅުގަނޑުމެންގެ އިހުމާލެއް އުޅޭކަން، ހެލްތް މިނިސްޓްރީގެ އިހުމާލެއް އުޅޭކަން މިކަންތައްތައް ލަސްވުމުގައި. އެމްބިއުލާންސް ލަސްވުމުގައި. އަޅުގަނޑު އެ އާއިލާއަށްވެސް ގުޅިގެން. އެ އާއިލާގެ މުހައްމަދާވެސް އަޅުގަނޑު ވާހަކަވެސް ދެއްކިން. އެކަންތައް ދިމާވި ގޮތްވެސް އަޅުގަނޑު މުހައްމަދަށް ދެންނެވިން. އެ ބޭފުޅާއަށް އަޅުގަނޑު، އެއީ މިޝްކާ އަވަހާރަވުމުގެ ކުރީން އަޅުގަނޑު ގުޅީ. އޭގެ ފަހުން އަޅުގަނޑަށް އެނގޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާވެސް އެ އާއިލާއަށް ގުޅުއްވާ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަން ހިނގާދިޔަ ގޮތް ބެލުމަށް ފަށާފައިވާ މަސައްކަތް މިރޭ ނިމޭނެ ކަމަށެވެ. އަދި ވިދާޅުވީ މިޝްކާއަށް ފަރުވާ ނުލިބި ގިނަ ވަގުތަކެއް ވެގެން ދިއުމުގައި އިހުމާލެއް އެބައޮތް ކަމަށާ މިހާރު ބަލަމުން ދަނީ އެއީ ކޮންކޮން އިހުމާލެއްތޯ ކަމަށެވެ. އަދި އިހުމާލު ބެލުމުގައި ލަސްވެފައިނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މައްސަލައާ ގުޅިގެން އަޅުއްވާ ފިޔަވަޅުތައްވެސް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިޝްކާ ރޭ ނިޔާވި މައްސަލާގައި އާއިލާގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިޝްކާގެ ބައްޕައާއި މަންމަ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިޝްކާ ވެސް ގޭގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެކަމަކު ރެއާ ހަމައަށް މިޝްކާގެ ހާލު ރަނގަޅު ކަމަށާއި ކުއްލިއަކަށް ހާލު ގޯސްވުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސަށް ގުޅީ ރޭ 11:40 ހާއިރު ކަމަށް އާއިލާ އިން ބުނެފައިވެ އެވެ. މިޝްކާ ބަލައި އެމްބިއުލާންސް އައީ ގުޅިތާ ގާތްގަނޑަކަށް ތިންގަޑިއިރު ފަހުން ކަމަށްވެސް އާއިލާ އިން ބުނެ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ކަންކަމަށް ފަސް އެމްބިއުލާންސް ހާއްސަކޮށްފައިވާ ކަމަށާ އެއީ ރަނގަޅު އަދަދެއް ކަމަށެވެ. އަދި ރޭގެ ހާދިސާގައި ވެފައިވާ އިހުމާލު މިރޭ ސާފުވުމުން އެކަންކަން ހިއްސާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް މިރޭ ވިދާޅުވީ މި މައްސަލާގައި އެމަނިކުފާނުގެ އިހުމާލެއް އޮތްތޯވެސް ބައްލަވާނެ ކަމަށެވެ. އަދި އިސްތިއުފާ ދެއްވުމަށް ވިސްނަވަންތޯ ކުރައްވާ ސުވާލަށް ޖަވާބު ދެއްވާނީ އޭގެ ފަހުން ކަމަށެވެ.

މަގާމުގައި ހުންނަވައިގެން އެކަން ބެލޭނެތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ މަގާމުގައި ހުންނަވައިގެން އެކަން ރަނގަޅަށް ބެއްލެވޭނެ ކަމަށެވެ.

"ވަރަށް ރަނގަޅަށް ވަރަށް ބޮޑަށް ގަބޫލުކުރަން [އަޅުގަނޑު މަގާމުގައި ހުރެގެން] ބެލިދާނެ ކަމަށް. އެއީ އަޅުގަނޑަކީ އެކަހަލަ ކަންތަކުގައި މަކަރެއް ހަދާނެ މީހެއްވެސް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނޭންގެ އިސްތިއުފާ ދޭން ޖެހޭ ކަމެއް އަދި. އެއީ އަޅުގަނޑުގެ އިހުމާލެއް މީގައި އޮތީ ކޮން ހިސާބަކުންތޯވެސް އެނގެން ޖެހޭ ނޫންތޯ. ހެލްތް މިނިސްޓްރީ އަކީ ގާތްގަނޑަކަށް 8،000 މީހުން އެކީ މަސައްކަތް ކުރާ ތަނެއް އިނގޭތޯ. ސިވިލްސާވިސްގެ ގާތްގަނޑަކަށް އެކާވީސް ޕަސެންޓް، ބާވީސް ޕަސެންޓް މީހުން އުޅެނީ ހެލްތް މިނިސްޓްރީގައި. އެހެންވީމަ މިވަރު ބޮޑު ވުޒާރާއެއްގައި މިހާ ގިނަ މީހުން... އަޅުގަނޑުމެންގެ އިމާރާތުގައި އެކަނިވެސް މަސައްކަތް ކުރޭ ހަތަރުސަތޭކަ އައްޑިހަ އެތައް މީހުންނެއް. އެހެންވީމަ އެ ހުރިހާ މީހުންނެއްގެ ފަރާތުންވާ ކަމެއްގައި ހަމައެކަނި ޒިންމާ ނަގަންޖެހޭނީ އަޅުގަނޑުތޯ އެވެސް ހަމަ އަޅުގަނޑު އަމިއްލައަށް އަޅުގަނޑާ ކުރަންޖެހޭ ސުވާލެއް،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަންކަން ހިންގަން މީހުންނަށް ދޫކޮށްލާފައި ނެތްނަމަ އެއީ އެމަނިކުފާނުގެ އިހުމާލެއް ކަމަށާ ކަންތައްތައް ހިނގާ ގޮތް ބަލައިގެން ކަމެއް ދިމާވެއްޖެނަމަ އެކަމެއް ރަނގަޅު ނުކުރާނަމަ އެއީވެސް އިހުމާލެއް ކަމަށެވެ. އެހެންވީމަ އެއިން ކަމެއް ކުރެއްވިފައި އޮތްތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.